އިރާނާ އެކު ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 25 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު އިއްޔެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވެއްޖެ އެވެ.
މިއީ މި ހަނގުރާމައަށް ހިނގި ހަރަދާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން ހާމަކުރި ފުރަތަމަ އަންދާޒާ އެވެ.
ޕެންޓަގަނުގެ ކޮމްޕްޓްރޯލަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ ޖޫލްސް ހާސްޓް ވިދާޅުވި ގޮތުގައި، މި ހަރަދުގެ ބޮޑު ބައެއް ހޭދަވެފައިވަނީ ހަތިޔާރަށެވެ. ނަމަވެސް، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުން ފަދަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ހަރަދުތައް މި އަދަދުގެ ތެރޭގައި ހިމެނޭކަން ނުވަތަ ނޫންކަން އޭނާ ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
މި ތަފުސީލުތައް ހާމަކުރުމާ ގުޅިގެން މެންބަރު އެޑަމް ސްމިތު އެކަމަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ، މި މައުލޫމާތު ހޯދުމަށް އެތައް ދުވަހަކު މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް މީގެ ކުރިން އެއްވެސް ފަރާތަކުން މި އަދަދު ހާމަކޮށްފައި ނުވާ ކަމަށެވެ.
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ މި ހަރަދުތަކުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ. އޭނާ މެންބަރުންނާ ސުވާލުކުރެއްވީ، އިރާނުން ނިއުކްލިއަ ބޮމެއް އުފެއްދުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ހޭދައަކީ ވެސް އެކަށީގެންވާ ކަމެއް ނޫންތޯ އެވެ. މީގެ އިތުރުން، މި ހަނގުރާމައަކީ ސަލާމަތްނުވެވޭނެ ފަދަ ނުރައްކާތެރި އަދި ދިގުދެމިގެންދާ ކަމެއްގެ ގޮތުގައި ކުރެވޭ ފާޑުކިޔުންތައް އޭނާ ދޮގުކުރެއްވި އެވެ.
މިދިޔަ 28 ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމަ މިހާރު އޮތީ ހަނގުރާމަ މެދުކަނޑާލުމުގެ ނާޒުކު އެއްބަސްވުމެއްގެ ދަށުގަ އެވެ. ޕެންޓަގަނުން ވަނީ އެ ސަރަހައްދަށް ތިން އެއާކްރާފްޓް ކެރިއަރާ އެކު އިތުރު އެތައް ހާސް ސިފައިންނެއް ފޮނުވާފަ އެވެ. މި ހަނގުރާމައިގައި އެމެރިކާގެ 13 ސިފައިން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
ހަނގުރާމައިގެ ހަރަދުތައް އިތުރުވަމުން މިދަނީ އެމެރިކާގެ މިޑްޓާމް އިންތިހާބަށް މަދު މަސްތަކަކަށް ވެފައި ވަނިކޮށެވެ. އިދިކޮޅު ޑިމޮކްރެޓުން ދަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަނީ މި ހަނގުރާމައިގެ ސަބަބުން ކަމަށް ބުނަމުންނެވެ. ތެލާއި ގޭސް އުފުލާ އުޅަނދުފަހަރަށް ހުރަސްތައް ކުރިމަތިވުމުގެ ސަބަބުން ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އެމެރިކާގައި ޕެޓްރޯލްގެ އަގު މިހާރު ހުރީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ވެސް ނުދާހާ މަތީގަ އެވެ.
ރޮއިޓާސް އަދި އިޕްސޮސް އިން ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ %34 މީހުންނެވެ. މިއީ މާޗު މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. މީގެ ސަބަބުން ނޮވެމްބަރު މަހު އޮންނަ އިންތިހާބާ ކުރިމަތިލައްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
އެމެރިކާއިން އިރާން ހަނގުރާމައަށް 25 ބިލިއަން ޑޮލަރު ހަރަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ