ރާއްޖޭގެ ދެ ރަށަކުން ނެގި ބަރުގަސް އޮށްތަކެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އިއްޔެ ފޮނުވާލައިފި އެވެ.
ޖައްވުގައި އެނބުރޭ ސްޕޭސް ސްޓޭޝަނަށް (އައިއެސްއެސް) އަށް ފޮނުވި ބަރުގަސް އޮށްތައް ނެގީ ހދ. ކުޅުދުއްފުށި އަދި ނ. ކެނދިކުޅުދޫ ކުޅިންނެވެ. އެ އޮށްތައް ނާސާއާ ހަވާލު ކުރީ މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުންނެވެ.
"މި މިޝަންއަކީ ހަމައެކަނި ސައިންސުގެ ކަމަކަށް ވުރެ މާ ބޮޑު މިޝަންއެއް. މިކަމަކީ ދިވެހިންނަކީ ކޮންބައެއްކަން ދައްކުވައިދޭ ރަމްޒެއް. ފުރަތަމަ ފަހަރަށް، ދިވެހިރާއްޖޭގެ ރޫހު، ބަރުގަހެއްގެ ސިފައިގައި، ޖައްވާ ހަމައަށް ދެވިއްޖެ،" ސްޕޭސް ރިސާޗް އޮގަނައިޒޭޝަންގެ ރައީސް މާދިން މަސީހު ވިދާޅުވި އެވެ.
ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސްޓޭޝަނުން އިއްޔެ ލޯންޗު ކުރި ނާސާގެ ސްޕޭސް އެކްސް ކްރޫ-11 މިއަދުގެ ވަގުތެއްގައި އައިއެސްއެސް އަށް ޑޮކު ކުރާނެ އެވެ.
ރާއްޖެއިން ފޮނުވި އޮށްތައް ލާފައި ހުރި ޓިއުބް
ބަރުގަސް އޮށްތައް ޖައްވަށް ފޮނުވީ ވޯލްޑް ސީޑް މިޝަންގެ ދަށުންނެވެ. މި ފަހަރު 11 ގައުމަކުން އެކި ބާވަތުގެ އޮށް ސްޕޭސް ސްޓޭޝަނަށް ފޮނުވި އެވެ. އެއީ ދިވެހިރާއްޖެ، އާޖެންޓީނާ، ބްރެޒިލް، ކޮސްޓަ ރިކާ، އިންޑިއާ، ގުއަޓަމެލާ، ނައިޖީރިއާ، އަރްމީނިއާ، މިސްރު، ޕާކިސްތާނު އަދި ނައިޖީރިއާ އެވެ.
އޮށްތައް ޖައްވަށް ފޮނުވުމުގެ ބޭނުމަކީ، އޮށުން ގަސް ފަޅަން ފެށުމުގެ ކުރިން ޖައްވުމުގެ މާހައުލަށް އޮށްތައް ރިއެކްޓު ކުރާ ގޮތް ބެލުމެވެ. އެ އޮށްތައް ދުނިޔެއަށް ގެންނާނީ މިވަގުތު ސްޕޭސް ސްޓޭޝަނުގައި ތިބި ނާސާގެ ކްރޫ-10 އާއެކީ އެވެ.
އެ އޮށްތައް އަނބުރާ ލިބުމުން، އޮށްތަކަށް ޖައްވުގައި ކޮށްފައިވާ އަސަރު ބެލުމަށް މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން ތަހުލީލުތަކެއް ކުރިއަށްގެންދާނެ އެވެ. އެ ތަހުލީލުތަކުން، ކުރިމަގަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނަކީ 2022 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ދަނީ ރާއްޖޭގެ މުސްތަގުބަލަށް ފައިދާވާނެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިމާވެށީގެ އެކި މުހިންމު މަސައްކަތްތަކެއް ހިމެނެ އެވެ.
ރާއްޖެއިން ނެގި ބަރުގަސް އޮށްތަކެއް ޖައްވަށް ފޮނުވާލައިފި ރާއްޖެއިން ނެގި ބަރުގަސް އޮށްތަކެއް ޖައްވަށް ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ