ބޮލޯނާ ބަލިކޮށް އެސްޓަން ވިލާ ސެމީ އަށް

ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އިޓަލީގެ ބޮލޯނާ އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާ އިން ހޯދައިފި އެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށްފައިވާއިރު ރޭގެ ނަތީޖާ އާއިއެކު އެ ޓީމަށް ކުރި ލިބިފައިވަނި 7-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި އެސްޓަން ވިލާ އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އޮލީ ވޮޓްކިންސް އެވެ. މިއީ އޭނާ އެސްޓަން ވިލާ އަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.
އެސްޓަން ވިލާއިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް އެ ޓީމަށް ލިބުނު ޕެނަލްޓީ އެއް މޯގަން ރޮޖަރސް ފޮނުވާލި ނަމަވެސް ބޮލޯނާގެ ގޯލުކީޕަރު ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ.
މި މެޗުގައި އެސްޓަން ވިލާއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 26 ވަނަ މިނިޓުގައި އެމިލިއާނޯ ބުއެންޑިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް މޯގަން ރޮޖަރސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެޒްރީ ކޮންޒާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާއިން ހޯދާފައިވާއިރު މިއީ ފާއިތުވެދިޔަ ތިން ސީޒަނުގެ ތެރޭގައި ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދި ދެވަނަ ފަހަރެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ނިކުންނާނީ ޕްރިމިއާ ލީގުގެ ކްލަބެއް ކަމުގައިވާ ނޮޓިންހަމް ފޮރެސްޓް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ