މައްސަލަ ބޮޑުވެފައިވާ ކާޒާ މިއާ ގެސްޓްހައުސް އެންމެފަހުން އއ.މަތިވެރި ކައުންސިލާ ހަވާލުކޮށްފިއެވެ.
އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ކާޒާ މިއާ މަތިވެރި ކައުންސިލާ ހަވާލުކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ އެއްބަސްވުން ބަދަލުކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަމުގެ ލިޔުން ކައުންސިލާ ހަވާލުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކާޒާ މިއާ ގެސްޓްހައުސް ކައުންސިލަށް ހަވާލުކުރިކަމުގެ ލިޔުން ދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމެވެ. ކައުންސިލްގެ ފަރާތުން ލިޔުމާ ހަވާލުވެ ވަޑައިގެންނެވީ ކައުންސިލްްގެ ރައީސް އަޙްމަދު އަޞްލަމެވެ.
އެއްބަސްވުން ހަވާލުކުރުން... ފޮޓޯ: ރައީސް އޮފީސް
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކާޒާ މިއާ މަތިވެރި ކައުންސިލަށް ލިބުމަށްފަހު އެތަނުން ރައްޔިތުންނަށް މަންފާވާނެކަމަށް އުއްމީދުކުރާ ކަމަށާއި، އެތަނުގެ ކަންކަން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ ފަރާތުން ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނޭކަމަށެވެ.
ކާޒާ މިއާ އަކީ ވިޔަފާރިވެރިޔާ ހެންވޭރު ތިމާވެށި ޢަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ހިންގަމުންއައި ގެސްޓްހައުސްއެކެވެ. ނަމަވެސް އެތަނަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން ތަފާތު އެތައް މައްސަލަތަކެއް ޖެހި މިދިޔަ ސަރުކާރުން ވަނީ ކައުންސިލަށް އެނގުމަކާ ނުލައި 50 އަހަރަށް ރިޗް ކްލަބް މޯލްޑިވްސްއަށް ކުއްޔަށްދީފައެވެ.
އޭރުގެ ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ކުންފުންޏަށް އެބިން ކުއްޔަށްދިނުމުގެ ސަބަބުން ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައިދިނުމަށްވެސް ވަނީ ލަފާދީފައެވެ.
ކާޒާ މިއާ އެންމެފަހުން މަތިވެރި ކައުންސިލާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ