ޔޫއޭއީގެ ފަރާތުން ރާއްޖެއަށް 100 އިފްތާރު ޕެކޭޖު ހަދިޔާކޮށްފި

މިފަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ސަރުކާރުން ރާއްޖެ ހަދިޔާކުރި އިފްތާރު ޕެކޭޖްތައް ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.
ޔޫ.އޭ.އީގެ ސަރުކާރުން ދިވެހިރާއްޖޭގެ ފަޤީރުންނަށް ހާއްސަކޮށްގެން ޖުމްލަ 100 އިފްތާރު ޕެކޭޖް ވަނީ ހަދިޔާކޮށްފައެވެ. މި އިފްތާރު ޕެކޭޖުތަކާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިޕެކޭޖް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީން ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ރާއްޖޭގެ ފަގީރުންނަށް ޔޫ.އޭ.އީގެ ސަރުކާރުން 100 އިފްތާރު ޕެކޭޖު ހަދިޔާކޮށްފައިވާއިރު މައުލޫމާތު ލިބޭގޮތުގައި ސައުދީ ރަސްގެފާނުވެސް ވަނީ ރާއްޖޭގެ ފަގީރުންނަށްޓަކައި ހާއްސަކޮށްގެން 200 އިފްތާރު ޕެކޭޖު ހަދިޔާކޮށްފައެވެ.
މީގެ އިތުރުން ރޯދަމަހާއި ދިމާކޮށް ސައުދީން ރާއްޖެ ހަދިޔާކުރި ކަދުރުވެސް މިހާރު ސަރުކާރުންވަނީ ބަހަން ފަށާފައެވެ. ކަދުރު ބެހުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް މިނިސްޓްރީން މައުލޫމާތުދޭއިރު ރަމަޟާންމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުންވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ