ރައީސް ނަޝީދު މަސައްކަތް ކުރަނީ ގާނޫނީ ބާރު ކަނޑުވާލަން: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ގާނޫނުގެ ބާރު ކަނޑުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ކުރެއްވި ޓްވީޓްތަކެއްގައި، އެބޭފުޅާ ވިދާޅުވީ، ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން އުފައްދާ ސިޔާސީ މަގާމުތަކަކީ ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް އޮންނަ މުތުލަގު ބާރެއް ކަމަށާއި، އެކަމާއި ދެކޮޅަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރައްވާ ކަމެއް ކަމަށެވެ. ގާނޫނޫ އަސާސީގެ ބާރު ކަނޑުވާލަން ކުރާ ކޮންމެ މަސައްކަތަކީ ހިޔާނާތެއްގެ ގޮތުގައި ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ފިކުރެއްގެ ދިރުމުން ކުރަމުންދާ ފިތުނަ އުފެއްދުމުގެ މަސައްކަތާއި، އެމްޑީޕީ ފުނޑާލަން އެކުރާ މަސައްކަތާއި އަދި ކޮންމެ ގޮތެއް ހަދައިގެން ވެސް ސިޔާސީ ބާރު ހޯދަން ކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމު ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ހުދުމުހުތާރު ވެރިއަކު ފާޅުވުމުގެ ހުރިހާ ކަމެއް ނަޝީދުގެ އަމަލުތަކުން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ޑިމޮކްރަސީ އަށް ވުރެ ފައިސާ މުހިންމު ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ