އިދިކޮޅު އެމްޑީޕީއަށް "ފަސް ފަނި" މިހާރު ފޮނުވާފައިވާނެ ކަމަށާއި އެ ޕާޓީއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު "އެއްކޮށް ގެއްލުވާލާނެ" ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ފަލާހު މިގޮތަށް ވިދާޅުވީ، އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ. އޭނާގެ ބަހުގެ ހަމަލާތައް ފޮނުއްވާފައި މިވަނީ، އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީ ރޫޅާލާނެ ކަމަށް ވިދާޅުވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އިއްޔެ ނިންމަވާފައިވާ ނިންމެވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "ވެރިކަން ކުރި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ ރޫޅާލާނަމޭ. ތެދެއް އެއީ، 2023ގައި ރޫޅާލި. ހަމަ ރޫޅާލީ! ރައީސް ނަޝީދު ވިދާޅުވި ރޫޅާލާނަމޭ، ހަމަ ރޫޅާލާފައި އެއްލާލީ. މިހާރު ރާވަން އެ ވަޑައިގަތީ. އަނެއްކާ ރާވާނެ،" ނަޝީދުގެ ނިންމެވުމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވި އެވެ.
އެއާ އެކު، ފަލާހު ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެން ވާނެ އެމްޑީޕީއަށް ފަސް ފަނި ފޮނުވާފައި، ފަސް ފަނި." އެއަށް މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"މި އަންނަ ލޯކަލް ކައުންސިލް [އިންތިހާބު] އެއްކޮށް އެމްޑީޕީއަށް ގެއްލުވާލާނަން، އެއްކޮށް ގެއްލުވާލާނަން،" ފަލާހު އިތުރަށް ވިދާޅުވި އެވެ.
ގުޅުން ހުރި - ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ އަންނަ އެޕްރީލް މަހު އެވެ. މިހާރު އޮތް ކައުންސިލްގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ 17 މެއިގަ އެވެ.
އެ އިންތިހާބުގެ ކުރިން 3،000 އިން މަތީގެ އާބާދީގެ ރަށްތަކަށް މިހާރު އިންތިހާބު ކުރަން ޖެހޭ ފަސް ކައުންސިލަރުންގެ ބަދަލުގައި ތިން ކައުންސިލަރުންނަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެމްޑީޕީއަށް 5 ފަނި ފޮނުވައިފިން؛ ކައުންސިލް އިންތިހާބު ގެއްލުވާލާނަން: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ