2.4 ބިލިއަން ރުފިޔާގެ ބޮންޑުން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ: ޕެންޝަން އޮފީސް

ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރުމުން، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ތަފްސީލް - އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ، ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރު ހިމެނޭ 'ޑުއަލް ކަރަންސީ' އިން އަނބުރާ ލިބޭ 2.4 ބިލިޔަން ރުފިޔާގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށެވެ. އަދި ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް އެ އިންވެސްޓްމެންޓަށް ފައިސާ ހޯދަން ހުށަހަޅާފައިވަނީ ރިޓަޔާމެންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓްގައި ވިއްކާލުމަށް ފަހު ލިބޭ ފައިސާއިން ކަމަށް ބުނެފައި ވެ އެވެ.
އެނގުން މުހިއްމު - އެ މުއާމަލާތުން ލިބޭ އިގްތިސާދީ ގެއްލުން ބޮޑުވާނެތީ، އެކަމާ ދެކޮޅު ހައްދަވައި، ޕެންޝަން ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަދި އެ މުއާމަލާތް ހިންގަނީ މާލިއްޔަތު ގާނޫނާއި ޕެންޝަން އޮފީހުގެ އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ވިދާޅުވެ، އެ ތަނުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް މިދިޔަ އޮކްޓޯބަރު މަހު އިސްތިއުފާދެއްވާފައިވާ އިރު ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވައިފަ އެވެ.
ޕެންޝަން ފަންޑުގެ ނޫސް ބަޔާނުގައި ބުނިޮގުތގައި އެ މުއާމަލާތް ހިންގުމަށް އެތަނުގެ ބޯޑުން ނިންމުމުގައި ރިއާޔަތްކޮށްފައިވަނީ:
ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާކެޓްގައި ވިއްކާލަން ޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުމަށް
ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ދުރު ރާސްތާގެ އިންވެސްޓްމެންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފައާ އެއްގޮތަށް އިންވެސްޓްމެންޓްތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމުގެ ގޮތުން އިންވެސްޓްމެންޓްގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓްކުރުމަށް
އަދި އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އާއްމު މުއްދަތު ދިގުކުރުމާއި ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުމަށް
ޕެންޝަން އޮފީހުން ބުނީ މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގު މުއްދަތުގެ ޓްރެޒަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު މި މުއާމަލާތުން ލިބިގެން ދިޔުމާ އެކު، ޕޯޓްފޯލިއޯ ރިޓާން ވެސް އިތުރުވެގެންދާނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ