4000 ފްލެޓުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ގޮވާލައިފި

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި, ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލި އެ ސަރުކާރުން ކަނޑައެޅި އަގަށް ބަދަލުކުރުމަށާއި، އެތަންތަނުން ނަގާ ޑައުންޕޭމަންޓް އުނިކޮށްދިނުމަށް އެދި ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފިއެވެ. އެ ޔޫނިއަންއިން އެ ގޮތަށް ގޮވާލާފައި މި ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ކުލި, އިންތިޚާބު ވަރަށް ކައިރި ވެފައި ވަނިކޮށް ދެ އަހަރަށް މައާފު ކޮށްދީފައި ވަނިކޮށެވެ. މި ސަރުކާރުގެ ކުއްލި މި ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެމްޑީޕީން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން އިމާރާތްކުރި މި 4000 ފްލެޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ. https://www.sun.mv/219900 ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓްތަކާއި ގޯތި ލިބުނު ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފްލެޓް ލިބުނު އާއިލާތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ގިނަ ކަންތައްތަކަކަށް ސަރުކާރުގައި އެދިފައެވެ. އޭގެ ތެރޭގައި ކުލި ނެގުން ފަސްކޮށްދިނުމާއި، އެއްބަސްވުމުގެ ބާވަތް ބަދަލުކުރުން ވެސް ހިމެނެއެވެ. ފަހި ޔޫނިއަންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނިމިދިޔަ ސަރުކާރުން 4000 ފްލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ މެއިންޓަނަންސް ފީއާއެކު ދެ ކޮޓަރީގެ ފްލެޓަކަށް 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 8،000 ރުފިޔާއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެއްބަސްވުން ހެދިއިރު، ދެ ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ މެއިންޓަނަންސް ފީއާއެކު 7،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ 10،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާއިރު އާއިލާތަކަށް އުފުލަންޖެހޭ ބޮޑު ތަކުލީފެއްކަން ފާހަގަކޮށް، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ކުއްޔަށް އަގުތައް ތިރިކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، އެފްޑީސީން ކުއްޔަށް ދޭ އެޕާޓްމަންޓްތަކަށް ނަގަން ކަނޑައަޅާފައިވާ ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ވެސް ފަހި ޔޫނިއަނުން ވަނީ އެދިފައެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތަށް ރިއާޔަތްކޮށް، ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރުމަށް އާންމު ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް އިތުރު ހަ މަހަށް ނުވަތަ އެއް އަހަރަށް ފަސްކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ. އެ ޖަމިއްޔާއިން ފާހަގަކުރި އަނެއް މުހިންމު މައްސަލައަކީ ފްލެޓްތަކުގެ އެއްބަސްވުމުގެ މައްސަލައެވެ. މި ސަރުކާރުން ފްލެޓްތަކަށް ދޫކޮށްފައިވަނީ "ކުލީގެ" އެއްބަސްވުމެއް ކަމަށްވާތީ، ފްލެޓް ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދެވެން ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރަޖިސްޓްރީ ނުހެދުމުގެ ސަބަބުން، ސްކޫލްތަކަށް ކުދިން ވެއްދުމާއި އެހެނިހެން އަސާސީ ހިދުމަތްތައް ހޯދުމުގައި އާއިލާތަކަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން، އެހެނިހެން ސޯޝަލް ހައުސިން ޔުނިޓްތަކެކޭ އެއްފަދައިން މި 4000 ފްލެޓްގެ އެއްބަސްވުން ވެސް "ގަނެވިއްކުމުގެ" އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށް ވަނީ އެދިފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވާލަމުން ފަހި ޔޫނިއަނުން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ވެސް ފްލެޓް ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެ ފަރާތެއްގެ އަމިއްލަ މިލްކެއް ކަމުގައި ކަނޑައަޅައިގެން ކަމަށެވެ. އަދި އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި، އެގްރީމަންޓްގައި ސޮއިކުރާ ހިސާބުން ތަޅުދަނޑި ހަވާލުކުރެވިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އެއް އަހަރަށް ފަސްކުރިކަން ވެސް އެ ޖަމިއްޔާއިން ހަނދާންކޮށްދީފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކުރައްވައި، ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކާއި، ހިޔާ ފްލެޓް އަދި ވިނަރެސް ފްލެޓްތަކުގެ އިތުރުން މުޅި ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށްދެއްވާފައިވާކަން ފަހި ޔޫނިއަނުން ފާހަގަކުރިއެވެ. އެހެންކަމުން، އެފަދައިން މި 4000 ފްލެޓްގެ ކުލި ވެސް ކުޑަކޮށްދެއްވުމަށް އެ ޖަމިއްޔާއިން ވަނީ ރައީސަށް ގޮވާލާފައެވެ. ފަހި ޔޫނިއަންގެ ނޫސްބަޔާން ނިންމާލަމުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް އިތުރު ބުރައެއް އަދި ތަކުލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން ހަމަޖައްސައިދިނުމަށް އިލްތިމާސްކޮށްފައެވެ. ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، މި 4000 ފްލެޓް ލިބިފައިވާ އާއިލާތަކަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އެ ޖަމިއްޔާއިން ވަނީ އާދޭސް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ