"ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތް" "ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތް"

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދީ ފެށި ހަނގުރާމައަށް ތިން ހަފުތާވެފައިވާއިރު މި ހަނގުރާމަ ދިގުލައިގެންދާނަމަ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުމުގެ ބިރު އޮތް ކަމަށް މާކެޓު ދިރާސާކުރާ އެނަލިސްޓުން ބުނެފި އެވެ.
ފެބްރުއަރީ 18، ގައި ހަނގުރާމަ ފެށުމާއެކު ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. މާޗު 9، ގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވެސް އެރިއިރު މިހާރު ހުރީ 108 ޑޮލަރުގަ އެވެ.
އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރުމޫޒު ކަނޑުއޮޅި، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ބަންދުވެފައި އޮވެއްޖެނަމަ، ތެލުގެ އަގު މި އަށްވުރެ މާ މައްޗަށް ދިއުމުގެ ފުރުސަތު އޮތްކަމަށް އެނަލިސްޓުން އެއްބަސްވެ އެވެ.
"މެދުއިރުމަތީގެ ބެންޗްމާކް ތެޔޮ ކަމަށްވާ އޮމާން އަދި ދުބާއީ ތެލުގެ އަގު މިހާރުވެސް ވަނީ 150 ޑޮލަރަށްވުރެ މައްޗަށް އަރާފައި. އެހެންކަމުން، ބްރެންޓް އަދި ޑަބްލިއުޓީއައި ތެލުގެ އަގު އެވަރަށް ނުދިޔަ ކަމުގައިވިޔަސް، 200 ޑޮލަރަށް އަގު އެރުމަކީ ގާތް ކަމެއް،" ތެލުގެ ބާޒާރު ދިރާސާކުރާ އެނަލިސްޓަކު އަލްޖަޒީރާއަށް ބުނެފައިވެ އެވެ.
ތެލުގެ އަގު މިއަށްވުރެ މައްޗަށްދާނީ ކިހާވަރަކަށްތޯ ބިނާވެފައި އޮތީ ހޯރުމޫޒު ކަނޑުއޮޅި ބަންދުވެފައި އޮތުމާ އެވެ. އިރާނުން ވަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެ ކަނޑުއޮޅިން ދަތުރުކުރެވެނީ އެ ގައުމުގެ ހުއްދަ ހޯދާ އުޅަނދުފަހަރަށެވެ.
އެ ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އެހެން ގައުމުތަކުގެ އެހީ ހޯދުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ގިނަ ގައުމުތަކުން މިހާރު އިރާނާއެކު ވަކި މަޝްވަރާތައް ބާއްވައި ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ގޮތްތައް ދަނީ ހޯދަމުންނެވެ.
ފާއިތުވި ދުވަސްތަކުގައި އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ލިބުނީ މަދު އުޅަނދުތަކަކަށެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ، ޕާކިސްތާން، ތުރުކީ އަދި ޗައިނާގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރެވެ.
ބައިނަލްއަގުވާމީ އެނާޖީ އެޖެންސީގެ އިސްނެގުމަކަށް، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ރައްކާކޮށްފައި ހުރި ތެލުގެ ރިޒާވުން 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ބައެއް ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، އެއީ ކަނޑުއޮޅިން ދަތުރުފަތުރު ހުއްޓުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް އޮތް ފުރިހަމަ ހައްލެއް ނޫނެވެ.
ސިންގަޕޫރުގެ އޯސީބީސީ ގްރޫޕް ރިސާޗުން އަންދާޒާކުރާ ގޮތުގައި، މި ރިޒާވު ބޭނުންކުރި ކަމުގައިވިޔަސް، ދުނިޔޭގެ ބާޒާރަށް ދުވާލަކު ގާތްގަނޑަކަށް 10 މިލިއަން ފީފާގެ ތެޔޮ މަދުވާނެ އެވެ.
ވުޑް މެކެންޒީގެ ދިރާސާކުރާ އެނަލިސްޓުން މިދިޔަ ހަފުތާގައި ބުނެފައިވަނީ، ބްރެންޓު ތެލުގެ އަގު ވަރަށް އަވަހަށް 150 ޑޮލަރަށް އަރާނެ އެވެ. އަދި 2026 ވަނަ އަހަރުގެ ތެރޭގައި 200 ޑޮލަރަށް އަގު އެރުމަކީ ވެސް ނުވުމަށް ވުރެ ވުން ގާތް ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
އީރާނުގެ އަސްކަރީ ތަރުޖަމާނަކު ވެސް ވަނީ ތެލުގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރުދީ، އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ދުނިޔެއަށް ގޮވާލާފަ އެވެ.
ތެލުގެ އަގު 150 ޑޮލަރަށް ނުވަތަ އެއަށްވުރެ މައްޗަށް އަރައިފިނަމަ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރާނެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ހަކަތައާ ބެހޭ މާހިރު އަދީ އިމްސިރޮވިޗް ވިދާޅުވި ގޮތުގައި، ތެލުގެ އަގު 200 ޑޮލަރަށް އެރުމަކީ ދުނިޔޭގެ އިގުތިސޯދުގައި "ބްރޭކް ޖެއްސުން" ފަދަ ކަމެކެވެ. މިއީ ހަމައެކަނި ތެލުގެ އަގަށް ކުރާނެ އަސަރެއް ނޫން ކަމަށާއި، ވަޒީފާގެ ބާޒާރާއި، ގަސްކާނާ އަދި ޕްލާސްޓިކް ފަދަ ތަކެތި އުފެއްދުމަށް ވެސް މީގެ ސަބަބުން ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ އޭނާ ފާހަގަކުރެއްވި އެވެ.
އައިއެމްއެފް އިން އަންދާޒާކުރާ ގޮތުގައި ތެލުގެ އަގު 10 އިންސައްތަ އުފުލޭ ކޮންމެ ފަހަރަކު، ދުނިޔޭގެ އިންފްލޭޝަން 0.4 ޕަސެންޓު އިތުރުވެ، އިގުތިސޯދީ ކުރިއެރުން 0.15 ޕަސެންޓު ދަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ