ލީބިޔާގެ ކުރީގެ ޒައީމް ކާނަލް ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އަވަހާރަކޮށްލައިފި

ޓްރިޕޮލީ (4 ފެބްރުއަރީ 2026) : ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އަވަހާރަކޮށްލައިފިއެވެ. ސައިފުލްއިސްލާމް އަވަހާރަކޮށްލީ ވެރިރަށް ޓްރިޕޮލީގެ ދެކުނުން 200 ކިލޯމީޓަރު ދުރުގައިވާ ޒިންތާން ސަރަހައްދުގައި އޭނާ ދިރިއުޅުއްވާ ގެކޮޅުގައި އުޅުއްވަނިކޮށް ހަތިޔާރު އަޅާފައިތިބި ކޮމާންޑޯޒް އިންގެ ހަތަރު މީހަކު ކުއްލިގޮތަކަށް އެ ގެއަށް ވަދެގަނެ ބަޑިން ދިން ހަމަލާތަކެއްގައެވެ. މިޖަރީމާ ހިންގީ ރޭގެ ވަގުތެއްގައި ކަމަށާއި ޖަރީމާ ހިންގުމުގެ ކުރިން އެގޭގެ ބޭރުގައި ހުރި ސެކިއުރިޓީ ކެމެރާތައް ވަނީ ބޭނުންނުކުރެވޭ ގޮތްހަދާފައި ކަމަށް ސައިފުލްއިސްލާމްގެ ކަންތައްތައް ބަލަހައްޓާ އޭނާގެ ސިޔާސީ ޓީމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ބަޔާނުގައި ސައިފުލް އިސްލާމް އަވަހާރަކޮށްލީ އޭނާ އާ ސިޔާސީ ގޮތުން ދުޝްމަން ބައެއް ފަހަތުގައި ތިބެގެންކަމަށްވަނީ ތުހުމަތުކޮށްފައެވެ. މިޖަރީމާ ހިންގި ކޮމާންޑޯޒްގެ ހަތަރު މީހުން ތިބީ މޫނު ނިވައިކޮށްގެން ކަމަށްވެއެވެ. ސެކިއުރިޓީ ކެމެރާތައް ނިއްވާލުމަށްފަހު މޫނު ނިވައިކޮށްގެން މި ޖަރީމާ ހިންގީ މިކަންކުރިމީހުންގެ ހަގީގަތް ފޮރުވުމަށް ކަމަށާއި މިއީ ވަރަށް ފިނޑި އަމަލެއްގެ ކަމަށް ސައިފުލްއިސްލާމްގެ ސިޔާސީ ޓީމުގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ. ކާނަލް ގައްޒާފީގެ ވެރިކަމުގެ ކުރީކޮޅުގައި އޭނާގެ ޒުވާން ދުވަސްވަރުގެ ފޮޓޯ އެއް ސައިފުގެ ބައްޕާފުޅު ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލީ 2011 ވަނަ އަހަރު ލީބިޔާގައި އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ތެދުވުމާއެކު ހިނގި ހަމަނުޖެހުންތަކުގައި ލީބިޔާގެ ސިފައިންގެ ލަޝްކަރު ބައިބައި ވުމާ ގުޅިގެންނެވެ. ގައްޒާފީގެ ދިގު ވެރިކަމާ ދެކޮޅަށް ލީބިޔާގެ އާންމުން ތެދުވީ 2011 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކަށް އައި އަރަބި ރަބީއުގެ އޮއިވަރާއެކުގައެވެ. އަރަބި ރަބީއުގެ އޮއިވަރަކީ އަރަބި ގިނަ ގައުމުތަކެއްގައި ދިގުލީ ވެރިކަންތައް ކުރަމުން ގެންދިޔަ ވެރިންގެ ވެރިކަމުގެ ނިޒާމާދެކޮޅަށް ރައްޔިތުން އުތުރިއަރައިގަތް އަރައިގަތުމަށް ދީފައިވާ ނަމެކެވެ. މި އުތުރި އެރުން ފުރަތަމަ ފެށުނީ ތޫނިސް އާއި މިސްރުންނެވެ. ދެން ލީބިޔާ، ސޫރިޔާ އަދި ޔަމަންގައިވެސް އެ ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ރައްޔިތުން އުތުރިއެރުމުގެ މިއޮއިވަރު ދެމިގެން ދިޔައެވެ. މި އޮއިވަރުގައި ތޫނިސްއާއި މިސްރުގައި އޭރުގައި އޮތް ސަރުކާރުތައް ވެއްޓިގެން ދިޔައީ އެ ގައުމުތަކުގެ ރައްޔިތުންގެ އެދުންތަކަށް ސިފައިން ބޯލެނބުމުގެ ސަބަބުންނެވެ. ލީބިޔާގައި ސިފައިންގެ ލަޝްކަރު ބައިބައިވީއެވެ. އެހެންކަމުން ލީބިޔާ ވެއްޓިގެން ދިޔައީ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށެވެ. މި ހަނގުރާމައިގާ ގައްޒާފީ ވެރިކަން ވައްޓާލެވުނީ ނޭޓޯގެ ސިފައިންގެ ބަޔަކު ގައްޒާފީ އާ އިދިކޮޅު ލަޝްކަރާ ގުޅިގެން ލީބިޔާއަށް ވަދެގަނެ ގައްޒާފީ އަވަހާރަކޮށްލައި އޭނާގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު ސިފައިންނަށް ހަތިޔާރުގެ ގޮތުންނާއި ޖާސޫސީ ގޮތުންނާ އަދި އަސްކަރީ ތަޖުރިބާގެ ގޮތުން އެހީތެރިވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ގައްޒާފީ އަވަހާރަކޮށްލީ އޭނާ އާ އިދިކޮޅަށް ތެދުވި ލަޝްކަރުންނެވެ. ގައްޒާފީ އަވަހާރަކޮށްލުމަށްފަހު ލީބިޔާގައި އިންތިގާލީ ސަރުކާރެއް ގާއިމް ކުރެވުގެން ދިޔައެވެ. އަދި އެއަށްފަހު އިންތިޚާބެއް ބާއްވައިގެން ބަރުލަމާނީ އުސޫލުް އައު ސަރުކާރެއް އެކުލަވާލި ނަމަވެސް އޭގެ ތިން އަހަރު ފަހުން ލީބިޔާގައި ސިޔާސީ ކޯޅުންތައް އިންތިހާއަށް ބޮޑުވެގެން ގޮސް ލީބިޔާގައި ދެ ސަރުކާރު އުފެދިގެން ދިޔައެވެ. އެއީ ލީބިޔާގެ އިރުމަތީ ސަރަހައްދުގެ ވެރިރަށް ބެންގާޒީގައި ސަރުކާރަކާއި ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ސަރުކާރެކެވެ. ލީބިޔާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމަކަށްވާއިރު ލީބިޔާގެ ތެލުގެ އާމްދަނީ އެ ގައުމުގެ މަރުކަޒީ ބޭންކުން ދެ ސަރުކާރަށް ބަހަމުން ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ލީބިޔާ އަލުން ދާޚިލީ ހަނގުރާމަައެއްގެ ތެރެއަށް ނުވެއްޓި ހަމަޖެހުން ގާއިމް ކުރެވިފައިވެއެވެ. ނަމަވެސް ސިޔާސީ ގޮތުން ލީބިޔާ ހަމައަކަށް އެޅިފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ތަރައްގީއަށް ވަނީ ހުރަސްއެޅިފައެވެ. ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އަކީ ލީބިޔާގައި އަދިވެސް ވަރަަށް ނުފޫޒު ގަދަ ބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލުމުގެ ސަބަބުން ލީބިގައި އިތުރު ހަމަނުޖެހުންތައް އުފެދިދާނެކަމުގެ ބިރު ބޮޑުކަމަށް އަލްޖަޒީރާ ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ