ވެލާނާ އެއާޕޯޓުގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލަށް އުޅަނދު މަޑުކުރުން މަނާކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.
މިކަމާ ގުޅިގެން ވެލާނާ އެއާޕޯޓުން ބުނީ އެ އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް) އަށް ބަދަލުކުރުމާ ގުޅިގެން ޓްރެފިކް ފްލޯ އަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ޓާމިނަލް އަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަކަށް ކަމަށް ވަނީ ބުނެފައެވެ.
ވެލާނާ އެއާޕޯޓުން ބުނީ މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދު މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެއް ކަމަށެވެ. އަދި ޑޮމެސްޓިކް ޓާމިނަލް އިން ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1ގެ ޓެކްސީ ކިއު ކަމަށްވެސް ވަނީ ބުނެފައެވެ.
ވެލާނާ އެއާޕޯޓުގެ ދެންނެވުމުގައި އިތުރަށް ބުނެފައިވަނީ ގެނެވުނު މި ބަދަލުގެ ސަބަބުން ބަސް ދަތުރުކުރާ ރޫޓުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެއާއެކު އެއާޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުވުމަށް ވެލާނާ އެއާޕޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ވެލާނާ އެއާޕޯޓުގެ ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ވަނީ ކޮށްފައެވެ. ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްމިދިޔަ އަހަރު ހުޚުވުމާއި ގުޅިގެން ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ