މާފަންނުގައި ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ޓިނާއި ދަގަނޑުން ހަދާފައިވާ އެ ގުދަނުގައި ރޯވީ ރޭ 9:30 އެހާކަންހާއިރެވެ. ކެމިކަލްވެސް ރައްކާކޮށްފައި ހުރި އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި އެމްއޭސީއެލްގެ ފަޔަރުން ކުރި މަސައްކަތުން ރޭ 11:00 ޖަހައިކަށްހާއިރެވެ. ނަމަވެސް އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 5:00 ޖަހާކަންހާއިރެވެ.
ފުލުހުން މިއަދު ބުނީ، އެ ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށެވެ. އަދި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށާއި ކުންފުނީގެ ވޭނަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަސްވެސް ބުންޏެވެ.
ފުލުހުން ބުނީ، ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ޕްރައިމް ގުދަނުގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ހާއްސަ ތަހުގީގެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ