މިނިސްޓްރީގެ ބޭނުމަށް ސޯސަލް އިންޑޯ ކޯޓު ނެގުމުން ވޮލީ ކްލަބްތަކުގެ ފަރިތަކުރުންތަކަށް އިމާދުއްދީން ސްކޫލް ހޯލު ދީފި މިނިސްޓްރީގެ ބޭނުމަށް ސޯސަލް އިންޑޯ ކޯޓު ނެގުމުން ވޮލީ ކްލަބްތަކުގެ ފަރިތަކުރުންތަކަށް އިމާދުއްދީން ސްކޫލް ހޯލު ދީފި

އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ޒުވާނުންގެ މަރުކަޒު (ސޯސަލް ސެންޓަރު) އިންޑޯ ކޯޓު ނެގުމުން ފިރިހެން ވޮލީބޯލް ސީޒަނަށް ފަރިތަކުރުމަށް ކްލަބްތަކަށް އިމާދުއްދީން ސްކޫލް ހޯލު ހަމަޖައްސައިދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ނެގުމުން ފިރިހެން ވޮލީބޯޅަ ސީޒަން ފަސްކުރަން ވަނީ ޖެހިފަ އެވެ. އެންމެ ފުރަތަމަ ވޮލީބޯޅަ ސީޒަން ބޭއްވުމަށް ތާވަލުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އެކަމަކު، ބާސްކެޓް ބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން އެ ފަހަރު ވޮލީ ބޯޅަ ސީޒަން ފަސްކުރަން ޖެހުނީ އެވެ. ދެން ވޮލީ ބޯޅަ ސީޒަން ބޭއްވުމަށް ތާވަލުކުރީ މި މަހުގެ 19 ގަ އެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހަފްލާ އެއް އޮތުމުން، އެޑިއުކޭޝަން މިނިސްޓްރީ އަށް އިންޑޯ ހޯލު ދޭން ޖެހޭތީ، ވޮލީ ސީޒަން ވަނީ މި މަހުގެ 24 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
"އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ، ކުޅިވަރާ ބެހޭ ވުޒާރާއާ އެކު، ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު، ކްލަބްތަކުން ފަރިތަކުރުމަށް އިމާދުއްދީން ސްކޫލް ހޯލު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓަރާއެކު މަސައްކަތް ކުރަމުން މިއައީ، އަޅުގަނޑުމެން ރިކުއެސްޓް ކުރިން އެޑިއުކޭޝަންގެ ބޭނުމަށް ސޯޝަލް ސެންޓަރު ނަގާތީ، ދެން ކިރިޔާ ވެސް އިންޑޯ އެއްގައި ޕްރެކްޓިސް ކޮށްލެވެން މި އޮތް ދެ ކޯޓު ލިބޭނެ ގޮތެއް ހަދައިދޭން. އެއީ އެމްއެންޔޫ ހޯލު ދެން އިމާދުއްދީން ހޯލު. އެ ގޮތުން ކުރެވުނު މަސައްކަތްތަކުން، މިހާރު އިމާދުއްދީން ހޯލު ޓީމުތަކަށް މި އޮތީ ލިބިފައި." ލަތީފް ވިދާޅުވި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުގެ ކޮންގްރެސްގެ ތެރެއިން އެސޯސިއޭޝަންގެ ރައީސް، ލަތީފް.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް
މީގެ އިތުރުން، ލަތީފް ވިދާޅުވީ، މުބާރާތް ފަސްކުރަން ޖެހުމާ ގުޅިގެން ކްލަބްތަކަށް ލިބުނު ގެއްލުން ކުޅިވަރާ ބެހޭ ވުޒާރާއިން ބެލަމުން އަންނާނެ ކަމަށެވެ. އަދި، އެކޮމަޑޭޝަން އާއި އެހިނިހެން ހަރަދުތަކުގެ ތަފްސީލް މިނިސްޓްރީ އަށް ފޮނުވުމަށް އެދިފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓަކީ ރާއްޖޭގައި އޮތް ހަމައެކަނި އިންޑޯ ކޯޓެވެ. މި ކޯޓު ވޮލީގެ އިތުރުން ބާސްކެޓް އަދި ނެޓްބޯޅަ ކުޅުންތެރިން ވެސް ބޭނުންކުރާއިރު، ޓޭބަލް ޓެނިހުގެ އިންޓަނޭޝަނަލް މުބާރާތްތަކާއި ކެރަމް އިންޓަަނޭޝަނަލް މުބާރާތްތައް ހޯސްޓްކޮށްފައިވާއިރު، ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހަށް ވެސް ބޭނުންކޮށްފައިވެ އެވެ.
މިދިޔަ ސަރުކާރުން ސޯޝަލް އިންޑޯގެ މަރާމާތުގެ ގިނަ މަސައްކަތްތަކެއްކޮށް، އެތަނަށް ދިމާވެފައި އޮތް ހޫނުގަދަވުމުގެ މައްސަަލަ އަށް ހައްލު ހޯދައިދިން ފަހުން، އެ ތަނުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިވެންޓްތައް ބޭއްވޭ ނިސްބަތް ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ