އެމްއެންޑީއެފްގެ ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،789ރ. ހޯދައިފި

އެކްސިޑެންޓެއްގައި އެމްއެންޑީއެފްގެ ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،789 ރުފިޔާ ކޯޓަށް ގޮސްގެން އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މީހާގެ އަތުން ހޯދައިފިއެވެ. މި އެކްސިޑެންޓަކީ ފެބްރުއަރީ 28، 2023ވަނަ ދުވަހު އެމްއެންޑީއެފްގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެކެވެ. ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެ އެކްސިޑެންޓާ ގުޅިގެން އެ ކާރަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ޑިފެންސް މިނިސްޓްރީން ޚަރަދުކުރަން ޖެހުނީ 3،789 ރުފިޔާއެވެ. އެ ފައިސާ ދެއްކުމަށް އެކްސިޑެންޓް ހިނގަން މެދުވެރިވި މީހާއަށް ތަކުރާރުކޮށް އެންގުމުން ވެސް އެ ފައިސާ އޭނާ ދައްކާފައިނުވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައްކާގޮތަށް އެމްއެންޑީއެފުން ސިވިލް ކޯޓުގައި ދައުވާކުރީއެވެ. މި މައްސަލައިގައި ދައުވާކޮށްފައި ވަނީ މުހައްމަދު ޝިނާޒް ނަމަކަށް ކިޔާ މީހަކަށެވެ. ކޯޓު ހުކުމުގައި ބުނެފައިވާ ގޮތުގައި ޝިނާޒްގެ ފަރާތުން ދައުވާއަށް ދިފާއު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ދައުވާއަށް ދިފާއު ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ކާރުގެ މަރާމާތަށް މިނިސްޓްރީން ޚަރަދުކުރަންޖެހުނު 3،789 ރުފިޔާއަކީ ޝިނާޒްގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އަދި އިއްޔެއިން ފެށިގެން 14 ދުވަސްތެރޭ ސިވިލް ކޯޓަށް އެ ފައިސާ ދައްކަން ޝިނާޒްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ