ޖޭޕީގެ ލީޑަރު ކަމަށް ގާސިމް، ޑެޕިއުޓީ ލީޑަރު ކަމަށް ނަހުލާ ވާދަކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ހަތަރުވަނަ ދައުރަކަށް އެ ޕާޓީގެ މިހާރުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާދަކުރައްވާއިރު، އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް އޭނާގެ އަނބިކަނބަލުން، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވާދަކުރައްވައިފިއެވެ. މި މަހުގެ 24، 25 ގައި ބާއްވާ ޖޭޕީގެ ކޮންގްރެސްގައި އާ ދައުރަށް ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަގާމުތަކަށް ވާދަކުރެއްވުމުގެ ސުންގަޑި މިއަދު މެންދުރު 12:00އަށް ވަނީ ހަމަވެފައެވެ. އެގޮތުން، އެ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ގާސިމެވެ. އެންމެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ. މިގޮތުން، އެ މަގާމަށް މިނިސްޓަރު ނަހުލާ ހިމެނޭހެން ވަރަށް ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް "ސަން"އަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 12އަށްވުރެ ގިނަ ބޭފުޅުން އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށާއި އެއީ އެ ޕާޓީއަށް ވަރަށް އުފާވެރި ކަމެއް ކަމަށެވެ. ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން: ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް މީގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ވަނީ އެ މަގާމަށް ވާދަކުރައްވައިފައެވެ. އެ މަގާމަށް ގިނަ އަދަދެއްގެ ބޭފުޅުން ވާދަކުރައްވާއިރު، ހަތަރު ޑެޕިއުޓީ ލީޑަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. "މިއީ މިހާތަނަށް ޖުމްހޫރީ ޕާޓީގައި އެންމެ ވާދަވެރިކޮށް މަގާމަކަށް ކުރިމަތިލާ ފަހަރު. މިއީ ޖުމްހޫރީ ޕާޓީގެ ތާރީޚުގައި ވެސް ވަރަށް އުފާވެރި ވަގުތު ކޮޅެއް،" އަލީ ޞާލިހް ވިދާޅުވިއެވެ. އެ ޕާޓީގެ ކޮންގްރެސުން އަލަށް އިންތިޚާބު ކުރާ ކައުންސިލުން ނިންމާނެ އެންމެ މުހިންމު ނިންމުމަކީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތެވެ. މިގޮތުން، އެ އިންތިޚާބަށް އެ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރޭނެތޯ ކޮންގްރެސްގައި ނިންމާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ