އޮފީހެއް ފަޅާލައިގެން 700،000ރ. ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހެންވޭރު ގެއްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އޮފީހެއް ފަޅާލައިގެން ވަގަށް ނެގި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ. ފުލުުހުން ބުނީ އެ ފިހާރަ ފަޅާލައިގެން ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅު ތަން ބަލައި ފާސްކޮށް އެ ގެއިން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް މިހާރު ހޯދާފައިވާ އިރު، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ