ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭ މަޝްވަރާތައް ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރަން ފަށައިފިއެވެ.
މި މަޝްވަރާތައް ކުރާކަން ސަރުކާރުން ހާމަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާގެ އިސް މެންބަރެއްކަމަށްވާ އަލީ ރިފާއު ބުނީ، ހިިޔާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި 3 ކަމެއް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވާ މަޝްވަރާކުރިކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ހިޔާ ޔުނިޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުންނެނެވެ. އެގޮތުން މިކަމަކީ ސަރުކާރުން މިހާރުވެސް މަޝްވަރާތައް ކުރިއަށްގެންދާ ކަމެއްކަމަށް، ރައީސް ވިދާޅުވެފައިވާކަމަށް ރިފާއު ބުންޏެވެ.
އެގޮތުން ކުލި ކުޑަކުރުމުން ސަރުކާރުން ވިސާނާފައިވާ ގޮތްތައް ޖަމިއްޔާއާއި ވަނީ ޙިއްސާކޮށްފައެވެ. އޭގެ ތެރެއިން އެއް ގޮތަކީ އެޕަރޓްމަންޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ނެގި ލޯނުތައް ފުރިހަމަކުރުމަށް، 5 އަހަރުގެ މުއްދަތަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުމަށެވެ.
ދެވަނަ ގޮތަކީ ހިޔާ ފްލެޓަށް ކުލި ނުދެއްކޭ، މާލީ ޙާލަތު ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލި ކުޑަކޮށްދިނުމެވެ. އަދި 3 ވަނަ ގޮތަކީ މި މަޝްރޫޢުގެ ލޯނު ސަރުކާރުން ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ 25 އަހަރު، 30 އަހަރަށް އިތުރުކޮށް، ފްލެޓްތަކުގެ ކުލި އެންމެންނަށް ކުޑަކޮށްދިނުމެވެ.
ޖަމިއްޔާއިން ބުނީ ހިޔާ 16 ޓަވަރުގެ ހުރިހާ އެޕަރޓްމަންޓަކުންވެސް އެއް ހަމައަށް ކުލި ކުޑަކުރެވޭނެ ގޮތެއްވުމަކީ އެޖަމުއިއްޔާއިން ބޭނުންވާ ގޮތްކަމަށެވެ.
ހިޔާ މަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 2 ކޮޓަރީގެ އެޕަޓްރަމަންޓްތަކެވެ. މެއިންޓަނަންސް ފީ ހިމެނޭހެން ކޮންމެ މަހަކު، ކުލީގެ ގޮތުގައި 8500 ރުފިޔާ ދައްކަންޖެހެއެވެ.
ޔުނިއަންއިން ބުނެފައިވަނީ ސަރުކާރުން މީގެކުރިން ސޯޝަލް ހައުސިންއަށް ދޫކޮށްފައިވާ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކުގެ ކުލިވެސް މިއަށްވުރެ ހެޔޮކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެ ޙައްގު، ހިޔާގެ ރައްޔިތުންނަށްވެސް ހޯދައިދިނުންކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.
ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހިޔާގައި އުޅޭ %40އަށްވުރެ ގިނަ ޔުނިޓަށް ގަވާއިދުން ކުއްޔެއް ނުދައްކައެވެ.
"ހިޔާ ރައްޔިތުންގެ ގުޅުން" ޖަމުއިއްޔާއިން ބުނީ ކުލި ކުޑަކުރެވުމާއެކު ކުލި ދައްކާ މީހުންގެ އަދަދުވެސް އިތުރުވާނެކަމަށެވެ. އަދި އެކަމަށް ޖަމިއްޔާއިންވެސް ބާރުއަޅާ މަސައްކަތް ކުރާނެކަމަށެވެ.
ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ހިޔާގެ ފެން ބިލްތަކަށް ސަބްސިޑީ ހޯދުމަށްވެސް މަޝްވަރާކުރިއެެވެ. ފްލެޓްތަކުގައި ފާހަނާ ފްލަޝްކުރުމަށްވެސް ބޭނުންކުރަމުން ދަނީ އެމްޑަބްލިއުއީއޭގެ ސަޕްލައި ފެންކަމުން، ބިލްތަކަށް ދައްކަން ޖެހޭ އަދަދު އެތައް ގުނައެއް ބޮޑުކަން ޖަމުއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުން އައުމާއެކު، ބަހުގެ ޚިދުމަތަށް އޮތް ޑިމާންޑު ބޮޑެވެފައިވާތީ އެކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ