ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް މިހާތަނަށް 25 ބިލިޔަން ޑޮލަރު ހޭދަވެފައިވާކަން ދިފާޢީ އިދާރާ، ޕެންޓަގަންގެ އިސް އޮފިޝަލަކު ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ އާމްޑް ސަރވިސަސް ކޮމިޓީގައި މަޢުލޫމާތު ހިއްސާކުރައްވަމުން ޕެންޓަގަންގެ ޚަރަދުބަރަދު ބަލަހައްޓާ އިސް އޮފިޝަލް، ޖޫލްސް ހަރސްޓް ވިދާޅުވީ، މިހާތަނަށް ހޭދަކޮށްފައިވާ 25 ބިލިޔަން ޑޮލަރުގެ ތެރެއިން ބޮޑުބައެއް ޚަރަދުކޮށްފައިވަނީ ހަތިޔާރާއި ގޮވާތަކެއްޗަށް ކަމުގައެވެ. ނަމަވެސް، ހަނގުރާމައިގައި ގެއްލުން ލިބިފައިވާ އަސްކަރީ މަރުކަޒުތައް މަރާމާތުކުރުމަށް ހިނގާނެ ޚަރަދު މި ހިސާބުތަކުގައި ހިމެނޭކަމެއް އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ. 25 ބިލިޔަނަކީ އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ މި އަހަރުގެ މުޅި ބަޖެޓާ އެއްހަމަ އަދަދެކެވެ.
ހަނގުރާމައިގައި މިހާތަނަށް ޚަރަދުކޮށްފައިވާ އަދަދު ޕެންޓަގަނުން ހާމަކުރުމުން، ކޮމިޓީގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މެންބަރު އެޑަމް ސްމިތު ވަނީ، މި ޚަރަދުތަކުގެ ތަފުސީލު ހޯދުމަށް އެދެމުންދާތާ ވަރަށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. މި ޚަރަދުތަކުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް މިއީ އެކަށޭނަ ޚަރަދެއް ކަމުގައެވެ. އަދި، ހަނގުރާމައާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާ ކޮމިޓީގެ މެންބަރުންނަށް ކުޑައިމީސްކުރައްވައި، އޭނާ ވަނީ އެއީ ބަލިކަށި ބަޔެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަނގުރާމައިގައި މިހާތަނަށް ހޭދަވެފައި ވަނީ 25 ބިލިޔަން ޑޮލަރު ކަމުގައި ޕެންޓަގަނުން ބުނި ނަމަވެސް، ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިޔަން ޑޮލަރު ހޭދަވެފައިވާ ކަމުގައި މަޞްދަރުތަކުން ހާމަކޮށްފައިވެއެވެ.
ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ރައްދުގައި އީރާނުގެ އިސްލާމީ އިންޤީލާބީ ލަޝްކަރުން ދިން ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް އެމެރިކާ ސިފައިންގެ 13 މީހުން މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމުވެފައެވެ. މި ވަގުތު ދެ ފަރާތުގެ މެދުގައި ޙަމަލާތައް މެދުކަނޑައިލާފައި އޮތް ނަމަވެސް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިން މަނަވަރު އަދިވެސް ދަނީ ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ބާޒާރުގައި ތެލާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގައި ތެލުގެ އަގު މިހާރު ހުރީ ފާއިތުވި ހަތަރު އަހަރު އުފުލިފައިވާ އެންމެ މަތީ މިންވަރުގައެވެ.
މި ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައްޔިތުންނަށް އިޤުތިޞާދީ އަދި މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާއިރު، ޓްރަމްޕްގެ މަޤްބޫލުކަން ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރޮއިޓަރސް އަދި އިޕްސޮސްއިން އެންމެ ފަހުން ހަދާފައިވާ ސާވޭއިން ދައްކާގޮތުގައި، ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާ ރައްޔިތުންގެ ތެރެއިން އެންމެ %34 މީހުންނެވެ. މިއީ، މާރިޗު މަހު ހުރި %38 އާ އަޅައިބަލާއިރު ބޮޑު ވެއްޓުމެކެވެ. ހަނގުރާމައިގެ ސަބަބުން އެމެރިކާގައި މުދަލާއި ޚިދުމަތުގެ އަގު އުފުލެމުންދާއިރު، ނޮވެންބަރު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
މެދުއިރުމަތީގެ ހަނގުރާމައަށް 25 ބިލިޔަން ޑޮލަރު ޚަރަދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ