ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އިއްޔެ ނިންމަވައިފި އެވެ.
ރަޝިޔާ ސަރުކާރުން ބުނީ 8 މެއިގެ ހެނދުނުން ފެށިގެން 11 މެއިގެ ނިޔަލަށް ހަނގުރާމަ މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އެ ދުވަސްތައް ނިސްބަތް ވަނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމުގެ ކާމިޔާބީ ފާޅުކުރާ ދުވަސްތަކާ އެވެ.
އެކަމާ ގުޅިގެން ޔޫކްރެއިންގެ ހާރިޖީ ވަޒީރު އަންދުރީ ސިބިހާ ވަނީ މަދުވެގެން 30 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
މި މަހު ފާހަގަކުރި އީސްޓާގައި ވެސް 30 ގަޑިއިރަށް ހަނގުރާމަ ވަނީ ހުއްޓާލައިފަ އެވެ. އޭގެ ފަހުން ދެ ފަރާތުން ވެސް ވަނީ ކުރިމަތިލުންތައް ލުއިކޮށްފަ އެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ ވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އެތައް އިލްޒާމުތަކެއް އަޅުވައިފަ އެވެ.
ޔޫކްރެއިނުން 20 ފަހަރަށް ވުރެ ގިނަ ފަހަރު ހަނގުރާމަ ހުއްޓާލަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު ވެސް ވަނީ އެކަން ނާކާމިޔާބުވެފަ އެވެ.
ރަޝިޔާއިން އިއްްޔެ ނެރުނު ބަޔާނެއްގައި ބުނީ ޕޫޓިން ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރެއްވީ އިންސާނީ ވިސްނުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޔޫކްރެއިނުން ވެސް އެ ގޮތަށް އަމަލު ކުރުމަށް ރަޝިޔާއިން ވަނީ އެދިފަ އެވެ.
ރަޝިޔާގެ ބަޔާނަށް ފަހު ޔޫކްރެއިންގެ ހާރިޖީ ވަޒީރު ސިބީހާ ވިދާޅުވީ ރަޝިޔާއިން ހަގީގަތުގައި ވެސް ސުލްހަ އަށް އެދޭ ނަމަ ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ.
"މެއި މަހުގެ 8 ވަނަ ދުވަހާ ހަމައަށް އިންތިޒާރު ކުރަންވީ ކީއްވެ؟" އެކްސްގައި އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިޔާއިން ހަނގުރާމަ ހުއްޓާލުމަށް އެދޭ ނަމަ ހަގީގަތުގައި އެކަމަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫކްރެއިން އޮތީ ދެމެހެއްޓެނިވި އަދި ދިގުދެމިގެންދާ ފުރިހަމަ ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރަން ތައްޔާރަށް ކަމަށެވެ. ޔޫކްރެއިނުން އެދޭ ގޮތަކީ ހަނގުރާމަ މެދުކަނޑާލާ ނަމަ މަދުވެގެން 30 ދުވަހަށް މެދުކަނޑާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާއިން ފުރިހަމަ ބާރާ އެކު ހަނގުރާމަ ފެށީ 24 ފެބްރުއަރީ 2022ގަ އެވެ. ޔޫކްރެއިންގެ ގާތްގަނޑަކަށް %20 ސަރަހައްދުގެ ކޮންޓްރޯލް އޮތީ ރަޝިޔާގެ އަތުގަ އެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު މޮސްކޯއިން ހިފާފައިވާ ދެކުނު ކްރިމިއާ ޕެނިންސިއުލާ ވެސް ހިމެނެ އެވެ.
ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ 3 ދުވަހަށް މެދުކަނޑާލަން ޕޫޓިން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ