ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް، 35 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.
މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ަރިޝްވަރު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދެއްކުމަށް ހައިކޯޓުން އަމުރުކޮށްފައިވަނީ ގާނޫނީ އިޖުރާަތްތަކުގެ ބޭރުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު ހައިކޯޓުން ބުނީ މައުލޫއީ މައްސަލައެއްގެ ހުކުމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައިނެތުމުން އަލުން އަމުރަކަށް އެދެވިދާނެ ގާނޫނީ ހަމައެއް ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ.
ހައިކޯޓުން ބުނީ އާރަށު މައްސަލައިގައި ހުކުމް ކުރިފަހުން މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން އަމުރު ނެރުމަކީ ގާނޫނާއި ހިފާލު ކަމެއް ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ އެއީ އިޖުރާއީ އައިބެއް ކަމަށެވެ. އެހެން ދައުލަތުން ބުނިނަމަވެސް ހައި ކޯޓުން ބުނީ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ހުކުމް ކުރިފަހުން 2 މަސްދުވަސް ވާން އުޅެނިކޮށް ދައުލަތުން ފޮނުވި ސިޓީ އަކަށް ފަހުގައި ކަމަށާއި އެއީ ކޯޓުތަކުން މައްސަލަތައް ބަލަން އޮންނަ އުސޫލު ނޫން ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު ދީބާ ނާޒް ފަހްމީ އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.
އާރަށު މައްސަލައިގެ އިތުރުން ރ. ފުށްގިރި ކުށްޔަށް ދޫކުރުމުގެ ހިޔާނާތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށްވެސް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް މިއަދު ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
ފުށްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.
އެ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
ފުށްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން މއ. ކުރިކީލަ ހިޔާ، އަހުމަދު ކްރިކް ރިޒާ އާއި ސަން އިންޖިނިއަރިން ޕްރައިވެޓް ލިމިޑެޓާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓް މެދުވެރިކޮށް އެ ފައިސާ ލޯންޑާ ކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ރައީސް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ އިސްފިއުނާފު މައްސަލައާއި ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ހޯދިފައިނުވާ ކަމަށެވެ. އަދި ދެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވަނީ ކުރީގެ ނައިބު ފައީސް އަހުމަދު އަދީބާއި އަބިދުالله ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށެވެ.
35 މިލިއަން ދައްކަން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ