ކީރިތި ޤުރްއާނުގެ އައްނަޙުލު ސޫރަތުގެ 112 ވަނަ އާޔަތުގައި ﷲ މިސާލެއް ދެއްވަ އެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަނީ އަމާންކަމާއި ހިތްހަމަޖެހުމުގައި ގައުމެއްގައި އުޅުނު ބައެއްގެ ވާހަކަ އެވެ. ހުރިހާ ދިމާއަކުން އެމީހުންނަށް ރިޒުގާއި ތަނަވަސްކަން ލިބުނެވެ. މި މިސާލުން، ދުނިޔަވީ ގޮތުން ގައުމެއް ކާމިޔާބާއި ބާއްޖަވެރިކަން ހޯދާ ގޮތާއި އެ ގައުމަކުން އެކަން ނެތި ބީގެވެން ދާ ގޮތަށް އިންސާނާ ހޭލައްވަ އެވެ.
މި މިސާލުން ﷲ، އަޅުގަނޑުމެންނަށް ދެއްވަނީ ބަދަލުނުވާނެ ފޯމިއުލާއެއް ނުވަތަ ހަގީގަތެކެވެ. ސައެންސްގެ ފޯމިއުލާތަކަކީ ގުދުރަތީ ގާނޫނެވެ. އެފަދަ ގާނޫނަކީ ބަދަލުވާ އެއްޗެއް ނޫނެވެ. އެގޮތުން ﷲ ދެއްވާ ފޯމިއުލާއަކީ ވެސް ދާއިމަށް ދެމިއޮންނާނެ ގުދުރަތުގެ ގާނޫނެވެ. ﷲ ދެއްވާ ފޯމިއުލާގައި ހިފާ މީހާއަށް ތެދުމަގު ލިބި އޭނާއަށް އޮތީ ކާމިޔާބާއި ފަލާހެވެ.
ހަގީގަތާ މެދު ދެ ގޮތަކަށް ބެލިދާނެ އެވެ. އެއްގޮތަކީ ދުނިޔަވީ ނަޒަރަކުން ބެލުމެވެ. އަނެއް ގޮތަކީ ހަގީގަތާ މެދު ރޫހީ ނަޒަރަކުން ބެލުމެވެ. އެންމެ ބުއްދިވެރި ގޮތަކީ ހަގީގަތާ މެދު ދެ ނަޒަރުން ވެސް ބެލުމެވެ.
ނަޙުލު ސޫރަތުގައި ﷲ ބަޔާންކުރައްވަނީ ރަށެއްގެ ވާހަކަ އެވެ. އެއީ ގައުމެއް ނުވަތަ އަވަށެއް ނުވަތަ ސިޓީއެއް ފަދަ މީހުން ދިރިއުޅުނު ރަށެކެވެ. މި ރަށުން ﷲ ފާހަގަކުރައްވާ ފުރަތަމަ ސިފައަކީ އެމީހުންގެ އަމާންކަމާއި ސުލްހަވެރިކަމެވެ. އެމީހުންނަށް އެއްވެސް ދިމާއަކުން އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ވާހަކަ އެވެ. ސަލާމަތީ ގޮތުން އެމީހުންނަށް ރައްކާތެރިކަން އޮތް ވާހަކަ އެވެ. ތަނެއް އަމާންވިއަސް އެތަން ތަނަވަސް ތަނަކަށް ނުވެ އެވެ. ތަނަވަސްކަން ލިބެނީ އެތަނުގައި އިގުތިސާދީ ހަރަކާތްތައް ހިނގައި މީހުންނަށް އާމްދަނީ ލިބޭނެ ގޮތް ވުމުންނެވެ.
މި ރަށުން ﷲ ފާހަގަކުރައްވާ ދެވަނަ ސިފަޔަކީ މީހުންގެ ހަމަޖެހުމެވެ. އެމީހުން ފުދިގެން ތިބުމެވެ. މިއިން އަންގައިދެނީ އަމާންކަމުގެ އިތުރަށް އެމީހުންގެ މެދުގައި އިގުތިސާދާއި ސިނާއަތާއި ވަޒީފާތައް އޮތްކަމެވެ. އިގުތިސާދީ ހަރަކާތްތަކުން ލިބޭ ނަފާއާއި ފައިދާގެ ސަބަބުން އެމީހުންނަށް ހިތްހަމަޖެހުން ލިބުނުކަމެވެ. ތަނަވަސްކަން ވެސް އޮތެވެ. ތަނަވަސްކަން އޮތުމުން މީހުން ތިބެނީ ހަމަޖެހިގެންނެވެ. އަދުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަންދޭ ކަމަކީ ގައުމުގެ ސަލާމަތާއި އިގުތިސާދެވެ. މި ދެބައި ފުރިހަމަވުމުން ނުކުންނަނީ ހިތްހަމަޖެހުމެވެ. ޒަމާނީ ބަހުރުވައިން ނަމަ އުފާވެރިކަމެވެ. އުފާވެރިކަމުގެ މިންގަނޑުގައި އެންމެ ކުރީ ސަފުގައި ހުރި ގައުމުތަކުން ފެންނަނީ ކީރިތި ޤުރްއާން ބަޔާންކުރާ އަސާސްތަކެވެ.
މި އާޔަތުގައި ﷲ ދެން ފާހަގަކުރައްވަނީ އެމީހުންނަށް ހުރިހާ ދިމާއަކުން ރިޒުގު އަންނަ ވާހަކަ އެވެ. އަދުގެ ދުނިޔެއަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ދުބާއީ އަކީ އެކުވެރި އަރަބި އިމާރާތުގެ އެއް ސަރަހައްދެވެ. އެމީހުން ވަނީ އެ ރަށް އިގުތިސާދާއި ދަތުރުފަތުރާއި މުވާސަލާތުގެ ނާރެހަކަށް ހަދާފަ އެވެ. މިކަމުގެ ސަބަބުން ހުރިހާ ދިމާއަކުން އެމީހުންނަށް މުދަލާއި ޚިދުމަތް ލިބި މުދަލާއި ޚިދުމަތް ބަދަލުކުރެވެ އެވެ. ނަތީޖާއަކީ މުޅި ދުނިޔެއިން އެމީހުންނަށް ކާބޯތަކެއްޗާއި ތިޔާގިކަން އައުމެވެ. މިއާޔަތުން އަޅުގަނޑުމެންނަށް ކުރަހާލެވެނީ ދުބާއީ ފަދަ ރިޒުގު ތަނަވަސް ރަށެކެވެ.
މި އާޔަތުގައި ދެން ﷲ ބަޔާންކުރައްވަނީ އެރަށުގެ އަހުލުވެރިން ﷲ ދެއްވި ނިއުމަތްތަކަށް ކާފިރުވި ވާހަކަ އެވެ. ސަލާމަތާއި އަމާންކަމާއި ތަނަވަސްކަމާއި ހަމަޖެހުމާއި ހުރިހާ ކަމެއް ދެއްވުމުން އެމީހުން ކަންތައްކުރި ނުބައި ގޮތުގެ ވާހަކަ އެވެ. އެމީހުން ﷲއަށް ޝުކުރުވެރިވުމުގެ ބަދަލުގައި ހަރާންކޯރުވި ވާހަކަ އެވެ. އެމީހުންގެ ކުށަކީ ބަޔަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ. އެއީ ﷲއަށް އުރެދުމުގެ ބޮޑު ޖަރީމާ އާއި އެމީހުން ކުރި އަމަލުތަކެވެ.
މި އާޔަތުގައި ﷲ ދެން ބަޔާންކުރައްވަނީ އެމީހުން ހިންގި ބޮޑު ޖަރީމާއަށް ﷲ ދެއްވި އަދަބުގެ ވާހަކަ އެވެ. އެގޮތުން ﷲ ވަހީކުރައްވަނީ ވަރަށް އާދަޔާޚިލާފު މަޖާޒީ ބަސްފުޅެކެވެ. އެއީ ބަނޑުހައިހޫނުކަމާއި ބިރުވެރިކަމުގެ ފޭރާމުގެ ރަހަ އެމީހުންނަށް ދެއްވި ވާހަކަ އެވެ. ފޭރާމަކީ އިންސާނާގެ މުޅި ހަށިގަނޑުގައި ޖެހި ހިފާފައި ހުންނަ އެއްޗެކެވެ. އެހެންވެ ފޭރާމުން ރަމްޒުކޮށްދޭ އެއް މާނަޔަކީ މުޅި ހަށިގަނޑުގައި ވުމެވެ. ފޭރާމާ ހިލާފަށް ރަހައަކީ ވަގުތީ އެއްޗެކެވެ. އިންސާނާއަށް ރަހަ ލިބެނީ އޭނާ ކޮންމެވެސް އެއްޗެއް ބުއިމުން ނުވަތަ ކެއުމުންނެވެ. ރަހަ ދެމިއޮންނަނީ އޭނާގެ ދުލުގައި އެ ޖެހޭ ވަގުތު އެކަންޏެވެ. ރަހަ އާއި ޚިލާފަށް ފޭރާމަކީ އަބަދުވެސް މުޅި ހަށިގަނޑު އިހުސާސްކުރާ އެއްޗެކެވެ.
ނަހުލު ސޫރަތަކީ މައްކީ ދިގު ސޫރަތެކެވެ. މުޅި ސޫރަތުގެ ކުރީ ބައިތަކުގައި ﷲ ބަޔާންކުރައްވަމުން ގެންދެވީ އިންސާނާ ޝުކުރުވެރިވާން ޖެހޭ ސަބަބުތަކެވެ. މި ސޫރަތުގެ ފަސްވަނަ އާޔަތުން ފަށައިގެން ސޫރަތުގެ އެކި ހިސާބުގައި އިންސާނާއަށް ދެއްވި ގިނަގުނަ ނިއުމަތްތައް ވަރަށް ސަރީހަކޮށް ﷲ ބަޔާންކުރައްވަ އެވެ. އަދި ﷲގެ އަޒާބު މީހުންގެ މައްޗަށް ހުށަހެޅިގެންދާ ސަބަބުތައް ވެސް މެއެވެ. އިންސާނާގެ ނުބައި އަމަލުތަކުގެ ވާހަކަ ފައްޓަވަނީ މި ސޫރަތުގެ ހަތަރު ވަނަ އާޔަތުންނެވެ. އެގޮތުން އޭނާގެ ދެކޮޅުވެރިކަމާއި އާހިރަތަށް އީމާންނުވުމާއި ކިބުރުވެރިކަމާއި ޝިރުކު ފާހަގަކުރައްވަ އެވެ.
ފުންކޮށް ވިސްނައި ތަދައްބުރުކުރާއިރު މިއިން ލިބޭ އެއް ފިލާވަޅަކީ އިންސާނުން ތަހުޒީބާއި ތަރައްގީގައި ކުރިއަށް ދާއިރު އެމީހުންގެ މުޅި ފޯކަސް މާއްދިއްޔަތަށް ބިނާވާކަމެވެ. ހަށިގަނޑަށް އެކަނި އަމާޒުކޮށްގެން ކުރިއަށް ދާކަމެވެ. އެމީހުންގެ ކުރިއެރުމާއި ތަރައްގީގައި ރޫހީ ނުވަތަ އުހުރަވީ އެއްވެސް ކަމެއް ނުވުމެވެ. ނަތީޖާއަކީ އެމީހުންގެ ނަޒަރުން ފުރާނަ ނުވަތަ ނަފުސު އެއްކޮށް އުނިވެގެން ދިއުމެވެ.
ޤުރުއާނާއި މިސާލު: ތަނަވަސް ބާއްޖަވެރި ގައުމަކަށް ދިމާވި ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ