ރާއްޖޭގައި ބޮޑެތި މައްސަލަތައް ހިނގަމުން ދާއިރު ފުލުހުން އުޅެނީ އިދިކޮޅު ހިސާރުކުރުމަށް: މެމްބަރު ހުސެއިން

މާލެއިން ގެއްލިގެން ހޯދަމުންއަންނަ ސ.މަރަދޫފޭދޫ ގަސްކަރަ ގެއަށް ނިސްބަތްވާ މުހައްމަދު އާމިރު ހުސެއިން ގެއްލުނުތާ 10 ދުވަސް ފާއިތުވެގެން ދާއިރުގައި، ދިވެހި ފުލުހުންގެ މުއައްސަސާގެ މަސައްކަތަށް ވެފައިވަނީ އިދިކޮޅު ހިސާރުކޮށް، ގައުމުގެ ރައްޔިތުންނަށް ގާނޫނީގޮތުން ލިބިފައިވާ ހިޔާލުފާކުރުމުގެ ހައްގަށް ހުރަސްއެޅުންކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ހަތީފް (ސެންބެ) ވިދާޅުވެއްޖެއެވެ.
އިތުރަށް ފުލުހުންނަށް އަމާޒުކޮށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުކޮށްދިނުމަށް ތިބޭ ފުލުހުންނަށް އެ މީހުންގެ ޒިންމާ އަދާނުކުރެވޭނަމަ، ފުލުހުންނަށް ކުރަންޖެހޭ އިހްތިރާމާއި ގަދަރު ނުކުރެވޭނެކަމަށް ސެންބެ ވިދާޅުވިއެވެ.
މަޖުލީހުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ސެންބެވަނީ، ރާއްޖޭގެ ރައީސް އިބްރާހިމަށް ރާއްޖޭގެ ރައްޔިތަކު ގެއްލިގެން ހޯދާކަމުގެ ހިލަމެއްވެސް ވާހެން ހިއެއްނުވޭކަމަށް ވިދާޅުވެފައެވެ. "މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އެނގޭތޯއޭ މި ފަސްގަނޑުން ދިވެހި ދަރިއަކު ގެއްލިގެން 10 ދުވަސް ފާއިތުވެގެން ދާކަން" ސެންބެ ސުވާލްކުރައްވާފައިވެއެވެ.
މީގެ އިތުރުން، ހުރިހާ އެންމެންގެވެސް އަސާސީ ހައްގެއްކަމަށްވާ ދިރިހުރުމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ލިބޭ ހައްގެއްކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ފުދޭވަރަށް ސަރުކާރުން ނުކުރާކަމަށް ސެންބެ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ