ނޯތް ކޮރެއާގެ އިންތިހާބު، 99.93 ޕަސެންޓް ވޯޓާއެކު އެ ގައުމުގެ މިހާރުގެ ލީޑަރު ކިމް ޖޮންގް އުން ކާމިޔާބު ކުރައްވައިފި އެވެ.
ނޯތް ކޮރެއާގެ އިންތިހާބު ކިމް ކާމިޔާބު ކުރެއްވި ނަމަވެސް މި ފަހަރު 0.07 ޕަސެންޓް މީހުން ވަނީ އޭނާއާ ދެކޮޅަށް ވޯޓުލައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ 1957 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ ރައްޔިތުން ލީޑަރާ ދެކޮޅުވެރިކަމެއް އޮތްކަން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންތިހާބުގައި ކޮންމެ ދާއިރާއަކުންވެސް ވާދަކުރީ ސަރުކާރުން ކަނޑައެޅި އެންމެ ކެންޑިޑޭޓެކެވެ. ”ނޫނެކޭ“ ބުނާ މީހުންނަށް ވަކި ފޮށްޓެއް ބަހައްޓާފައި ހުރި ނަމަވެސް މަދު ބަޔަކު ވަނީ އެ ނުރައްކަލާ ކުރިމަތިލައި ދެކޮޅަށް ވޯޓުލައިފަ އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ނޯތް ކޮރެއާގެ މި އިންތިހާބަކީ ”ރަބަރު ސްޓޭމްޕް“ އިންތިހާބެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތުން މަޖިލީހަށް ހޮވޭ މެންބަރުންނަކީ އަމިއްލަ ނިންމުންތަކެއް ނިންމުމުގެ ބާރު އޮތް ބައެއް ނޫން ކަމާއި އެ މީހުންގެ ހަމައެކަނި މަސައްކަތަކީ ކިމް ނިންމާ ކޮންމެ ނިންމުމެއްގައި އެއްވެސް ސުވާލެއް ނެތި ސޮއިކޮށް، ތައްގަނޑު ޖަހަން ތިބޭ ކަމަށް އެ މީހުން ސިފަކުރެ އެވެ.
އެހެންކަމުން، މި އިންތިހާބަކީ ހަގީގީ ސިޔާސީ ބަދަލެއް ގެނައުމަށްވުރެ ބޮޑަށް، ކިމްގެ ބާރުވެރިކަން ދުނިޔެއަށް ދެއްކުމަށް ބާއްވާ ހަރަކާތެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އިންތިހާބަކީ އެ ގައުމުގެ ރައްޔިތުން ތިބި ތަންތަން ބެލުމަށް ބޭއްވި ”ސިޔާސީ ބޮޑު ސާވޭ“ އެއް ކަމަށެވެ. އެގޮތުން ވޯޓުލުމަކީ މަޖުބޫރު ކަމަކަށްވުމުން، ވޯޓުލާން ނާންނަ މީހުންނަކީ ގައުމުން ފިލައިގެން ގޮސްފައިވާ ބައެއްގެ ގޮތުގައި ބަލައި، އެ މީހުންގެ އާއިލާތަކަށް އަދަބު ދިނުމަށް މި އިންތިހާބުގެ ބޭނުން ހިފަ އެވެ.
ނޯތް ކޮރެއާގެ އިންތިހާބު ކިމް ކާމިޔާބުކޮށްފި، 99.93 ޕަސެންޓް ހޯދި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ