ފެނަކަ ސައީދުގެ އިސްތިއުނާފު، ހައިކޯޓުން ބަލައިގެންފި

ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ކުރިން ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްސަލަ އަދިވެސް ނުނިމި އޮއްވައި، ހަމަ އެ މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)ގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފިއެވެ. ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅެވެ. ސައީދުގެ މައްޗަށް ހުކުމްކުރި ނަމަވެސް ދީނާގެ މައްސަލަ އޮތީ މަޑު ޖެހިފައެވެ. ހުކުމާ ހަމައަށް މިއީ އެކުއެކީގައި ކުރިއަށް ދިޔަ ދެ މައްސަލައެވެ. އެކަމަކު، މަޑު ޖެހުނު ގޮތަށް އެ މައްސަލަ މާ ބޮޑަކަށް ކުރިއަކަށް ނުދެއެވެ. ސައީދުގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓަށް މިހާރުވަނީ އެ މައްސަލަ ބަލައިގެންފައެވެ. ފެނަކަ ސައީދުގެ މައްޗަށް ހުކުމްކުރީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ. އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައި ވަނީ، އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުންހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައި ވަނިކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ވެސް ކޯޓުގައި މިހާރު އެބަ ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ