ބިން މިލްކު ކުރެވޭ އިސްލާހަށް އާންމުންގެ ހިޔާލު ހޯދަން މައުމޫނު އެދިވަޑައިގެންފި

ބިދޭސީންނަށް ރާއްޖެއިން ބިން މިލް ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާނަމަ އާންމުންގެ ހިޔާލު ހޯދުމަށް ފަހުގައި ނޫނީ އެފަދަ އިސްލާހެއް ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދި ވަޑައިގެންފި އެވެ. 
ޓްވީޓެއް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ބާބެއް އިތުރުކޮށް ބޭރު މީހުންނަށް ބިން މިލް ކުރެވޭ ގޮތް ހަދާނަމަ އެކަމުގައި އާންމުންގެ ހިޔާލު ހޯދުމަށާއި އެފަދަ ހިޔާލު ހޯދުމަށްފަހުގައި ނޫނީ އެ އިސްލާހު ތަސްދީގު ނުކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ދަންނަވާފައިވާނެ ކަމަށެވެ. 
ރައީސް މައުމޫން މިހެން ވިދާޅުވި އިރު މި އިސްލާހު މަޖިލީހުގައި ބަހުސް ކުރުމުގެ ކުރުމުގެ ކުރިން ރައީސް ޔާމީން ވަނީ ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަންގެ ޕީޖީ ގްރޫޕާ ބައްދަލު ކުރައްވާ މި އިސްލާހާ ބެހޭ މައުލޫމާތު އޮޅުން ދެއްވާފައެވެ. އަދި ރޭ އެ ބިލް މަޖިލީހަށް ހުށަހަޅާ ބަހުސް ކޮށްފައިވާއިރު ތިން މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވެސް ވަނީ ބިލުގެ ބޭނުމަށް ތާއީދު ކުރައްވާފައެވެ. މިހާރު އެ ބިލް ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ކޮމެޓީ މަރުހަލާގައި ފާސްކޮށް ތަޅުމަށް ފޮނުވާފަ އެވެ. 
ސަރުކާރުގެ ފަރާތުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ހިމެނިފައިވަނީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިސްލާހުކުރުމާއި ގާނޫނުއަސާސީ އަށް 15 ވަނަ ބާބުގެ ނަމުގައި މާއްދާތަކެއް އިތުރުކުރުމެވެ.
މިހާރު އޮންނަ ގޮތުން ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި އޮންނަނީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް އެންމެ ދިގު މުއްދަތަކަށް ކުއްޔަށް ނުވަތަ އެނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ގިނަވެގެން 99 އަހަރަށް ކަމަށެވެ.
އާ އިސްލާހުގައިވާ ގޮތުން ގާނޫނުއަސާސީއަށް އިތުރުކުރާ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ ކަމަށެވެ. އަދި އިތުރުކުރާ ބާބުގައި ބުނެފައިވާ ހާލަތުގައި ނޫނީ، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަަތަ އެ ނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ގިނަވެގެން 99 އަހަރުގެ މުއްދަތަށް ކަމަށެވެ.
އާ ބާބު ގައި ބުނެފައިވާ ގޮތުގައި ބިމުގެ މިލްކުވެރިކަމުގެ ހައްގު ލިބިދެވޭނީ ގާނޫނުއަސާސީގެ 15 ވަނަ ބާބުގެ 304 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ޕްރޮޖެކްޓްތަކަށެވެ.
އެއީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރެވިގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް ވާންޖެހެ އެެވެ. އަދި ރާއްޖޭގައި އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓެއް ކަމަށް ވާންޖެހެ އެވެ. ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭއިރު އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި މެދު ދިޔައިގައި ފެންނަން އޮންނަ ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން ކަމަށް ވާންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ