މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ވަގުތުން ބޭރުކޮށްލަން އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ގޮވާލައްވައިފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، މުޅި އެ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ކަމަށެވެ.
"ވަރަށް އަޑަށް ބާރުލާފައި ބުނަން ބޭނުންވޭ، އަނބުރާ މި ބިލު ގެންދަވާށޭ،" ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭ ހަތް މެންބަރުން ވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގެ ދަށުގައި ތިބޭ މެންބަރުންނަށް ކަމަށެވެ.
"[މި ކޮމިޝަނުގައި] ތިބޭ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން. ހަތަރު މެންބަރުން [އައްޔަން ކުރަން] މި އޮތީ މީޑިއާތަކަށް ފުރުސަތު ދީފަ. މީޑިއާތަކުގެ ކޮންޓްރޯލް އެއިރުން އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތުގައި. މި ހަތް މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުޑަ ގޮޅިއެއްގައި ތިބޭ މެންބަރުންނަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ބިލު ފަރުމާކޮށްފައި އޮތް ގޮތުން ބިލުގެ މައިގަނޑު ބޭނުމެއް ކަމަށް ފެންނަނީ ސަރުކާރުގެ ވައްކަންތައް ފޮރުވައި ހުދުމުހުތާރު ވެރިކަމަށް ޖާގަ ދިނުން ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކުން ވައްކަން ކުރީމަ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް މިއީ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.
އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.
"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.
މީޑިއާ ނެތިކޮށްލާ ބިލު ވަގުތުން ބޭރުކޮށްލަން އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ގޮވާލައްވައިފި މީޑިއާ ނެތިކޮށްލާ ބިލު ވަގުތުން ބޭރުކޮށްލަން އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ