ކައްވަޅު ކޮނެގެން އާމްދަނީ ހޯދާ ސީރިޔާގެ 11 އަހަރު ކުއްޖެއް

ސީރިޔާގެ 11 އަހަރުގެ ކުޑަ ކުއްޖެއް ގަބުރުސްތާނެއްގައި މީހުން ވަޅުލަން ވަޅުކޮންނަން ހުންނަ މަންޒަރުގެ ވީޑީއޯއެއް އިއްޔެ އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ.
މި ކުއްޖާ އަކީ މުސްތަފާ މަރްދީނީ ކިޔާ ކުއްޖެކެވެ. ސީރިޔާގެ އަލެއްޕޯގައި ދިރިއުޅުނު މި ކުއްޖާ އާއި އާއިލާ ކުރިން ބާބް ރީޖަން އަށް ހިޖުރަކުރީ 2015 ގައި ސީރިއާ ސިފައިންގެ ވައިގެ ހަމަލައެއް އެމީހުން ދިރިއުޅޭ ގެޔަށް އަރައި މުސްތަފާގެ ބައްޕަ އާއި އެއްބަނޑު އެއްބަފާ ދެ ކޮއްކޮ މަރުވުމާ ގުޅިގެންނެވެ. ބާބް ރީޖަން އަށް މުސްތަފާ ހިޖުރަކުރީ ބާކީ ހުރި ކޮއްކޮ އާއި މަންމަ ގޮވައިގެންނެވެ.
ސްކޫލަށް ދިއުން ހުއްޓާލުމަށްފަހު، ކައްވަޅުކޮނެގެން އާމްދަނީ ހޯދުމުގެ މަސައްކަތް މުސްތަފާ ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އެއީ އެ އާއިލާއަށް ބޭނުންވާ ޚަރަދުތައް ކުރަން ފައިސާ ލިބޭނެ އެހެން ގޮތެއް ނެތިގެންނެވެ.
ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ މުސްތަފާ މިހާރު ދުވާލު ހަތަރުދަމު ގަދަހޫނާއި ގަދަ ފިނީގައި އަދި ވިއްސާރަ މޫސުމުގައި ވެސް ކައްވަޅު ކޮނުމުގެ މަސައްކަތުގައި އުޅެ އެވެ. ވަކި މޫސުމެއް ވަކި ގަޑިއެއް އޭނާ މިކަން ކުރާކަށް ނޯވެ އެވެ. މިއީ ވަރަށް ބުރަ އެހާމެ ނުސާފު މަސައްކަތެކެވެ. އަދި 13 އަހަރުގެ ކުއްޖަކަށް ކުރެވޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ނަމަވެސް މި މަސައްކަތް ކުރުން މުސްތަފާ އަށް މަޖްބޫރެވެ. މިކަން ނުކުރާނަމަ އޭނާ އާއި ކޮއްކޮ އަދި މަންމަ ބަނޑަށް މަރުވެއްޖައީހެވެ.
ސީރިޔާގެ އަހުލީ ހަނގުރާމަ 2011ގައި ފެށުނު ފަހުން މިހާތަނަށް 300،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މުސްތަފާ ކަހަލަ ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ރެފިއުޖީ ކޭމްޕްތަކުގައި ވަރަށް ހާލުގައި ދިރިއުޅެމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ