ކެމޮމައިލް 71

"ތިބާ އިމްތިހާނު ކުރެވޭނީ އެންމެ ލޯބިވާ އެއްޗަކުންނެވެ." *** "ކަމަކާ ކަންބޮޑުވެފައި ތިހިރީ؟" މިރިއަމް އެމޫނު ރަގަޅަށް ދިރާސާކޮށްލިއެވެ. އެވަގުތު އޭނައަށް ހީވީ އެތެރެހަށިން އެއްޗެއް ކުދިކުދިވެ ފައިބައިގަތްހެންނެވެ. އޭނަ އެދުވަހެއް ދެކެން ބޭނުންނުވި ދުވަސް ބޯމަތިވީއެވެ. "އައިމް ސޮރީ މިރިއަމް..." އޭނަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެންމެ ކުރިން މާފަށް އެދެންވީ ކޮންކަމަކާކަމެއް ވެސް ނޭނގުނެވެ. *** ހެނދުނުގެ ވަގުތުތަކަށް މިރިއަމް އިންތިހާއަށް ލޯބިކުރެއެވެ. ސަައި ހަދާއިރު ނާނާއެއް އަޅުވާލާނެއެވެ. ދޭތެރެއަކުން އެކަނި ހުރެ ވާހަކަދައްކާލަފައި ހީހަދާލާނެއެވެ. ވާރޭ ވެހޭއިރުވެސް ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅޭނެއެވެ. މަރްވާ މަންމަގެ ފަސްބައިގާ ހިފަހައްޓައިގެން ހުއްޓާ ކޮޓަރިތެރެ އިރުގެ އަލިގަދަ ދޯދިތަކުން ފުރައިލާނެއެެވެ. ހަމްޒާ އޭނަގެ މަންމައަށް ވައުދުވީފަދައިން ވަރަށް ގާތުން ދަރިފުޅާއިމެދު ފާރަވެރިވެގެން ހުރެއެވެ. އެދެމައިންގެ ހަށިފާވަރިއެއް ފަދައިންނެވެ. ހިޔަނިފަދައިން ދުރަށް ނުގޮސް ހުރެއެވެ. މަޑުމަޑުންގޮސް އެ ރީތި އުފާވެރި ހެނދުނުތަކަށް މަދުވާންފެށީ ފޮތަކުން ސަފުހާތައް ވީދަމުންދާ ބީދައިންނެވެ. ކޮންމެ ފަތިހެއް ތަފާތުވާންފެށިއެވެ. ބައެއް ދުވަހު އެރިއިރާއެކު މިރިއަމް އޭނަގެ މަންމަ ނުފެނިގެން އެތަން މިތަން ހޯދާނެއެވެ. މަންމަ ނިޔާވެފައިވާކަން އެއްގޮތަކަށްވެސް ހަނދާނުގައި ނެތީއެވެ. ނޫނީ ސިކުނޑި މަޑުޖަހާފައިވަނީ އެ ހިސާބުގައެވެ. ބައެއް ދުވަހަު އެނދުގައި އިށީދެލައިގެން އިނދެ އިސްތަށިގަނޑަށް ދަމާ ހަދަނީ ހަނދާންތައް ދަމާފައި އެހިސާބަށް ގެންނަން މަސައްކަތްކުރާހެންނެވެ. އަނެއްބައި ދުވަހު މިރިއަމް އަށް އަމިއްލަ ކޮޓަރި ވަކިކުރަންވެސް ނޭގި ސުވާލުކުރަނީ ބިރުގެންްފައެވެ. "ޒުބޭރު...މިއީ ކޮންތަނެއް؟ އަހަރެމެންގެ ގެއެއް ނޫނޭ...ހިނގާ މިތަނުން ދާން...." ހަމްޒާ މިރިއަމްގެ ހާލަތު ބަލަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. މިރިއަމްއަށް ވުރެ ކުރިން ހޭލައެވެ. މިރިއަމް ލޯ ހުޅުވައިލާއިރަށް ގާތުގައި އިންނައިރު އިތުރުކަމެއް ހަނދާންނެތިދާނެތީ ބިރުގަނެއެވެ. ވެހެމުން ދިޔަ ވާރެއިން ކުޑަދޮރުތަކުގައި ބީހިލަމުންދިޔައީ ހިތްގައިމު މިއުޒިކެއްފަދައިންނެވެ. ހަމްޒާވެސް ސޯފާގައި ޖައްސައިލީ މިރިއަމްއަށް ނިދިފައި އޮތުމުންނެވެ. ރޭ ހަތަރުދަމު ހޭޭލާ ހުރެގެން އަލަމާރިން ކޮންމެވެސް އެއްޗެއް ނުފެނިގެން އުޅުނުގޮތުން އޭނަގެ ހިތްފަޅައިގެންދާވަރުވިއެވެ. އެ ހޯދާ އެއްޗެއް މިރިއަމްއަށް ބުނެދޭކަށް ނޭގުނެވެ. މަރްވާވެސް ސޯފާއަށް އަރާފައި ކުޅެން އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. ހަމްޒާ ކުޝަން އުނގުގައި ބާއްވައިގެން ސޯފާގައި އިށީދެލައިގެން ބޭރަށް ބަލަން އިންދާ މިރިއަމްގެ ލުއި ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. މިރިއަމްގެ ލޮލުން ފެނުނީ ނުތަނަވަސްކަމާއި ހާސްކަމެވެ. "ކޮންމެވެސް މީހަކު އަހަރެންގެ ފޯނު ނަގައިފި..." މިރިއަމް ވަތްގަނޑެއް ހުޅުވައިގެން އެތައް ފަހަރު ބަލަންފެށިއެވެ. އަތްތިލަ ތުުރުތުރުލަމުން ދިޔައެވެ." މީހުންތައް އަންނަނީ....ކޮންމެވެސް މީހަކު ވަރަށް އެބަ ޖާސޫސްކުރޭ.." ހަމްޒާ ކުޝަން އެއްފަރާތުގައި ބާއްވާފައި ތެދުވެގެން އައިއިރު ލޮލުގައިވީ އޯގާތެރިކަމެވެ."މިރިއަމް...އެއްވެސް މީހަކު ޖާސޫސެއް ނުކުރޭ.... ޔޫ އާ ސޭފް...މިރިއަމް ތިހިރީ އަމިއްލަ ގޭގައި. އަހަރެންގެ ގާތުގައި.....ﷲ ރައްކާތެރިކުރައްވާށި.." މިރިއަމްއަށް އެ ލަފުޒުތަކުން ތަސައްލީ ލިބުނުހެން ހިޔެއްނުވެއެވެ. އެ ލޮލުން ފާއްދައިލީ ކަރުނަތިކިތަކެވެ. ހިތަށް ވެރިވި ބިރުވެރިކަން ރުޅިވެރި ސިފަ ޚިޔާރުކުރިއެވެ. "އެކައްޗެއްވެސް ނުވިސްނޭ ދޯ... އަހަންނަށާް ދޮގުހަދަނީ ކީއްވެތަ؟" މިިރިއަމްގެ އަޑު ބެދޭގޮތްވިއެވެ. އޭނަގެ އަތްތިލަ ދުރަށް ޖައްސާލާފައި ތަޅުންމައްޗަށް ތިރިވިގޮތަށް މޫނުގައި އަތް އެޅިއެވެ. މަރްވާއަށް އެ މަންޒަރު ފެނިގެން ސޯފާއިން ފުންމާލާފައި ދުވެގޮސް މަންމަގެ ގާތުގައި ހުއްޓުނެވެ. އަދި ދިއްކޮށްލީ އަތުގައި އޮތް ވަކަރު ބުދެކެވެ. އަލަށް ފެނުނު އެއްޗަކަށް ބަލާހެން ބަލަންއިނދެފައި ދަރިފުޅުގެ މޫނަށް ނަޒަރު ދަތުރުކުރިއެވެ. ބީރައްޓެހިކަމާއި މޮޅިވެރިކަން އެކުލެވުނެވެ. އެރޭ މިރިއަމް ނިދުމުން ހަމްޒާ އެނދުގެ މަގަތުގައި އިންއިރު ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އޭނަ ކަރުނަތައް ހުއްޓުވަން އެއްވެސް މަސައްކަތެއްނުކުރިއެވެ. އޭނަ ގާތުގައިވިޔަސް މިރިއަމް ގެއްލިއްޖެކަމުގެ އިހުސާސްވަނީއެވެ. ދުވަސްވަމުންދާވަރަކަށް މިރިއަމްގެ ލަފުޒުތައް މަދުވިއެވެ. މާޒީއާއި މިހާރު އޮޅުވައިލެވެނީ ވާރޭގެ ތެރޭއެކީ ދުވަމުންދާ ކުލަތައް ފަދައިންނެވެ. ބައެއްފަހަރު މަރްވާގެ ނަން ހަނދާންނެތިދެއެވެ. އަމިއްލަ ނަންވެސް މެއެވެ. މިރިއަމް ނިދަން އެނދަށް އަރާފާއި ހަމްޒާގެ މޫނަށް ބަލައިލީ ކަންބޮޑުވުމާއި ނުތަނަވަސްކަމުން ފުރިފައިވާ ގޮތަކަށެވެ. "ޕްލީޒް....އަހަރެން ބީރައްޓެހިންނާއެކީ ދޫކޮށްނުލައްޗޭ..." އެހާވަރަށް އިންސާނެއްގެ ހިތް ހަލާކުވެދާނެކަމަށް ހަމްޒާވެސް ގަބޫލުނުކުރާފަދަގޮތަކަށް އޭނަގެ ހިތް ހަލާކުވިއެވެ. "އަހަރެން ފަހަރެއްގައިވެސް ދޫކޮށްނުލާނަން.." އޭނަ މިރިއަމްގެ ނިތްކުރިއަށް ބޮސްދިނެވެ." މުޅި ދުނިޔެ އަހަރެމެންނަކީ ކޮންބަޔެއްކަން ހަނދާން ނައްތާލިޔަސް....އަހަރެން ހަނދާނެއްނުނެތޭނެ." މިރިއަމް ނިދެންދެން އޭނަ އިނީ އެ މަޑުއަދި ފިނިކަން އެކުލެވޭ އަތްތިލައިގާ ހިފަހައްޓައިގެންނެވެ. މަޑުމަޑުންގޮސް މިިރިއަމްގެ ނޭވާގެ މަޑު އަޑުއިވުނުއިރު އުދަގޫތަކެއްވެސް ފާހަގަކުރެވުނެވެ.ދުނިޔެ ހުއްޓުމެއްނެތި ދައރުކުރަމުންދަނީ އެކުޑަ އާއިލާއަށް ނޭގި އާއިލާ ރޫޅި ކޮންމެ ދުވަހެއްގައި އެމީހުން އާއިލާ ބިނާކުރަން މަސައްކަތްކުރާކަން ނޭގިހުރެއެވެ. އެކީ ހިއްސާކުރާ ހަނދާންތަކާއި، އެކި އެތިކޮޅުތަކާއި މިރިއަމް ދުރަށް ދިޔައެވެ. ހަމްޒާވެސް ވަފާތެރިކަމާއެކު މިރިއަމްއާއިއެކު ވިއެވެ. މަރްވާވެސް ދިޔައީ ބޮޑުވަމުންނެވެ. އަލްޒައިމާސްއަށްވެސް އެމީހުންގެ ފަރާތުން ނިގުޅައނުގަމެވޭނެ އެއްޗަކީ ނާޒުކް އަދި ޒަޚަމްވިޔަސް ސާބިތު ހިތެވެ. *** ހަމްޒާ އޭނަގެ ޑައިރީގައި ލިޔަން ކުޑަދޮރު ކައިރީގައި އިންއިރު ލޮލުން ފެނުނީ ވޭނެވެ. "އަހަރެން ހީކުރީ ލޯބީގައި އެންމެ އުދަގޫވާނެ އެއްޗަކީ ލޯބިދިނުން ދަސްކުރުންކަމަށެވެ. ނަމަވެސް މިހާރު އެނގުނީ އޭގައި އެންމެ އުދަގޫވާ ތަންކޮޅަކީ ލޯބިވާ މީހަކު މަޑުމަޑުން އަތުން ދޫވަމުންދާއިރު ހިފެހެއްޓުންކަމެވެ. ކޮންމެ ދުވަހަކު ހެނދުނު މިރިއަމް ލޯ ހުޅުވައިލާއިރު ގާތުގައި އިންނަމެވެ. ހަރަކާތް ހުންނަގޮތުން ދުވަސްދާނެގޮތް އަންދާޒާކޮށްލެއެވެ. ކަޅިޖަހާނުލާ ސީލިންއަށް ބަލަން އޮންނަގޮތުންވެސް ދެނެގަނެވެއެވެ. މިރިއަމްގެ ނަޒަރު މަޑުމަޑުން ކޮޓަރިތެރެއަށް ދަތުރުކޮށް ފާރުގައި ލޯ ހިންގައިފިއްޔާ އެވާނީ ރަގަޅު ދުވަހަކަށެވެ. އެކަމަކު ކަޅި އަވަހަށް ހިންގާ ނަގިއްޔެއް ހޯދަން އުލެފިއްޔާ ޖެހޭނީ ފަރުވާތެރިވެ އޯގާތެރިވެ މަޑުމައިތިރިކަމާއެކު މިރިއަމްއާއި ކުރިމަތިލުމަށެވެ. މިހާ ޒުވާންއިރުވެސް ކޮންމެ ދުވަހަކު މިރިއަމް މިދަނީ ކުރީގެ މިރިއަމްއާއި އެތައް ކޯސް ދުރަށެވެ. މިއަދު މިރިއަމް އަހަރެންގެ މޫނަށް ބަލަން އިނީ ބީރައްޓެހި ނަޒަރަކުންނެވެ. އެހާ ނުދަންނަ އަވަށްޓެރިއެއްކަމަށް ހީކުރިއެވެ. "އަހަރެންގެ ފިރިމީހާ ކޮބާ؟" މިރިއަމް ސުވާލުކުރިއެވެ. އަހަރެންގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ކުރިން މިރިއަމްއަށް ކަމުދާ ހޫނު ސައިތަށްޓެއް ހިފައިގެންގޮސް ގާތުގައި އިށީނީމެވެ. "އަހަރެން މިހިރީ..ގާތުގައި.." މިރިއަމްގެ ލޮލުން ފެނުނީ ހައިރާންކަމެވެ. ދެން ބިރުގަތްހެން ހީވިއެވެ. ދެން އެއަށްވުރެ އުދަގޫދެނިވި ޝުއޫރެއް ފެނުނެވެ. ހުސްކަމެވެ. އޭނަ އަދަބުވެރިގޮތަކަށް ބޯ ޖަހާލާފައި ސައިތަށި ތުނބުގައި ޖަހާފައި ދޭތެރެއަކުން ބަލަމުން ދިޔައީ ހީވާގޮތުން ނަރުސްކުއްޖެއްކަމަށް ހީކޮށްފައެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. ލޮލުން ކަރުނަ އޮހިގަންނަން ތައްޔާރުވީއިރު އަހަރެންގެ ލޮލުގެ ނޫރުކަމަށްވާ މަރްވާ އެ ކުޑަ ފައިތިލަ ތަޅަމުން ދުވަމުން އައެވެ. އަތުގައި އޮތީ ކުޅޭ ކުޑަ ޒިބްރާއެކެވެ. މަޖުބޫރުވެގެން ޖެހުނީ ހިނިތުންވެލަމުން ދަރިފުޅު އުރައިލުމަށެވެ. މިރިއަމް ރުޅިއަންނަނާފެށީ ވުޖޫދުގައި ނެތް އެއްޗެއްސާއިހެދިއެވެ. ހިޔަނިތަކެވެ. ގެއްލޭ އެއްޗެއްސެވެ. ހަގީގަތެއްނެތް އިންޒާރެވެ. އެންމެ އާދައިގެ ލަފުޒުތައް ހަނދާންނެތުމުން އޭގެ ބަދަލުގައި ހިމޭންވެދެއެވެ. ދިހަމިނިޓުން އެއްފަހަރު ހަމަ ތަކުރާރުކޮށް އެއް ސުވާލެއްކުރާނެއެވެ. ބައެއްފަހަރު އަހަންނާއި ދިމާލަށް ރުޅިގަދަވެގެން ހަޅޭއްލަވާނީ އެއްޗެހި ފޮރުވާ މައްސަލައިގައެވެ. ހަގީގަތަކީ މިރިއަމް އެއްޗެހި ލަނީ ފްރިޖާއި، ފައިވާން ހަރުގަނޑާއި ބާލީސްދަށަށެވެ. ކޮންމެފަހަރަކު މިރިއަމް ރުޅިގަދަވެ ހަޅޭއްލަވާއިރު އަމިއްލަ ނަފުސަށް ހަނދާންކޮށްދެނީ މިއީ މިރިއަމް ނޫންކަމެވެ. ބަލި މިރިއަމް ހައިޖެކްކޮށްގެން އުޅެނީއެވެ. ކޮންމެ ރެއަކުހެން މިރިއަމް ނިދުމުން ފާޚާނާއަށްވަދެ ދޮރު ލައްޕާލައިގެން ހުރެ ކަރުނަ އޮއްސަނީ އެތައް ސަބަބަކާއިހެދިއެވެ. މިރިއަމްގެ ހުނުމުގެ މަތިން ހަނދާންވެއެވެ. ކެއްކުމުގެ ތަޖުރިބާއެވެ. ގްރޯސަރީ ލިސްޓުން އެއްޗެއް އުނިވެގެން މިރިއަމް ދިމާކުރާ ދުވަސްތައް މަތިންވެސް ހަދާންވެއެވެ. ކުދިކުދި ވާހަކަތަކާއި އެކިކަހަލަ ހަނދާންތައް އަހަރެން ރޮއްވަނީއެވެ. އެދުވަސްތައް ދެން ނާންނާނެތީއެވެ. ކުރިން ހަމަޖެހިގެން އަހަރެންގެ ގާތުގައި އޮންނަ މިރިއަމްގެ މޫނުމަތިންް ފެންނަނީ ބިރުވެރިކަމެވެ. ހަމައެކަނި އޭނައަށް ފެންނަ މާޒީއާއި ދޭތެރެއަކުން ވާހަކަދައްކައެވެ. އެކަމަކު މިރިއަމްގެ ސިކުނޑި ހަމަޔަށް ހުރިއިއަށްވުރެ މި ވާޝަންދެކެ މާ ބޮޑަށް ލޯބިވެވުނެވެ.މިހާރު މިފެންނަނީ މާ ނާޒުކް ސިހޭ އަދި މަޑުމަޑުން ފޭދެމުންދާ އަންހެންކުއްޖެކެވެ. ކުރިއަށްވުރެ މާ ބޮޑަށް އަހަންނަށް ބޭނުންވެ ބަރޯސާވާ ފަރާތެކެވެ. އަހަންނަށް އެނގޭގޮތުގައި އެންމެ ސާފު ތާހިރު ލޯތްބަކީ މިއީއެވެ. އެމީހަކަށް ބޭނުންވާހިނދު އެފަރާތެއްދެކެ ލޯބިވުމެވެ. ނިދަން އެނދުގައި އޮށޯވެލާފައި އެ ސުވާލު ތަކުރާރުކުރިއެވެ. "އަހަރެން ބީރައްޓެހިންނާއެކު ދޫކޮށްލަފާނަންތަ؟" އަހަރެން އެ އަތްތިލަ ނަގާފައި ކުޑަހުޅުގައި ބޮސްދިނީމެވެ."މިރިއަމް. ފަހަރެއްގައިވެސް އެހެނެއްނުވާނެ... ކޮންމެދުވަހަކުން މިރިއަމްއަށް ނޭގުނަސް އަހަންނަށް އަބަދުވެސް މިރިއަމް އެނގޭނެ އިންޝާﷲ..." އެވަރުން ފުދޭވަރުވިއެވެ. އެވަގުތުކޮޅަށެވެ. މާދަމާއަށެވެ. މިރިއަމްގެ އަތްތިލަ ވަށައިލެވިފައިވާ އަތުގެ ބައްޓަން ހަނދާނުގައި ހުއްޓަސް އެންމެ ރަގަޅެވެ. *** ހަމްޒާގެ މަންމަ މަރްވާ ގެންދިޔައީ ދުވަސްކޮޅަކަށް މިރިއަމްގެ ސިކުނޑިއަށް އަރާމު ލިބޭނެކަމުގައި ކިޔާފައެވެ، މިފަހަރު އެއްވެސް ވަރަކަށް މިރިއަމް ދަރިފުޅާއިހެދި މައްސަލަ ޖައްސާނުލިތާ އެކުއްޖާގެ ޚަބަރެއް އޮޅުންފިލުވަންވެސް ސުވާލެއް ނުކުރިއެވެ. ހަމްޒާގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުންހިފާ އޭނަ ގަސްތުކުރީ އިތުރު ފިޔަވަޅެއް އެޅުމަށެވެ. ސިކުނޑިއާއި ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭނެ ހަމައެކަނި ގޮތަކީ އެއީއެވެ. އޭނަ މަންމައާއި މަޝްވަރާކުރުމާއެކު އެކަމާއި ނުރުހުނެވެ. "ހަމްޒާ.....ނޮޓް ޕޮސިބަލް...ދަރިފުޅުވެސް މިހާރު މޮޔަވީތަ؟ މިރިއަމްއާއެކު އުޅެ އުޅެ...." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ