އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރަން؛ ކާޑުތަކުން ކުރާ މުއާމަލާތްތައް އަންނަނީ އިތުރުވަމުން: ބީއެމްއެލް

އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ސައިޓުތަކުން މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލްއިން ކާޑްތައް ބްލޮކްކުރާ ކަމަށް ބުނާ ވާހަކަތައް ސޯޝަލް މީޑިއާގައި މި ހަފްތާ ތެރޭ ވަނީ ގަދަވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި އެކަން ވަނީ ދޮގުކޮށްފަ އެެވެ.
"އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
"ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް މަސައްކަތްކުރުމުން." 
ތަފްސީލް - ބެންކުން ވަނީ އެމޭޒަން އަދި އަލީ އެކްސްޕްރެސްގައި ކަސްޓަމަރުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް، މި ދެސައިޓްގައި ކަސްޓަމަރުން މުއާމަލާތް ހިންގާފައިވާ އަދަދުގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފަ އެވެ. އެގޮތުން: ޖަނަވަރީ 1 އިން 21 ފެބުރުއަރީގެ ނިޔަލަށް: 
2.33 މިލިއަން ޑޮލަރު، ޖުމްލަ 58،000 މުއާމަލާތް ކޮށްފައިވޭ 
ބޭންކުން ބުނީ އާންމު ފަރުދުންނަށް ދޫކޮށްފައިވާ ކާޑުން ކުރަމުންދާ މުއާމަލާތްތަކަށް ބަލާއިރު، ބީއެމްއެލް އަށް ފާހަގަކުރެވެނީ:
އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވަމުންދާ ކަމަށް 
ކަސްޓަމަރު ބަޔާށްކޮށްފައިވާ އާމްދަނީއަށްވުރެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނި
"ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބެންކުން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށް. މި ހިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެއް،" ބޭންކުން ބުންޏެވެ. 
ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވާކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނީ ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ޑޮލަރު ކާޑުން ކުރާ މުއާމަލާތްތަކަށް ހަމަޖައްސައިދޭ ކަމަށެވެ. 
ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކަކީ: 
2023: 311 މިލިއަން ޑޮލަރު
2024: 389 މިލިއަން ޑޮލަރު
2025: 524 މިލިއަން ޑޮލަރު
2026 ޖަނަވަރީއަށް: 59 މިލިއަން ޑޮލަރު 
ބޭންކުން ބުނީ އެ މުއާމަލާތްތަކުގެ ތެރެއިން މިއަހަރު %66 މުއާމަލާތްކޮށްފައި ވަނީ އީކޮމާސް ވެބްސައިޓްތަކުގައި ކަމަށެވެ. 
ބޭންކުގެ އޮފިޝަލް އިތުރަށް ވިދާޅުވީ އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރާއިރު އެއާލައިން ޓިކެޓަށާއި ހޮޓެލަށާއި އަދި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
"އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑު ނުވަތަ އެކައުންޓް ވިޔަފާރީގެ އުސޫލުން ބޮޑެތި އަދަދުތަކުން މުއާމަލާތްކުރާ ހާލަތުގައި، ލިމިޓް ހަމަވެގެން މުއާމަލާތް ފުރިހަމަ ނުކުރެވި، ދަތިތަކާ ކުރިމަތި ވެދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ