ދިވެހި ފުޓްބޯޅައިގެ އައިކޮށް އަދި ރާއްޖޭގެ ކުޅިވަރު ތާރީހުގައި އުފެއްދި އެންމެ ކާމިޔާބު އެތުލީޓް އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޖޯޒީގައި ބައިނަލްއަގުވާމީ 100 މެޗު ހަމަކޮށް، ފީފާގެ ޝަރަފްވެރި ސެންޗަރީ ކްލަބުން ޖާގަ ހޯދައިފި އެވެ.
މިއީ ދިވެހި ކުޅިވަރުގެ ތާރީހުގައި ވެސް ލިޔެވިގެންދާނެ ވަރަށް ހާއްސަ އަދި އެހާމެ ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުގައި ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވެސް ސިފަ ކުރި އެވެ.
ދެކުނު އޭޝިއާގެ ނިސްބަތުން ވެސް ގައުމީ ޓީމަށް 100 މެޗު ހަމަ ކުރީ ވަރަށް މަދު ކުޅުންތެރިންތަކެކެވެ. އިންޑިއާގެ މަޝްހޫރު ދެ ލެޖެންޑުން ކަމަށްވާ ސުނިލް ޗެތުރީ އާއި ބައިޗުން ބުޓިއާ އާއި ރާއްޖޭގެ ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުހައްމަދު ފަދަ، މަދު ކުޅުންތެރިޔަކަށް ނޫނީ މީގެ ކުރިން ފީފާގެ ޝަރަފުވެރި ކްލަބުން ފުރުސަތު ލިބިފައެއް ނެތެވެ.
ރޭ، އެ ލިސްޓަށް އެ އިތުރުވީ ދަގަނޑޭ އެވެ. އޭނާ ގައުމީ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ވޭތުވެދިޔަ 23 އަހަރަށް ވުރެ ދިގު މުއްދަތުގައި އޭނާ ވަނީ ގައުމީ ޓީމަށް 58 ގޯލު ޖަހައިދީފަ އެވެ.
އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފަ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ފުޓްބޯޅައިގެ އެއް މެޗެއްގައި ދެ ހެޓްރިކް ހެދި ކުޅުންތެރިންގެ ޝަރަފު ހޯދި މަދު ކުޅުންތެރިންގެ ތެރޭގައި ވެސް ދަގަނޑޭ ހިމެނެ އެވެ.
ނަމަވެސް މި ހިސާބުތަކުގެ ފަހަތުގައި ވަނީ ލެޔާއި، ކަރުނައާއި، ބާކީކޮށްލުންތަކުން ފުރިގެންވާ ހުރަސްތައް ގިރާކޮށް އޭނާ ވީ ގުރުބާނީ އެވެ.
ދަގަނޑޭގެ ގައުމީ ލޯބި އެންމެ ބޮޑަށް ފެނިގެންދިޔައީ ރާއްޖެއިން ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް ހޯދި، 2008 ވަނަ އަހަރުގެ ސާފް ޗެމްަޕިއަންޝިޕްގެ ފައިނަލުގަ އެވެ.
އެ މެޗުގައި އިންޑިއާގެ ކުޅުންތެރިޔަކު އޭނާ އަށް ހަމަލާ ދިނުމުން މޫނު މަތިން ބޯކޮށް ލޭ އައެވެ. އެ އަނިޔާ އަށް ފަރުވާ ހޯދަން، މޫނު ބެންޑޭޖްކޮށްގެން ހުރި އިރުވެސް ލޭގެ އަސަރު ހުއްޓެވެ. އޭނާ މެޗު ފުރިހަމަކުރީ އެ ތަދާ އެކު ގައުމަށްޓަކަ އެވެ.
އެކަމަކު، އެ ކާމިޔާބީ އަށް 10 އަހަރު ފުރުނު މުނާސަބަތާ ބައްދަލު ކުރި 2018 ވަނަ އަހަރުގެ މާޗް މަހު އޭނާއަށް ކުރިމަތިލާންޖެހުނީ ހިތްދަތި ދުވަސްތަކަކާ އެވެ. ޕްރެސް ކޮންފަރެންސަށް ހާޒިރު ނުވިކަމަށް ބުނެ، އޭރުގެ ކޯޗު ޕީޓާ ސެގަޓް އޭނާ ގައުމީ ޓީމުން ބޭރުކޮށްލި އެވެ. އަހަރެއްހައި ދުވަހު އޭނާ ގައުމީ ޓީމުން ބޭރުގައި ބެހެއްޓި އެވެ.
އެއީ އޭނާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހެރިޓޭޖަށް ވެސް ލިބުނު ފޫނުބެދޭ ވަރުގެ ބޮޑު ދެރައެއްކަމަށް ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރި އެވެ.
ދަގަނޑޭގެ އެންމެ ބޮޑު ބަލިފަޔަކީ، މީޑިއާ ބީރަށްޓެހި ކުޅުންތެރިޔަކަށް ވުމެވެ. ޕަބްލިކް ފިގާއަކަށް އޭނާ ވިޔަސް، އިންޓަވިއު އާއި ޕްރެސް ކޮންފަރެންސަކީ އޭނާ އެންމެ ޖެހިލުންވި މާހައުލެވެ. ކެރިއަރުގައި ހޭދަ ކުރި ދިގު އަހަރުތަކުގައި ޓީވީ ކެމެރާ ކުރިމަތީގައި އޭނާ ދިން އިންޓަވިއުތަކުގެ އަދަދު އިންތހާ އަށް މަދެވެ.
މީގެ އިތުރުން، އުމުރުން އެންމެ 18 އަހަރުގައި ޕޯޗުގަލްގެ ބެންފީކާގެ ބީ ޓީމަށް ދާން ލިބުނު ފުރުސަތު އޭނާ ދޫކޮށްލުމަކީ ވެސް ހެދުނު ގޯހެކެވެ. ފީފާގެ ވެބްސައިޓަށް 2020 ގައި ދިން އިންޓަވިއުއެއްގައި، ދަގަނޑޭ ވެސް ވަނީ އެ ފުރުސަތު އޭރު ބޭނުން ނުކުރެވުމުން ފަހުން ދެރަވިކަމަށް ބުނެފަ އެވެ.
އެ ފުރުސަތު ދަގަނޑޭ އަށް ފަހިކޮށް ދިނީ ރާއްޖޭގެ އޭރުގެ ކޯޗު ޕޯޗުގަލްގެ މެނައުލް ގޯމޭޒް އެވެ.
"އެ ފުރުސަތު އޭނާ ބޭނުން ކުރިނަމަ ހާދަ ރަނގަޅުވީހޭ އަހަރެން މިހާރު ވެސް ހިތައް އަރާ،" 2024 ގައި "މިހާރު" އަށް ދިން އިންޓަވިއުގައި ގޯމޭޒް ބުންޏެވެ.
ރާއްޖޭގައި އިއްޔެ ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި އަފްޣާނިސްތާނާ ދެކޮޅަށް ދަގަނޑޭ، ކުޅެން ކޯޗު އުރްބާނީ ނެރުނީ ފަހު ވަގުތުގަ އެވެ. މެޗުގެ ނަތީޖާ ރާއްޖެއަށް ނުލިބުނަސް، އަޝްފާގު ހާސިލްކުރި މި ކާމިޔާބީއަކީ ވަރަށް އަގުހުރި ކާމިޔާބީއެއްގެ ގޮތުގައި އުރްބާނީ ސިފަ ކުރި އެވެ.
"އަދި އެންމެ ފަހުން، 100 ވަނަ މެޗު ހަމަކުރި އަލީ އަޝްފާގަށް މަރުހަބާ ކިޔަން އަހަރެން ވަރަށް ބޭނުން. އަހަރެން ފަދައިން ކަލޭމެންނަށް ވެސް ދަގޭ އެނގޭނެ. އަހަރެން (މިފަހަރު) ރާއްޖެ އައިތަނާހެން އޭނާގެ ފަރާތުން މެސެޖެއް ލިބުނު. އޭނާ އެދުނީ އަހަރެންނާ ބައްދަލުކޮށްލަން. ބައްދަލުކުރަން ބޭނުންވި ސަބަބެއް އަހަރެންނަކަށް ނޭނގޭ،" ތިންވަނަ ފަހަރަށް ރާއްޖޭގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރާ އުރްބާނީ، ރޭގެ މެޗަށް ފަހު ބުންޏެވެ.
"އަހަރެން ބުނިން ރޭގަނޑުވިޔަސް، ދުވާލުވިޔަސް، ކޮންމެ ވަގުތެއްގައި ވެސް އޭނާއަށް އަހަރެންނާ ބައްދަލުކުރެވޭނެޔޭ. ސަބަބަކީ އަހަރެންގެ ހިތުގައި އޭނާއަށް އޮތް އިހުތިރާމް ބޮޑުކަމުން. އެހެންވީމާ އެންމެ ފަހު ކަމަކަށް މެޗުން ލިބުނު ދެރަ ނަތީޖާ ފިޔަވައި މިއީ (ދަގަނޑޭ އަށް 100 މެޗު ހަމަކުރަން ފުރުސަތު ދެވުމަކީ) ހާސިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް."
ދަގަނޑޭއަކީ ހަމައެކަނި ދަނޑުމަތީގެ މޮޅު ކުޅުންތެރިއެއްގެ އިތުރުން، ދަނޑުން ބޭރުގައި ކުރިމަތިވި ހުރިހާ ގޮންޖެހުންތަކެއް ހިތްވަރާއެކު ގިރާ ކުރި ވަރުގަދަ ޝަހުސިއްޔަތެކެވެ. އޭނާ ވާނީ އަންނަން އޮތް ޖީލުގެ ކުޅުންތެރިންނާއި މިހާރުގެ ޒުވާން ކުޅުންތެރިންގެ ރޯލް މޮޑެލްއަކަށެވެ.
ލެޔާއި ކަރުނަ އާއި ބާކީކޮށްލުން: ހުރިހާ ހުރަހެއް ގިރާކޮށް ދަގަނޑޭ 100 ވަނަ މެޗާ އެކު ތާރީހުގެ ތެރެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ