އަބްދުﷲ ޖަމީލްގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ވިދާޅުވީ އަބްދުﷲ ޖަމީލް މަޖިލީހުގެ މެންބަރުކަން 6 ޖޫން 1964 އިން ފެށިގެން 24 ޑިސެމްބަރު 1970 ގެ ނިޔަލަށް އަދި 5 ޖުލައި 1972 އިން ފެށިގެން 23 ފެބްރުއަރީ 1995 ގެ ނިޔަލަށް ކުރައްވާފައިވާ ކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން 24 ނޮވެމްބަރު 1980 އިން ފެށިގެން 23 ފެބްރުއަރީ 1995 ގެ ނިޔަލަށް ކުރައްވާފައިވާ ކަމަށެވެ.
ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަބްދުﷲ ޖަމީލް ހިދުމަތް ކުރައްވާފައިވާއިރު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.
އަލްމަރްޙޫމް އަބްދުﷲ ޖަމީލު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފައިވަނީ ގަލޮޅު ސަހަރާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ