އެއްގޮތަކުން މިހާރު ވެސް އަހަރެމެންގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންނަށް މަރުހަބާ އާއި ތަހުނިޔާ ކިޔަންވީ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދަން ލިވަޕޫލްއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މިރޭ ރާއްޖޭގެ ގަޑިން 8:30ގައި ލިވަޕޫލްގެ އަމިއްލަ ދަނޑަށް ނުކުންނާނީ، އެ ޕޮއިންޓް ހޯދުމުގެ އަޒުމުގައި، ލަންޑަންގެ ޓީމެއް ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ.
ލީގުގެ ތާވަލްގައި މި ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގަކީ 45 ޕޮއިންޓެވެ. ލިވަޕޫލް 79 ޕޮއިންޓާ އެކު އެއްވަނަގައި އޮތް އިރު ޓޮޓެންހަމް 16 ވަނާގައި އޮތީ އެންމެ 37 ޕޮއިންޓް ލިބިގެންނެވެ.
ލިވަޕޫލަކީ އެންމެ ގިނަ ދިވެހިން ސަޕޯޓަކުރާ ބޭރުގެ އެއް ކްލަބެވެ. މި ސަޕޯޓަރުންގެ އެންމެ މަޝްހޫރު އަދި އެންމެ ވަރުގަދަ ޝަހުސިއްޔަތަކީ ޔަގީނުން ވެސް ކުރީގެ ރައީސް މައުމޫން އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި 1970ގެ އަހަރުތަކުން ފެށިގެން ގެންދަވަނީ ލިވަޕޫލަށް ސަޕޯޓްކުރައްވަމުންނެވެ. ގިނަ ދިވެހިންނަށް އޭރު ލިވަޕޫލަކީ ކޮބައިކަން ވެސް ނޭނގޭނެ އެވެ. އެއީ ޓީވީއެމް އުފެއްދުމުގެ ވެސް ކުރި އެވެ.
އާ ކޯޗު ނެދަލެންޑްސްގެ އާނޭ ސްލޮޓްގެ ފުރަތަމަ ސީޒަންގައި ލިވަޕޫލް ޕްރިމިއަ ލީގު ކާމިޔާބުކުރުމަކީ ލީގުގެ ތާރީހުގައި މެންޗެސްޓަ ޔުނައިޓެޑްއާ 20 ތަށިން އެއްވަރުކުރުމެވެ. އެއީ 1992ގައި ޕްރިމިއަ ލީގު ތައާރަަފުވުމުގެ ކުރިން ކުޅުނު އެއްވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ލިބުނު އަދަދުތައް ހިމަނައިގެންނެވެ.
މި ފަހަރުގެ ސީޒަން ފެށިއިރު އާ ކޯޗުގެ ދަށުން މި ކާމިޔާބު ހޯދިދާނެ ކަަމަަށް ލިވަޕޫލްގެ ސަޕޯޓަރުން ވެސް އުއްމީދެއް ނުކުރެ އެވެ. ނަމަވެސް އިނގިރޭސި ފުޓްބޯޅައަށް އާ އަދި އޭގެ ކުރިން ގިނަ މީހުންނަށް ވެސް އެނގިފައިނުވާ ސްލޮޓްގެ ގާބިލްކަން މިހާރު އެވަނީ ސާބިތުކޮށްދީފަ އެވެ.
ލީގުގައި ބާކީ ފަސް މެޗު އޮތް އިރު މިހާތަނަށް ލިވަޕޫލް ބަލިވީ އެންމެ ދެ މެޗުންނެވެ. ތާވަލްގައި އެހެން ޓީމުތަކަށް ވުރެ ދުރަށް 2 ނޮވެމްބަރުން ފެށިގެން ލިވަޕޫލް އައީ ޖެހެމުންނެވެ. ދެ ވަނާގައި އޮތް އާސެނަލްއަށް ވުރެ މިހާރު ވެސް ލިވަޕޫލް އެ އުޅެނީ 12 ޕޮއިންޓް ތަފާތެއްގަ އެވެ.
މައުމޫން އާއި ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންނަށް މުހިންމު ރެއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ