ކުނި ނެގުމުގެ ފީ އަންނަ މަހުން ފެށިގެން ކަރަންޓް ބިލަށް

އަންނަ މަހުން ފެށިގެން މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ޙިދުމަތްތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގާ ފީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކަރަންޓު ބިލުގައި ހިމަނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލަ ކަމަށެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީން ވެމްކޯއާ އެކު ކުރި މަޝްވަރާތަކުން ފާހަގަކުރެވުނީ މިކަމަށް އެންމެ އެދެވޭ ހައްލެއް ލިބޭނީ ވެމްކޯ އިން ދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބަރާބަރަށް ވެމްކޯ އަށް ލިބިގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.  ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަޙައްދުގައި ފީ ދައްކަންޖެހޭ ޖުމްލަ 53،690 ގޭބީސީ ހުރި ނަމަވެސް ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބީސީންނެވެ.
މިނިސްޓްރީން ބުނީ އަންނަ މަހުން އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން ނެގުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން (ގޭ ބިސީތަކާއި ވިޔަފާރިތަކާއި، ކޯލް އެންޑް ޕިކަޕް ސާރވިސް) މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ