އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިރޭ އޮކްލޭންޑް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ބޮކާ ޖޫނިއަރސް މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އޮކްލޭންޑް ސިޓީ ކުޅުނު ފުރަތަމަ މެޗުގައި 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަޔާން މިޔުނިކް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ބެންފީކާ އަތުން އެޓީމު ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.
ބޮކާ ޖޫނިއަރސް ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބެންފީކާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި ބަޔާން މިޔުނިކް އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބޮކާ ޖޫނިއަރސް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ އޮކްލޭންޑް ސިޓީގެ ގޯލަށް 19 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން ތިން ހަމަލާއެއް ގޯލާއި އަމާޒުވިއިރު، ދެހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މިމެޗުގައި ބޮކާ ޖޫނިއަރސް އިން ލީޑު ހޯދި ލަނޑަކީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އޮކްލަންޑް ސިޓީގެ ކީޕަރު ނޭތަން ގަރޭރޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އޮކްލޭންޑް ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކްރިސްޓިއަން ގުރޭ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް ޒަބެއްލޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މީގެ އިތުރުން މިހާފުގައި ބޮކާ ޖޫނިއަރސް އިން ވަނީ އޮކްލޭންޑް ސިޓީގެ ގޯލަށް 22 ހަމަލާއެއް ފޮބުވާލާފައެވެ. އަދި އޭގެ ތެރެއިން ހަތް ހަމަލާއެއް ގޯލާއި އަމާޒުވި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު ބޮކާ ޖޫނިއަރސް އިން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު އޮކްލޭންޑް ސިޓީ އިން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.
ކުލަބު ވޯލްޑްކަޕް: އޮކްލޭންޑް ސިޓީއާ އެއްވަރުވެ ބޮކާ ޖޫނިއަރސް މުބާރާތުން ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ