އެމްޑީޕީއަށް ފަސް 'ފަނި' ފޮނުވިން، ކައުންސިލް އިންތިޚާބު 'އެއްކޮށް' ގެއްލުވައިލާނަން: ފަލާހު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް 'އެއްކޮށް' ގެއްލުވައިލާނެ ކަމަށް ވެރިކަންކުރާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާއެކު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވީ އިއްޔެ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމުގައެވެ. ފަލާހު ވިދާޅުވި ގޮތުގައި ނަޝީދު އެނބުރި އެމްޑީޕީއަށް އެ ވަޑައިގަންނަވަނީ އެމަނިކުފާނު ރޫޅާލައި، އެއްލައިލި ޕާޓީ އަލުން ރާވަންށެވެ. ވެރިކަން ކުރި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ ރޫޅާލާނަމޭ. ތެދެއް އެއީ. ރޫޅާލި 2023ގަ. ރޫޅާލި! ރައީސް ނަޝީދު ވިދާޅުވި ގޮތަށް ރޫޅާލާފަ އެއްލާލީ! މިހާރު ރާވަން އެ ވަޑައިގަތީ. އަނެއްކާ ރާވާނެ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ. އެއާއެކު ނަޝީދު ވަނީ ޖުލައި 13، 2023ގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި އެމްޑީޕީ 'ރޫޅާލާނެ' ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް އެމަނިކުފާނު ވިދާޅުވި ގޮތަށް، 2023ގެ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ޑިމޮކްރެޓްސް އުފެދިގެން އައިސް އެ ޕާޓީ ބައިބައިވުމުންނެވެ. ފަލާހު ވާހަކަދެއްކެވީ، އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅުވަޑައިގެން އެމްޑީޕީ އަލުން ރާވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީ ވަރުގަދަކޮށް ފެންނާނެ ފަދަ މޭރުމަކުންނެވެ. ނަމަވެސް އެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަޅުގަނޑުމެން ތިބޭނެ ފަސް ފަނި އެމްޑީޕީއަށް ފޮނުވާފަ. ފަސް ފަނި! މި އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށް ގެއްލުވާލާނަން އެމްޑީޕީއަށް. އެއްކޮށް ގެއްލުވާލާނަން އިއްޒަތްތެރި ރައީސް، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ. ހަމައެއާއެކު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ކުރިއަށް އޮތީ ކައުންސިލް އިންތިޚާބު ކަމަށްވީއިރު އެމްޑީޕީއަށް ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ