ވައްކަމުގެ މައްސަލަ އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް ވައްކަމާއި ފޭރުމުގެ 357 މައްސަލަ ރިޕޯޓުކޮށްފައިވޭ ވައްކަމުގެ މައްސަލަ އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް ވައްކަމާއި ފޭރުމުގެ 357 މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ފުލުހަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތައް މަހަކަށްވުރެ މަހެއް އިތުރުވެ، މިދިޔަ މަހު އެކަނިވެސް 310 މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،267 މައްސަލަ ހުށަހަޅާފައި ވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި ވައްކަމުގެ މައްސަލަތައް އުޅެނީ 1،557 ގަ އެވެ.
މިދިޔަ އަހަރު ޖުމްލަ 3،762 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، 2023 ގައި ހުށަހަޅާފައިވަނީ 3،817 ވައްކަމުގެ މައްސަލަ އެވެ. އަދި 2022 ގައި 3،978 ވައްކަމުގެ މައްސަލަ ހުށަހަޅާފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމަރުތަކުން ކޮންމެ ދުވަހަކު ވެސް އެންމެ ގިނައިން ފެންނަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އަދި ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރާ ގިނަ މީހުން ބަންދުކުރާކަން ވެސް ފާހަގަކުރެ ވެ އެވެ.
މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވެގެން އުޅެނީ ކުރީ ސަރުކާރުން ދޫކޮށްލި ކުށްވެރިންގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިދިޔަ އަހަރުގެ ޖޫން މަހު ވިދާޅުވި އެވެ.
ވައްކަމުގެ މައްސަލަ ކުރީ ސަރުކާރާއި ގުޅުވުމުން ބޮޑެތި ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވި އެވެ.
މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެ ބާވަތުގެ 256 މައްސަލަ މި ދިޔަ މަހު ހުށަހަޅާފައި ވެއެވެ. 176 މައްސަލައާއެކު ތިންވަނައަށް އެންމެ ގިނައިން ފުލުހަށް މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ