ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޅެންތައް ދިވެހިބަހުގައި އެބަހުރި: ޑރ. އަޝްރަފު
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޅެންތައް ދިވެހިބަހުގައި ވެސް އެބަހުރި ކަމަށް ދިވެހިބަހުގެ މުދައްރިސެއް ކަމުގައިވާ ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް 'އެސްއެސްޓީވީ'ން ގެނެސްދިން "ޅެންވެރިކަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ދިވެހި ޅެމުގެ ތެރޭގައި އެކި ދާއިރާތަކުގެ ޅެންތައް އެބަހުރި ކަމަށެވެ. މިގޮތުން، ގައުމީ ޅެންތަކާއި ދީނީ ޅެންތަކާއި ޢިލްމީ ޅެންތަކާއި އަސަރާއި ޖަޒުބާތުން ފުރިފައިވާ ޅެންތަކާއި ޢިޝްޤީ ޅެންތައް ވެސް ދިވެހިބަހުގައި އެބަހުރިކަން އަޝްރަފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިބަހުގެ ޅެންވެރީންނާއި އުސްތާޛުން ޅެންތައް ހައްދަވައިފައިވަނީ ޅެމަކީ ކޮން އެއްޗެއްކަން ދެނެވަޑައިގެން އެކަމުގެ ފަންނާއި ހުނަރު އެ ބޭފުޅުންގެ ކިބައިގައި ހުރެގެން ކަން ފާހަގަކުރެއްވިއެވެ. ދިވެހިބަހުގެ ފުދުންތެރިކަމާއި ފޯރުންތެރިކަން އެ ބޭބޭފުޅުންގެ ޅެންތަކުން ސާފުކޮށް ފެންނާން ހުރިކަމަށް ވެސް ވިދާޅުވިއެވެ. "ބައްލަވާ އަލްމަރުޙޫމް އަލްއުސްތާޛު މުޙަންމަދު ޖަމީލު ދީދީގެ ޅެންތަކަށް، ބައްލަވާ އަލްމަރުޙޫމް އަލްއުސްތާޛު އިބުރާހީމް ޝިހާބުގެ ޅެންތަކަށް. ކޮންފަދަ މުއްސަނދި ދިވެހިބަހުގެ ބަސްކޮށާރެއްތޯ އެ ބޭބޭފުޅުންގެ ޅެންތަކުން ފެންނާން އެ ހުރީ. ޅެންވެރިކަމުގެ ހަމަތަކަށް ޅެންތައް ފައްތަވައިފައި ވަނީ ކޮންފަދަ ރީތިކޮށް ތޯ؟" ދެއްކެވި ވާހަކައަށް ހެކި ދައްކަވަމުން އަލްއުސްތާޛު މުޙަންމަދު ޖަމީލު ދީދީގެ "ދުނިޔެ" ޅެމުގެ ފުރަތަމަ ބައިތު މިސާލެއްގެ ގޮތުގައި ވިދާޅުވިއެވެ. "ހާމަވީ ރީތި މަންޒަރުތަކޭ ނެތި ދަނީ، މާމަލުން އޭގެ ތާޒާ ކަމޭ ގެއްލެނީ ދާމަގުން ދުނިޔެ ހިނގަމުން މިހިރަގެންދަނީ، އާ މާގެއްގައި ހިނގޭކަން ނެތޭ އަންގަނީ" މި ބައިތުގައި ލަފުޒުތައް އަތުރުއްވައިފައިވާ ފުރިހަމަކަމާއި ބައިތުގެ ހަތަރު ކާފިޔާ އެއްގޮތް ކުރައްވައިފައިވާ ރީތިކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭނެ ޅެމެއް ކަމަށެވެ. ޖަމީލު ދީދީގެ މި ޅެމުގެ އިތުރަށް، ދިވެހި ޅެންވެރިކަމަށް ލޯބިކުރައްވާ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ޅެންތައް އަޝްރަފް ވިދާޅުވެދެއްވިއެވެ. މުހައްމަދު ސަލީމާއި [ކ] ޑރ. އަޝްރަފް އަބްދުއްރަހީމް [މ]ގައި ---- ސަން ފޮޓޯ "އެދޭ ނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދަނާ މިންވަރަކުން، އަދާވަތްތެރި ވިއަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން" މި ނޫނަސް ގިނަ ބަޔަކު ދަންނަ މަޝްހޫރު ޅެންތަކުގެ މިސާލުތައް ވެސް ދެއްކެވިއެވެ. އަލްމަރުޙޫމް އިބުރާހީމް ޝިހާބުގެ ޅެންވެރިކަމުގެ މިސާލެއް ހުށަހަޅުއްވައި ދެއްވަމުން ވިދާޅުވީ، އެ މަނިކުފާނުގެ "ސުވަރުގެ" ޅެމަކީ ނަމޫނާއެއް ކަމަށެވެ. އެގޮތުން، ޅެމުގެ ފުރަތަމަ ބައިތު ވިދާޅުވެ އެ ބައިތުގެ ފުރިހަމަކަން ވިދާޅުވެ ދެއްވިއެވެ. "ހަޔާތުގެ ފިކުރު ނެތް ތަނެކޭ މަރެއްގެ ޚިޔާލު ނެތް ތަނެކޭ، ގަޔާވެވިގެން ތިބޭ މަތިވެރި ހަޔާތެއްވާ އެއީ ތަނެކޭ" އަކީ ސުވަރުގެ ސިފަކުރެއްވުމުގައި ނަމޫނާއެއް ކަމަށެވެ. މީގެއިތުރުން، ޑރ. އަޝްރަފް ވިދާޅުވީ، ޅެމަކީ ދުނިޔޭގެ އެކި ބަސްބަހުގެ ޅެންތަކުން އަނެއް ބަހަށް ކާނާ ލިބި ހެދި ބޮޑުވާ އެއްޗެއް ކަމަށެވެ. އެކި ބަސްބަހުގެ އަދަބިއްޔާތުގެ ވިސްނުމާއި ފިކުރާއި ސިފަކުރުންތައް ކޮންމެ ބަހަކުން ވެސް އަނެއް ބަހަށް ފޯރާނެ ކަމަށާއި އެކަމުގެ ސަބަބުން އަބަދުވެސް ދާނީ އަދަބިއްޔާތު ކުރި އަރައިގެންކަމަށް ވެސް ވިދާޅުވިއެވެ. ޅެންވެރިކަން ކުރައްވާ މުހައްމަދު ސަލީމް ----- މިގޮތުން، ދިވެހި ޅެންތަކުގެ ތެރޭގައި ވެސް އެހެނިހެން ޅެންތަކުން ޚިޔާލު ހޯދައިގެން ހަދާފައި ހުރި ޅެންތައް ހުރިކަން ހެއްކާ އެކު އަޝްރަފް ފާހަގަކުރެއްވިއެވެ. މި ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ނޫސްވެރިޔާ އަދި ދިވެހި އަދަބަށް ލޯބިކުރައްވާ ޅެންވެރިކަން ވެސް ކުރައްވާ މުހައްމަދު ސަލީމް ވިދާޅުވި ގޮތުގައި، ޅެންވެރިޔާ ދިރިއުޅޭ މާހައުލަކީ އެ ޅެންވެރިއަކު ހައްދަވާ ޅެމަށް ވަރަށް ބޮޑަށް އަސަރު ފޯރާ ކަމެއް ކަމަށެވެ. އަދި މޮޅު ޅެންތައް ހެއްދެވުމާއި އެކަމާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަން ވެސް ސަލީމް ފާހަގަކުރެއްވިއެވެ. މިގޮތުން، ގުދުރަތީ މާހައުލުން ޚިޔާލު ހޯދައިގެން ސިފަކޮށްދީފައި ހުންނަ ޅެންތަކުގެ ތަފާތުކަން ސަލީމް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އިންސާނާ ދުނިޔެއަށް އުފަންވުމާއެކު ޅެންވެރިކަން ވެސް އުފަންވެފައިވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ދުނިޔޭގައި ފާހަގަކުރުމަށް ޔުނެސްކޯގެ ފަރާތުން 1991ގައި ނިންމަވައިފައި ވަނީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 21 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގައި ވެސް މި ދުވަސް ކުލަ ގަދަ ގޮތެއްގައި ޅެންވެރީންގެ ފަރާތުން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ