މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާ ޕްލާންޓެއް ބަހައްޓައިފި

މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާ އާރުއޯ ޕްލާންޓެއް އެމްޑަބްލިއުއެސްސީން ބަހައްޓައިފި އެވެ.
ތަފްސީލް - އެމްޑަބްލިއުއެސްސީން ބުނީ އާ ޕްލާންޓް ބެހެއްޓީ މާލޭގައި ހުންނަ އެ ކުންފުނީގެ މަރުކަޒުގައި ކަމަށެވެ. މާލޭ މަރުކަޒަށް އިތުރުކުރި ޕްލާންޓާ އެކު މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޕްލާންޓްގެ އަގު ހިމެނޭހެން އިތުރު ތަފްސީލްތަކެއް އެމްޑަބްލިއުއެސްސީން 'އެކްސް'ގައި ކުރި ޕޯސްޓަކު ނެތެވެ.
ފާހަގަކޮށްލެވޭ - ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދަން ޕްލާންޓްތައް ބަހައްޓާފައިވެ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްމަތީން މުހައްމަދު މި އަހަރުގެ ކުރީކޮޅު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކުންފުނީގެ އަނެއް ހިއްސާދާރު ޖަޕާންގެ ހިޓާޗީއާ އެކު 10،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އިތުރުކުރާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅާލުމުގެ މަސައްކަތުގެ ދަށުން ފެން ހޮޅި ޓެސްޓު ކުރުމުގެ މަސައްކަތް މާޗު މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ. އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ސިނަމާލެ ބްރިޖާ އެކު އެ ހޮޅިން ދުވާލަކު 20،000 ޓަނުގެ ފެން ދައުރު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ