ބ. ކުޑަރިކިލުގެ މަޝްހޫރު ކެޔޮޅު މުހައްމަދު މާވަހަރެއް ހޮވި އެވެ. އެ މާވަހަރު ރައްކާކޮށްފައި ގޭގައި ބޭއްވި އެވެ. އެކަމަކު ވަގުންގެ ބަޔަކު ގެޔަށް ވަދެ، މާރާމާރީ ވެސް ހިންގައި، އެ މާވަހަރު ވަގަށް ގެންދިޔައީ އެވެ.
އެއީ މުޅި ބ. އަތޮޅަށް ވެސް އޭރު ވަރަށް މަޝްހޫރު ވާހަކައެކެވެ. އަދިއަދަށް ދާންދެން ވެސް އެ މާވަހަރެއް ނުފެނެ އެވެ.
އެކަމަކު އެ ބޮޑު ހިތާމަ ފިލުވާލަން ކެޔޮޅު މުހައްމަދުގެ އާއިލާއަށް އެހެން ނަސީބެއް މާތްﷲ މެދުވެރިކުރެއްވި އެވެ: ދަރިފުޅު އަލީ ނަޖީބެވެ.
"ބައްޕަ މިހާރު ވެސް ވިދާޅުވާނެ ގެއްލުނު މާވަހަރޭ އަލީ ނަޖީބަކީ. އެއީ އަޅުގަނޑަށް، އެވަރަށް ކިޔަވައިދޭން މަސައްކަތްކުރެއްވި އެއް ސަބަބު،" ނަޖީބު ވިދާޅުވި އެވެ.
ދައްކަން މި އުޅެނީ އާދައިގެ ބޭފުޅެއްގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ މަތީ ތައުލީމުގެ އެންމެ ވަރުގަދަ އެއް ބިންގާ ކަމަށްވާ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބުގެ ވާހަކަ އެވެ. ތައުލީމު ހޯއްދެވުމުގެ ނަމޫނާ ސަފުހާތަކެއްގެ ވެރިއެއްގެ ވާހަކަ އެވެ. މިހާރު ރާއްޖޭގެ މަތީ ތައުލީމު އެހެން ހަރުފަތަކަށް ގެންދިއުމުގެ ބޮޑު ޒިންމާއެއްގައި ކުރިއަށް ވަޑައިގަންނަވާ ހިންގުންތެރިއެއްގެ ވާހަކަ އެވެ.
އަޅުގަނޑުގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'އަށް ދައުވަތު އެރުވީ، ޑރ. ނަޖީބުގެ އަމިއްލަ ވާހަކަ ދައްކާކަށެއް ނޫނެވެ. ވިލާ ކޮލެޖާއި ރާއްޖޭގެ މަތީ ތައުލީމުގެ ހާލަތު ކޮންމެވެސް ވަރަކަށް ދެނަގަތުމުގެ ބޭނުމުގަ އެވެ. ނަމަވެސް ފުރަތަމަ ސުވާލާ އެކު އަޅުގަނޑުގެ ޝައުގުވެރިކަން، އެހެން ދަރިވަރުންނާއި އާންމުންގެ ވެސް ސަމާލުކަން އެނބުރޭނެ ގޮތަށް، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށް ޖެހިލެވުނެވެ. ރާއްޖޭގެ ކުޑަކުޑަ ރަށެއްގެ އާދައިގެ އާއިލާއަކުން އުފެދުނު އިލްމީ ސިކުނޑިއެއްގެ ހަޔާތުގެ އެ ސަފުހާތައް އުކާނުލައި ކުރިއަށް ނުދެވުނީ އެވެ.
ނަޖީބު ކުޑައިރު ގިނަ ރަށްރަށުގައި ގްރޭޑް ފަހަކުން މަތީގެ ގްރޭޑްތަކެއް ނޯވެ އެވެ. އަމިއްލަ ރަށުގައި ވެސް ކިޔަވައިދިނީ ގްރޭޑް ފަހަކާ ހަމައަށެވެ. އެހާ ހިސާބުން ގިނަ ކުދިންގެ ތައުލީމީ ހަޔާތް ނިމުނީ އެވެ. އެކަމަކު ކެޔޮޅު މުހައްމަދުގެ ވިސްނުން ހުރީ އެގޮތަށް ދަރިފުޅު ދޫކޮށްލާކަށެއް ނޫނެވެ. ނަޖީބުގެ ވިސްނުމުގައި އޮތީ ތައުލީމުގެ މަރުހަލާ އަދި ނުނިމޭކަމެވެ.
އާއެނކެވެ. ނިމެން ކައިރި ވެސް ނުވެ އެވެ. ތައުލީމުގެ ދެން ހުރި ބައިތައް ފުރިހަމަކުރަން އޭނާ ގެންދިޔައީ އަތޮޅުގެ ވެރިރަށް އޭދަފުއްޓަށެވެ. ނަޖީބު ކަހަލަ ކުދިންނަށް އަތޮޅު ތައުލީމީ މަރުކަޒުގައި 'ހާއްސަ ކްލާސްތަކެއް' ހިންގަ އެވެ. އެ ކްލާސްތަކުގައި ކިޔަވައިދެނީ ގްރޭޑް ހައެއްގެ ފެންވަރަށެވެ. ފާސްވާ ކުދިންނަށް މަތީ ގްރޭޑްތަކުން ފުރުސަތު ލިބެ އެވެ.
"ވަރަށް އޯވަރޭޖްވީ ފަހުން [ފުރުސަތު] ލިބުނީ ހާއްސަ ކްލާސް ދޭއްގައި އޭދަފުށީގައި ކިޔަވަން. ގާތްގަނޑަށް 15އަހަރުގައި އަޅުނޑު ގްރޭޑް ހައެއް, ނޫނީ ހާއްސަ ކްލާސް ދޭކަށް ވަނީ،" ޑރ. ނަޖީބު ވިދާޅުވި އެވެ.
އެކަމަކު ކިޔެވުން އަލުން ފެށުމާ އެކު ތައުލީމަށް އޭނާގެ ހިތްޕުޅުގައި އޮތް ލޯބި ބޮޑުވެ، 'ބައްޕަގެ ތައުލީމީ ދަރިފުޅަށް' ވުމުގެ އުއްމީދުތައް އައީ ފުރިހަމަކުރައްވަމުންނެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯ ލެވެލް ހެދި ފުރަތަމަ ބެޗުން އޭނާ ހަމައެކަނި ފާސްވީއެއް ނޫނެވެ. އެއް ވަނަ ވެސް ހޯއްދެވީ އެވެ. އޭރުގެ އެސްއީސީ، މިހާރުގެ ސީއެޗުއެސްއީއިން ޖާގަ ވެސް ލިބިވަޑައިގަތީ އެވެ. އޭރަށް ބަލާ ނަމަ މިއީ ރަށެއްގެ ދަރިވަރަކު ހޯދި ރަން ވަނައެކެވެ.
ނަޖީބުގެ ދެ ސިފައެއް ފާހަގަކުރަން ޖެހެ އެވެ. ތައުލީމު ހާސިލްކުރެއްވުމުގެ މަސައްކަތެވެ. ދެން އެހެން ކުދިންނަށް ކިޔަވައިދެއްވުމުގެ ހުނަރެވެ. އެސްއީސީގައި އުޅުއްވި އިރު އޭނާ ގެންދެވީ އޭރުގެ މަޝްހޫރު އަމިއްލަ ސްކޫލެއް ކަަމަށްވާ އާލިއާގެ ދަރިވަރުންނަށް ކޮމާސް މާއްދާ ނަންގަވައިދެއްވަމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޭ ލެވެލްއަށް ކިޔަވާ ވިދާޅުވަމުން ޓީޗަރެއްގެ ޒިންމާ ވެސް އުފުއްލެވީ އެވެ.
އެހާ ހިސާބުން އެ އޮތީ ތައުލީމީ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ އަޒުމް އުފެދިފަ އެވެ. އޭ ލެވެލް ނިންމަވާފައި ރަށްރަށުގެ ބައެއް ސްކޫލްތައް ހިންގެވުމާ ހަވާލުވެވަޑައިގަތެވެ. ހެޑްމާސްޓަރު ކޯސް ހައްދަވާފައި ރަސްމީކޮށް ސްކޫލްތަކުގެ އެންމެ މަތީ މަގާމު ފުރުއްވި އެވެ. ކުޅުދުއްފުށީ ކަހަލަ ބޮޑެތި ރަށްރަށުގެ ތައުލީމީ ދާއިރާ ހިންގެވުމުގެ ޒިންމާ އުފުއްލެވީ، އުފަލުންނެވެ. އެއީ އޭނާގެ ހަޔާތުގެ މަސައްކަތްކަން ގަބޫލުކުރައްވައިގެންނެވެ.
އޭ ލެވެލްއަށް ކިޔަވާވިދާޅުވި އިރު އާލިއާގައި މަސައްކަތްކުރެއްވީ ބައްޕަގެ އެހީގައި މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން އުޅުއްވިޔަސް، ދިރިއުޅުމުގެ އެހެން ބޭނުންތަކަށް އާމްދަނީއެއް ހޯއްދަވާށެވެ. ކިޔެވުމާއި ކިޔަވައިދިނުމުގެ ބައި އެއްކޮށް ކުރިއަަށް ގެންދަވައިގެން އޭނާގެ ތައުލީމީ ހަޔާތަށް އެޅުނު ހުރަހެއް ނެތެވެ. އޭގެ ބަދަލުގައި އޭނާއަށް ދިރިއުޅުމުގައި ދަސްވީ އާ ކަންކަމެވެ. އާ ޒިންމާތަކެވެ.
ކިޔަވަމުން "މަސައްކަތް ކުރިޔަސް އަޅުގަނޑު ދެކޭ ގޮތުގައި އެމީހެއްގެ ޕެޝަން އާއި މޮޓިވޭޝަނާއި ޑްރައިވް ހުރިއްޔާ އެމީހަކު އެ ދާން ބޭނުންވާ ދިމާ ވަރަށް ރަނގަޅަށް އެނގޭނެ،" ޑރ. ނަޖީބު ވިދާޅުވި އެވެ.
"އެ ހުރިހާ ސްޓްރަގްލްއަކާ އެެކު ވެސް ކިޔެވޭނެ ކަންނޭނގެ. އެމީހާގެ ވަށައިގެން ގޮންޖެހުންތަކެއް ހުރުމަކީ އެމީހަކު ކިޔަވަން ހުރަސް އެޅޭނެ ކަމެއް ކަމަކަށް ނުފެނޭ."
ސްކޫލްތައް ހިންގުމުގެ މަސައްކަތަށް ފަހު ނަޖީބު ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ތައުލީމާ ބެހޭ އެހެން އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ފަހުން މާސްޓާސް ޑިގްރީ އާއި ޕީއެޗު.ޑީ ހާސިލްކުރެއްވި އެވެ.
ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމް އުފެއްދެވި ވިލާ ކޮލެޖާ އޭނާ ފުރަތަމަ ގުޅިވަޑައިގެންނެވީ 2007ގައި ކޮލެޖް އުފަންވިތާ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގަ އެވެ. ރަޖިސްޓްރާގެ މަގާމުންނެވެ. އޭގެ ފަހުން މަތީ ތައުލީމުގެ އެކި ފުރުސަތުތަކުގައި ރާއްޖެއިން ބޭރުގަ އާއި ރާއްޖެ ވަޑައިގެން ފުލްޓައިމް އެހެން ވަޒީފާތަކުގައި އުޅުއްވި އިރު ވެސް، ވިލާ ކޮލެޖްގެ ކަންކަމުގައި ބައިވެރިވެވަޑައިގަތެވެ. އެހެންކަމުން އޭނާއަކީ އެ ކޮލެޖްގެ ތުއްތުއިރުން ފެށިގެން ހެދިބޮޑުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަސައްކަތުގެ ވެސް ބައިވެރިއެކެވެ.
ފުރަތަމަ އެއީ އެންމެ ހަތަރު ކްލާހުގައި އެންމެ 54 ދަރިވަރުން ކިޔެވި ކުޑަކުޑަ ކޮލެޖެކެވެ. ނަމަވެސް މިހާރު އެއީ 150އަށް ވުރެ ގިނަ ޕްރޮގްރާމް ހިންގާ، ކޮންމެ ސެމިސްޓާއެއްގައި 3،500އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ބޮޑު ކޮލެޖެކެވެ. ބޭރުގެ ޔުނިވަސިޓީތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކާއި އަމިއްލައަށް ފަރުމާކޮށްފައިވާ އެތައް ކޯހެއްގެ ތައުލީމީ ހިޔާވަހިކަމެވެ.
ދުވަހުން ދުވަހަށް ވިލާ ކޮލެޖް ހިންގުމުގެ އެންމެ އިސް ވެރިޔަކީ ޑރ. ނަޖީބެވެ. އަޅުގަނޑު އެއް ސުވާލު އަމާޒުކުރީ، ވިލާ ކޮލެޖް ނޭނގޭ މީހަކަށް އެއީ މިހާރު ކޮން ފެންވަރެއްގެ ތައުލީމީ މުއައްސަސާއެއްތޯ އޮޅުންފިލުވާދެއްވުމަށް އެދި އެވެ.
ބައެއް ފަހަރަށް ހިސާބު އަދަދަކުން މާ ރަނގަޅަށް މަންޒަރު ސިފަވެ އެވެ. ނަޖީބު ދެއްވި ޖަވާބުގެ އެއް ބަޔަކީ ކުޑަކުޑަ ހިސާބު އަދަދެކެވެ: ތިރީސް ޕަސެންޓެވެ.
"ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގައި 30 ޕަސެންޓް ހިއްސާ،" އޭނާ ވިދާޅުވި އެވެ.
މާނައަކީ ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ކޮންމެ 100 ދަރިވަރުންގެ ތެރެއިން 30 ދަރިވަރުން ކިޔަވަމުން އެ ދަނީ ވިލާ ކޮލެޖްގައި ކަމެވެ. ނިސްބަތުން ބޮޑު ހިއްސާއެކެވެ.
ދެން އޭނާ ވަޑައިގަތީ އެ ވަރުގެ ހިއްސާއެއް ވިލާ ކޮލެޖަށް ލިބިފައި އޮތް މައިގަނޑު ސަބަބުތަކަށެވެ.
"ވިލާ ކޮލެޖްގައި އެހެން ޔުނިވަސިޓީ/ކޮލެޖްތަކަށް ވުރެ ޕްރޮގްރާމްތައް ގިނަވާނެ. ޕްރޮގްރާމްތަކުގެ ދާއިރާތައް ތަފާތުވާނެ. ޕްރޮގްރާމްތަކުގެ އެފިލިއޭޝަންތައް، ބޭރުގެ ޕްރޮގްރާމްތައް ގިނަވާނެ. އެތާނގައި ވޮކޭޝަނަލް ޕްރޮގްރާމްތައް ހުންނާނެ. އެކަޑެމިކް ޕްރޮގްރާމްތަކުގެ އިތުރަށް ޕްރޮފެޝަނަލް ޕްރޮގްރާމްތައް ވެސް ހުންނާނެ،" ޑރ. ނަޖީބު ވިދާޅުވި އެވެ.
އޭނާގެ ޖަވާބު އަދިވެސް ކުރުކޮށްލާ ނަމަ ދެން އޮތީ ވިލާ ކޮލެޖަށް ދަރިވަރުންގެ މެދުގައި އޮންނަ އިތުބާރުގެ ވާހަކަ އެވެ. ރާއްޖޭގެ މަތީ ތައުލީމުގެ އެހެން ތަންތަނުގެ ކޯސްތަކަށް ވުރެ ވިލާ ކޮލެޖްގެ ކޯސް ފީ ވެސް ބޮޑެވެ. އެކަމަކު ދަރިވަރުންގެ ގިނަ ބަޔަކު އެ ކޮލެޖަށް މިސްރާބު ޖަހަނީ، ނަޖީބު ގަބޫލުކުރައްވާ ގޮތުގައި، ކިޔެވުމުގެ މުޅި ތަޖުރިބާ ވެސް ރަނގަޅުވީމަ އެވެ. މިސާލަކަށް ކިޔަވައިދިނުމުގެ ފެންވަރެވެ. ޓީޗަރުންގެ ފެންވަރެވެ. ދަރިވަރުގެ ހުރިހާ ކަމެއް ކައިރިން ބެލުމެވެ. މައްސަލަތައް ހުރި ދަރިވަރުންނަށް އެކަންކަން ހައްލުކޮށްދޭން ލިބޭ އެހީތެރިކަމެވެ.
"އެކުދިން ބޭނުންވާ ހުރިހާ ޑޮޓްތަކެއް ގުޅާލަވޭނެ ގޮތަށް، ވަށައިޖެހޭ ތައުލީމެއް މިތަނުން ލިބޭތީ،" ޑރ. ނަޖީބު ވިދާޅުވި އެވެ.
މެލޭޝިއާގެ އޯޕަން ޔުނިވަސިޓީގެ އޮންލައިން ބައެއް ކޯސްތައް، ކްލާސްތަކުގައި ތިބެގެން ކިޔަވައިދޭ ގޮތަށް ބަދަލުކޮށް ފުރަތަމަ ފެށިއިރު ވިލާ ކޮލެޖަށް އެކަން ކާމިޔާބުވާނެކަމާ މެދު ރާއްޖޭގެ ތައުލީމީ ދާއިރާގެ އެތައް ތަޖުރިބާކާރުންގެ އޮތީ ޝައްކާއި ވަހުމެވެ. ނަމަވެސް ނަޖީބު ވިދާޅުވި ގޮތުގައި އެ ގޮންޖެހުން ގިރާކޮށް، މަތީ ތައުލީމުގެ އެހެން ހަރުފަތަކަށް ވިލާ ކޮލެޖް މިސްރާބު ޖެހި އެވެ.
ދެން ގުޅުނީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އިންގްލެންޑް (ޔޫޑަބްލިއުއީ)އާ އެވެ. ގާނޫނީ ދާއިރާގެ ކޯސްތައް ފެށިއިރު އެ ފެންވަރަށް ރާއްޖޭގައި ކޯސްތައް ހިންގިދާނެކަމާ މެދު ސުވާލު އުފެދުނެވެ. ނަމަވެސް އެއީ ވެސް ކާމިޔާބު މަސައްކަތެކެވެ.
"އިހަށް ދުވަހު ޔޫޑަބްލިޔުއީގެ ބޭފުޅުން ވިދާޅުވި އަަޅުގަނޑުމެން [ވިލާ ކޮލެޖް] މިހާރު މާ ރަނގަޅޭ. ގާތްގަނޑަކަށް ފަސް އަހަރުގެ ތެރޭގައި އެ ފެންވަރަށް ގެންދެވިއްޖެ. މިހާރު ވިލާ ކޮލެޖްގައި ކިޔަވާ ކުދިން ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމުން ފަސްޓް ކްލާސް ހޯދާ،" ޑރ. ނަޖީބު ވިދާޅުވި އެވެ.
ގާސިމް އިބްރާހިމްގެ ނަންފުޅުގައި ހިންގާ ތަނަކަށް ވާތީ ބައެއް މީހުންގެ ނުރުހުން އަމާޒުވެދާނެ އެވެ. ސަރުކާރުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ ކޮންމެ ކަމަކަށް އެމަނިކުފާނުގެ ނުފޫޒު ވަންނާނެ ކަމަށް ބުނާ މީހުން ވެސް އުޅޭނެ އެވެ. އެ ބަހުސް އެހެން އޮންނާނެ ކަމަށް ގަބޫލުކުރުން ހުއްޓެވެ. އެކަމަކު ރާއްޖޭގެ މަތީ ތައުލީމު މިހާރަށް ވުރެ ކުރިއަށް ގެންދަން ބޭނުން ނަމަ ވިލާ ކޮލެޖަށް ވެސް ދެން އޮތީ ޔުނިވަސިޓީއެއްގެ ދަރަޖަ ލިބުމެވެ.
ނަޖީބު ވިދާޅުވި ގޮތުގައި ޔުނިވަސިޓީގެ ދަރަޖަ ބޭނުންވަނީ ހަމައެކަނި ނަމަކަށެއް ނޫނެވެ. ވިލާ ކޮލެޖް އޮތީ އެކަމަށް ރަނގަޅަށް ތައްޔާރުވެފަ އެވެ.
"ޔުނިވަސިޓީއަކަށް ނުވެ ދެން ވިލާ ކޮލެޖަކަށް ކުރިއަކަށް ނުދެވޭނެ. [އަނެއްކާ] ޔުނިވަސިޓީއަކަށް ވާން ބޭނުންވަނީ ނަމެއްގައި ޔުނިވަސިޓީއަކަށް ވާކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން މިހާރު މި ހުރި ލެވެލްއަށް ވުރެ މައްޗަށް ދެވެން އޮތީ ޔުނިވަސިޓީއަކަށް ވެގެން ކަމަށް ވާތީ،" ޑރ. ނަޖީބު ވިދާޅުވި އެވެ.
ޔުނިވަސިޓީއެއްގެ ދަރަޖަ ލިބިގެން ކުރަން ފަސޭހަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމުގެ ކުރު ހުލާސާއަކީ މި އެވެ:
ބޭރުގެ ޔުނިވަސިޓީތަކާ ގުޅުން ބަދަހިކުރުން
ބޭރުގެ ދަރިވަރުން ރާއްޖެއަށް ގެނައުން
ވިލާ ކޮލެޖްގެ ޕްރޮގްރާމްތަކަށް ބޭރުގެ ރިކޮގްނިޝަން ލިބުން
ބޭރުގެ ޕްރޮފެސަރުން ފެންވަރުގެ އިލްމުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް ހޯދުން
"އަޅުގަނޑުމެން މިދިއަ ހަތެއް، އަށް އަހަރުގެ ތެރޭގައި އޮޕަރޭޓްކުރަމުން މި ދިޔައީ ޔުނިވަސިޓީއެކޭ އެއްގޮތަށް. އެ ސްޓްރަކްޗާގައި އިންތިޒާމުތައް ހަމަޖައްސައިގެން،" ޑރ. ނަޖީބު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެންނަށް ޔުނިވަސިޓީގެ ސްޓޭޓަސް ލިބުމަކީ މަތީ ތައުލީމުގެ ނިޒާމް އިތުރަށް ހަރުދަނާވެ ވަރުގަދަވާނެ ކަމެއް. ދިވެހިރާއްޖޭގެ މަތީ ތައުލީމު ޕޮސިޝަން ވެގެން ދާނެ ކަމެއް."
ނަޖީބާއި ވިލާ ކޮލެޖްގެ ވެރިންގެ އެ އުއްމީދު ހާސިލްވުން އޮތީ މާ ދުރުގައި ކަމަކަށް ނުފެނެ އެވެ. ރާއްޖޭގެ އަމިއްލަ ފުރަތަމަ ޔުނިވަސިޓީއަށް ވިލާ ކޮލެޖް ބަދަލުވާތަން ދެކެވަޑައިގަންނަވަން އޭނާ ހުންނެވީ އިންތިޒާރުގަ އެވެ. އޭނާގެ މުވައްޒަފުންނާއި ދަރިވަރުންގެ މަސައްކަތާ މެދު އެއްވެސް ޝައްކެއް ނެތި އެވެ.
މިހާ ހިސާބުން ދެން ވެސް އަޅުގަނޑަށް ޖެހިލެވެނީ އިންޓަވިއު ފެށިއިރުގެ ވާހަކަތަކަށެވެ. މީހާއަށް ފުރުސަތު ހުޅުވެނީ އާއިލާ ބޮޑުވެގެން، އާއިލާ މުއްސަނދިވެގެން ނުވަތަ ވަކި ރަށަކަށް ނިސްބަތްވެގެންނެއް ނޫނެވެ. ހަޔާތުގައި ކޮންމެ މީހަކަށް ވެސް ފުރުސަތު އޮވެ އެވެ. ނަމަވެސް ތަފާތަކީ އެ ފުރުސަތުގެ ބޭނުން ހިފާ ގޮތެވެ. ކާމިޔާބު މީހަކަށް ވާން ކުރާ މަސައްކަތެވެ.
ޑރ. ނަޖީބު މިއަދުވެސް ފަހުރުވެރިކަމާ އެކު ވިދާޅުވަނީ 'ކެޔޮޅު މުހައްމަދު'ގެ ނަމެވެ. ބައްޕަ ކެޔޮޅަކަށް ވުމުން އޭނާގެ ހިތްޕުޅުގައި އޮތް ލޯތްބެވެ. ކެޔޮޅެއްގެ ދަރިއަކަށް ވެގެން އެއްވެސް ދޮރެއް ބަންދުނުވާ ކަމެވެ. "ބައްޕަގެ ގެއްލުނު މާވަހަރުގެ ބަދަލަކީ ތިއީއޭ" ބައްޕަ ބުނާ ބުނުމުން ލިބިވަޑައިގަންނަވާ އުފަލެވެ.
ކެޔޮޅު މުހައްމަދުގެ މާވަހަރު ވަގަށް ނެގި ބަޔަކަށް އެ މާވަހަރެވެ. އެ މާވަހަރު ވިއްކާލައިގެން އެ މީހުންގެ ދިރއުޅުމަށް އައީ ރަނގަޅު ކޮން ބަދަލެއްކަން އެނގޭނެ މީހަކު ނެތެވެ. ނަމަވެސް ކެޔޮޅު މުހައްމަދުގެ ދަރިކަލުން ޑރ. ނަޖީބު މި ހުރީ އެންމެންނަށް ފެންނާށެވެ. ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކޮލެޖް ހިންގެވުމުގެ އިސް އެއް ވެރިޔަކަށެވެ. އެ ކޮލެޖް ޔުނިވަސިޓީއަކަށް ހެދުމުގެ އިސް އެއް ރޭވުންތެރިޔަކަށެވެ.
ޑރ. އަލީ ނަޖީބު: މިއީ ބައްޕައެއްގެ "ގެއްލުނު މާވަހަރު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ