ނާލާފުށްޓަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ރަށަށް އެންމެ ބޭނުންވާ ކަންކަމާއި، ރަށުގެ ތަރައްޤީއަށް އެންމެ އެދޭކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާ މަޝްރޫޢު ފުރިހަމަ ނުވާތީ އެކަމުގައިހުރި ކަންބޮޑުވުންތަކާއި، ކަރަންޓުގެ މައްސަލަ ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވިދާޅުވީ މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް އުންމީދީ ވާހަކަފުޅުތަކެއްކަމުގައެވެ. އަދި ކޯޒްވޭ ތަރައްޤީކުރުމުން ނާލާފުއްޓަށް އެތައް ފައިދާތަކެއް ވާނެކަމުގައި އެބޭފުޅުން ވިދާޅުވިއެވެ. މީގެ އިތުރުން އޭ.ޓީ.އެމް އަދި ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ އިތުރުން ޖުމްލަކޮށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަހަށް ނިމުމަށް އެދިވަޑައިގަންނަވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށްދެއްވާކަމަށްޓަކައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ