ކުނި ނެގުމުގެ ފީ އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަން ނިންމައިފި

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ގަވާއިދުން ދައްކަމުން ނުދާތީ އެ ފީ އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަން އެންވަޔަރްމަންޓް މިނިސްޓްރީން ނިންމައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނާނެ ކަމަށެވެ.
އެގޮތަށް ހަމަޖެއްސިޔަސް، ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމަށް ވެމްކޯގައި ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް ގެތަކުން އުކާލާ ބޮޑެތި ކުނިތައް ނެގުން މީގެ ތެރެއަކު ނުހިމެނޭނެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސީ ގިނަ ގޭބީސީތަކުން ވެމްކޯއަށް ފީ ދައްކަމުންދާ ނުދާތީ އެވެ. އެގޮތުން މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ ސަބަބުން ވެމްކޯއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމުގެ ހިދުމަތް ރަނގަޅަށް ދެވޭނީ ގަވާއިދުން ފީ ނަގައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ