ތިން ހިއްސާދާރުން ހާޒިރު ނުވެގެން ހަވީރު މުވައްޒަފުން އިސްތިއުނާފު ކުރި މައްސަލަ ކެންސަލް

ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިގެން ހުއްޓާލާފައިވާ ހަވީރު ނޫހުގެ މުވައްޒަފުން ދެ އަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަންގައި ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ދައުވާ ލިބޭ ހަވީރުގެ ތިން ހިއްސާދާރުން ހާޒިރު ނުވެގެން ކެންސަލް ކޮށްފި އެވެ. އެ މައްސަލަ ހައި ކޯޓުގައި ދައުލަތުގެ ފަރާތުން ވެސް އަދި އެ ހުކުމް ރައްދުވާ ހަވީރުގެ ކުރީގެ ބައެއް މުވައްޒަފުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފުކޮށްފަ އެވެ. މިއަދު 11:15 އަށް ތާވަލުކޮށްފައި ވަނީ ހަވީރުގެ މުވައްޒަފުންގެ ފަރާތުން ހުށަހެޅި މައްސަލަ އެވެ. ހައި ކޯޓުން ބުނީ އެ މައްސަލާގައި ދައުވާ ރައްދުވާ ފަރާތުން ހާޒިރު ނުވާތީ މިއަދަށް ތާވަލު ކުރި މައްސަލަ ކެންސަލްކޮށްފައިވާ ކަމަށެވެ. ދެން އަޅަން ހުރި ފިޔަވަޅުތައް ކޯޓުން އަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މައްސަލަ ރައްދުވާ ހަވީރުގެ ތިން ހިއްސާދާރުންނަކީ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް އެވެ. ތިން ހިއްސާދާރުންގެ ގާނޫނީ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވީ 11:15 ގައި ކްރިމިނަލް ކޯޓުގައި އޮތް މައްސަލައަކަށް ހާޒިރުވާންޖެހޭތީ ހައިކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އެ ކޯޓަށް ވާނީ އަންގާފައި ކަމަށެވެ. މައްސަލަ އިސްތިއުނާފުކުރި ހަވީރުގެ މުވައްޒަފުންގެ ތެރޭގައި މިހާރު ނޫހުގެ އެޑިޓަރު ބ އޭދަފުށި، މާތިހާ، އިސްމާއިލް ނަސީރު އާއި މިހާރު ނޫހުގެ ސީއީއޯ ހުޅުމާލެ ފްލެޓް ނޭމް 05-9ރ، ރިފްއަތު މުހައްމަދު އާއި މިހާރު ނޫހުގެ ސީނިއާ އެސިސްޓެމްޓް އެޑިޓަރު މ. މުހައްމަދީ އާބާދު، އަހުމަދު އަބްދުﷲ ސައީދު އާއި މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު ސ. ހިތަދޫ، އަބްހަރީގެ އަހުމަދު ހަމްދޫން، މިހާރު ނޫހުގެ އެސިސްޓެމްޓް އެޑިޓަރު ހއ. އުލިގަމް، މާޒް ނިއުމަތުﷲ އިދްރީސް ގެ އިތުރުން މިހާރު ނޫހުގެ ޖެނެރަލް މެނޭޖަރު ބ. ކެންދޫ، ޖަވާހިރުވާދީ އަބްދުއްރަޝީދު ހުސައިން ހިމެނެ އެވެ. އޭގެ އިތުރުން ހަވީރު ނޫހުގެ އެޑިޓަރު މ. ހުސްނީ މޫސާ ލަތީފު ވެސް ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. ހަވީރު ހުއްޓާލަން ސިވިލް ކޯޓުން އަމުރު ކުރި އިރު ހަވީރުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ލާޒިމްކޮށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިއަ ޖުލައި މަހުގެ ތެރޭގައެވެ. މައްސަލަ ހުށަހަޅުއްވަމުން ވަކީލު ސުއޫދު ވިދާޅުވެފައި ވަނީ މައްސަލަ އިސްތިއުނާފު ކުރީ ސިވިލް ކޯޓުގައި ބެލި މައްސަލައަކީ މުވައްޒަފުންނާއި ގުޅުން ހުރި މައްސަލައަކަށް ނުވެފައި، މުވައްޒަފުން ނުހިމެނޭ ގަޒިއްޔާއެއްގައި އެ މީހުންނަށް ފިޔަވަޅު އަޅައި ހުކުމް ކުރުމަކީ "ތަބީއީ އިންސާފުގެ އުސޫލުތަކާ ހިލާފު" ކަމެއް ކަމަށް ބުނެ ކަމަށެވެ. އޭގެ އިތުރުން މުވައްޒަފުންގެ މައްޗަށް ހުކުމެއް ކުރާނަމަ އެމީހުންގެ ބަސް ހޯދަން ޖެހޭނެކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ބަސް ހޯދާފައި ނުވާތީ އެ ނުކުތާ ވެސް އިސްތިއުނާފު ފޯމުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ހުކުމް ކުރީ އެމީހުންނާ އެކު ހަވީރުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މީޑިއާއަކީ މުވައްޒަފުންނާއި ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާނެތީ ކަމަށް ބުނެ އެވެ. އަދި މީގެކުރިން ވެސް ރާއްޖޭގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެއީ ގާނޫނު މަނާކުރާ ކަމެއް ނޫން ކަމަށް ހުކުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ