މެރިޓްބޭހޭ އިއުލާނޭ ނުކިޔާ އިސްތިއުފާ ދީފާ ގެއަށް ކަނޑާލާ!

ވޯޓު ހޯދަން ސަރުކާރުން ވަޒީފާ ބަހާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ހުރިހާ ސަރުކާރަކުން ވެސް އެކަން ކުރަމުން އައިސްފައިވާ ކަމަށް މީހުން ގަބޫލުކުރެއެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުން އަބަދުވެސް ފާޅުކުރަމުން ދެއެވެ. އެހެނެއް ކަމަކު މީގެ ކުރިން އެއްވެސް ވެރިއަކު އެކަމަށް އިއުތިރާފެއް ނުވެއެވެ. އެކަމަކު ރައީސް މުއިއްޒަށް އެކަމަށް އެއްބަސް ވެވިއްޖެއެވެ.
ކޮންމެ އިންތިހާބަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކަށް މުއިއްޒު ސަރުކާރުން ވަޒީފާތައް ދިނެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވުރެވެސް މާ ބޮޑަށް ލޯކަލް ކައުންސިލް އިންތިހާބަށް ވަޒީފާ ބެހިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ފުޅާ ސްޕަރ މެޖޯރިޓީ ލިބުނީ ބެހި ވަޒީފާ ތަކުގެ ސަބަބުންކަމަށް މުއިއްޒަށް ހީވިޔަސް ހަގީގަތަކީ އެޔެއް ނޫނެވެ. ޕީއެންސީއަށް މަޖިލީހުގެ ފުޅާ ސްޕަރމެޖޯރިޓީ ލިބުމާ ބެހި ވަޒީފާތަކާ ގުޅުމެއް ނެތެވެ.
ޕީއެންސީއަށް މަޖިލީހުގެ ފުޅާ ސްޕަރމެޖޯރިޓީ ރައްޔިތުން ދިނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ރަނަގަޅަށް ސަރުކާރު ހިންގުމަށެވެ. މަޖިލިސް މެޖޯރިޓީ ރައްޔިތުން ސަރުކާރަށް ދިނީ ހިނގަމުން އައި ޕްރޮޖެކްޓްތަކާއި އަލަށްފަށާ ޕްރޮޖެކްޓައް ހިންގުމަށް ހުރަހަކަށް މަޖިލިސް ވިޔަ ނުދިނުމަށެވެ. މަޖިލިސް މެޖޯރިޓީ ރައްޔިތުން ސަރުކާރަށް ދިނީ ރިޔާސީ ވައުދުތައް ފުއްދަން އެއްބާރުލުން ދިނުމަށެވެ.
ވަޒީފާ ދިނުމުން ރައީސް ބޭނުންވާ ގޮތަށް ވޯޓުތައް އެނބުރިގެން ދާނެ ކަމަށް ހީކޮށް ބެހިހާ ވަޒީފާތަކުން އުންމީދުކުރާ ނަތީޖާއެއް އެއްވެސް އިރަކު އެއްވެސް ސަރުކާރަކަށް ނުލިބެއެވެ. އެންމެ ފަހުން އޮތް ރޔާސީ އިންތިހާބުން ވެސް ހާމަވެގެން ދިޔައީ އެ ހަގީގަތެވެ. 
ވަޒީފާ ދީގެން ރައްޔިތުން ގަނެލެވޭނެކަމަށް ހީކޮށް ތަނެއް ދޮރެއް ނުބަލާ ބެހި ވަޒީފާތަކުން ބޭނުންވި ނަތީޖާއެއް ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒަކަށް ނުލިބުނެވެ. އެކަމާ އަރައިގަތް ރުޅިން ވަޒީރުންތަކެއް ވެސް ކަނޑާ އުކާލީއެވެ. ސިޔާސީ މަގާމުތައް ދީގެން ގެންގުޅުނުހާ ބޮޓުންތައް ވެސް ކަނޑާލަން ނިންމީއެވެ. ވޯޓު ލިބޭނެ ކަމަށް ހީކޮށް ތަނެއް ދޮރެއް ނުބަލާ ކުންފުނިތަކަށް ވެއްދި އެތައް ހާސް އާއްމު ފަރުދުން ވެސް ކަނޑާލަނީއެވެ. 
އެންމެ ފަހުން ކެތްނުވެގެން ކެންޕޭނުތަކާ ގުޅުވައިގެން ވަޒީފާ ދޭދިނުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް މުއިއްޒު އެއްބަސް ވެސް ވީއެވެ. އިއުލާނު ނުކޮށްގެން މެރިޓް ބޭސްއަށް ބެލުމެއްނެތި ވަޒީފާ ބެހިކަމަށް އެއްބަސްވީއެވެ. އިއުލާނުކޮށް މެރިޓްބޭސްއަށް ނޫނީ ދެން ވަޒީފާ ނުދޭނެކަމަށް ބުނުމަކީ ކުރިންކުރި ނުހަލާލުކަންތައް ހަލާލުވާނެކަމެއް ނޫނެވެ. ދެންވެސް އޮތް އެންމެ ރީތިގޮތަކީ މާފަށްއެދި އިސްތިއުފާދީފާ މުއިއްއޒު ގެއަށް ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ