މާލެ ސަރަހައްދުގައި ބޮޑު އިންސްޕެކްޝަނެއް ހިންގައި 7 ބިދޭސީއަކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި އިމިގްރޭޝަނުން ދެ ދުވަހު ހިންގި ބޮޑު އިންސްޕެކްޝަނެއްގައި 7 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.
ތަފްސީލް - އިމިގްރޭޝަނުން ބުނި ގޮތުގައި، އެއީ އެ އިދާރާއިން ކުރިއަށްގެންދާ މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެ ތަނުން ހިންގި އިންސްޕެކްޝަނެކެވެ.
އެ އޮޕަރޭޝަންގައި 66 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ހަތް ބިދޭސީއަކު ވަނީ ހިފަހައްޓާފަ އެވެ. އެ މީހުން މި ވަގުތު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
އެނގުން މުހިންމު - މި ސަރުކާރާ އެކު އިމިގްރޭޝަނުން ބިދޭސީން ދިރިއުޅޭ ތަންތަނަށް ކުރާ ރެއިޑްތައް އިތުރުކޮށް، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ގަވާއިދާ ހިލާފަށް އުޅޭ 8،600 ބިދޭސީން ވަނީ ރާއްޖޭން ޑީޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ މީހުންގެ މޫނާއި އިނގިލީގެ ނިޝާން ހިމެނޭ ގޮތަށް ތަފުސީލީ މައުލޫމާތުތައް އިމިގްރޭޝަނުން ވަނީ އެއްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ