ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ.އަތޮޅުގައި ފަށައިފިއެވެ.
މިކަމަށްޓަކައި ކ.ތުލުސްދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ، ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ވަޒީރު ޤީލާ ޢަލީއެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަތުމަށްފަހު، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް މިހާރު ކުރިއަށް 13 އަތޮޅެއްގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމުގައި ޢާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރި ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ. އަދި ޞިއްޚީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ޞިއްޚީ މަޢުލޫމާތު ފޯރުކޮށްދީ، ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނޭ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، އަވަހަށް ބަލި ދެނެގަތުމަށް ފެށި މި އިބްތިދާއީ ޞިއްޚީ ނިޒާމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަ ކަމާއެކު ޞިއްޚީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމު ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން މި އިބްތިދާޢީ ސިއްޚީ ނިޒާމް ދިރުވާ އާލާކުރުމަށް ކ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް"ގެ ކޮމިއުނިކޭޝަން ކެމްޕޭން ވަނީ އިފްތިތާޙް ކޮށްފައެވެ.
ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ.އަތޮޅުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ