ހައްދުންމަތިީ ގަމުގައި ހުންނަ ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، އިންޖީނުތައް ހުއްޓި ރަށުން ކަރަންޓު ކެނޑުނު މައްސަލައިގައި އެތަނުގެ މެނޭޖަރު ފާރޫގް ހުސެއިން ސަސްޕެންޑްކޮށްފިއެވެ.
ފާރޫގް ސަސްޕެންޑްކުރީ ޑީސަލް ހުސްވީ އޭނާ ދޭންޖެހޭ އިރުޝާދުތައްނުދީ، މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާނުކުރެވި، އިހުމާލުވެގެން ކަމަށް ބަލާފައެވެ. އެ މައްސަލަ ބަލައި ނިމެންދެން އޭނާ ހުންނާނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފައި ކަމަށް މައުލޫމާތު ލިބެއެވެ.
އާދީއްތަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 1:30 އިން ފެށިގެން ގަޑިއެއްހާ އިރަށް ގަމުން ވަނީ ކަރަންޓް ކެނޑިފައެވެ. ގަމަށް ކަރަންޓް ދީފައިވަނީ އެ ސަރަހައްދުގައި އެވަގުތު އުޅުނު އެފްއެސްއެމްގެ ބޯޓަކުން ވަގުތުން ތެޔޮ ގަނެ، އިންޖީނުތަކަށް އަޅައިގެންނެވެ.
ބޮޑު އާބާދީއެއް އުޅޭ، މާރަށެއްގެ ގޮތުގައި ފާހަގަކުރެވޭ، ގަމުގެ ހުރިހާ އަވަށަކަށް ވެސް ކަރަންޓް ދެމުން އަންނަނީ އެއް އިންޖީނުގެއިންނެވެ.
މިފަހަކަށް އައިސް ފެނަކައަށްވަނީ މާލީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ތެޔޮ ގަތުމަށްފަހު އެކުންފުނިން އެސްޓީއޯއަށް ނުދައްކާހުރި ފައިސާގެ އަދަދު އެކަނިވެސް 1.8 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ އިތުރުން އެކުންފުނީގެ މަސައްކަތްތައް ކޮށްފައިވާ އެތައް އަމިއްލަ ކުންފުނިތަކަކަށް ފައިސާ ނުދީގެންވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. މިއަދުވެސް އަމިއްލަ ކުންފުނިތަކަކުންވަނީ މާލޭގައި ހުންނަ ފެނަކަ މައި އޮފީސް ކުރިމަތީ މިމައްސަލައިގައި އިހުތިޖާޖުކޮށްފައެވެ.
ރާއްޖޭގެ ބައެއް ރަށްރަށުން ކަރަންޓު ކެނޑުމަކީ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. 24 ގަޑިއިރު ބަރާބަރަށް ކަރަންޓު ނުލިބޭ ރަށްތައް އަދިވެސް ރާއްޖޭގައި އެބަ ހުއްޓެވެ. އަނެއްކޮޅުން، މިފަދަ އިހުމާލަކުން ކަރަންޓް ކެނޑި ރަށެއްގެ ރައްޔިތުންނަށް ތަކުލީފު އުފުލަންޖެހުނު މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ.
ތެޔޮ ހުސްވެގެން ގަމުން ކަރަންޓު ކެނޑުނު މައްސަލައިގައި މެނޭޖަރު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ