އެމަޒޯންގެ އިންޓަނެޓް ސެޓެލައިޓްތައް ޖައްވަށް ފޮނުވަން ފަށައިފި

އެމަޒޯން ކުންފުނީގެ ކުއިޕާ އިންޓަނެޓް ސެޓެލައިޓްތައް ޖައްވަން ފޮނުވަން ފަށައިފިއެވެ. އެމެރިކާގެ ފްލޮރިޑާއިން 27 ކުއިޕާ އިންޓަނެޓް ސެޓެލައިޓް އިއްޔެ ފޮނުވާލައިފައިވާއިރު، މިއީ އެ ކުންފުނިން ގާއިމުކުރަން ރޭވި 3,236 ސެޓެލައިޓުގެ ވިއުގައަކުން ފުރަތަމަ ބެޗެވެ. މި މަޝްރޫއަކީ ސްޕޭސް އެކްސްގެ ސްޓާލިންކް ނެޓްވޯކާ ވާދަކުރުމަށް ތަރައްގީކުރާ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި ސެޓެލައިޓްތައް ފޮނުވާލީ ބޯއިންގް އަދި ލޮކްހީޑް މާޓިންގެ ޖޮއިންޓް ވެންޗާ، ޔުނައިޓެޑް ލޯންޗް އެލަޔަންސްގެ އެޓްލަސް 5 ރޮކެޓެއްގައި ކޭޕް ކެނަވަރަލް ސްޕޭސް ފޯސް ސްޓޭޝަނުންނެވެ. މި މަޝްރޫއު މެދުވެރިކޮށް މުޅި ދުނިޔެއަށް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރާވައިފައެވެ. އެމަޒޯންގެ ޕްރޮޖެކްޓް ކުއިޕާއަކީ 2019 ގައި އިފުތިތާހުކުރި މަޝްރޫއެކެވެ. ކުއިޕާގެ ޚިދުމަތް މެދުވެރިކޮށް އާންމުންނަށާއި، ވިޔަފާރިތަކަށް އަދި ސަރުކާރުގެ އިދާރާތަކަށް ވެސް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރާވައިފައެވެ. މި ޚިދުމަތް އަމާޒުކޮށްފައިވަނީ އިންޓަނެޓްގެ ޚިދުމަތް ކުޑަކޮށް ލިބޭ ނުވަތަ އެއްވެސް ވަރަކަށް ނުލިބޭ ސަރަހައްދުތަކަށެވެ. އެމަޒޯންގެ މި މަޝްރޫއު އެއް އަހަރަށްވުރެ ގިނަ ދުވަހަށް ލަސްވުމަށްފަހު ފެށިފައިވާއިރު، އެ ކުންފުންޏަށް ޔޫއެސް ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ލާޒިމްކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް 1,618 ސެޓެލައިޓް ޖައްވަށް ފޮނުވަން ޖެހޭނެކަމަށެވެ. ނަމަވެސް މާހިރުން ލަފާކުރާގޮތުގައި އެމަޒޯން ކުންފުނިން މި މުއްދަތު އިތުރުކުރުމަށް އެދޭނެއެވެ. ކުއިޕާ މަޝްރޫއަށް ތައްޔާރުވެފައިވާ ލޯންޗް ޕެޑަކުން މިއަހަރު އިތުރު ފަސް މިޝަން ފުރުވާ ލެވިދާނެކަމަށް ޔޫއެލްއޭގެ ސީއީއޯ ޓޯރީ ބުރޫނޯ ބުނެފައިވެއެވެ. އެމަޒޯން ކުންފުނިން ބުނެފައިވާގޮތުގައި މިއަހަރުގެ ފަހުކޮޅު ކަސްޓަމަރުންނަށް މި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެއެވެ. އެމަޒޯންގެ ވެރިން ގަބޫލުކުރާގޮތުގައި މި މަޝްރޫއާއެކު، ސްޓާލިންކާ ކާމިޔާބުކަމާއެކު ވާދަކުރެވޭނެއެވެ. އޭގެ ސަބަބަކީ އެމަޒޯންގެ ކްލައުޑް ކޮމްޕިއުޓިން އާއި ކަސްޓަމަރުންނާއެކު މަސައްކަތްކުރުމުގައި ލިބިފައިވާ ތަޖުރިބާ ކަމަށް އެ ކުންފުނިން ބުނެއެވެ. ޕްރޮޖެކްޓް ކުއިޕާއަކީ ލޯ-އަރތު އޯބިޓްގައި ގާއިމުކުރާ ސެޓެލައިޓް ވިއުގައެކެވެ. ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓުތައް ފޮނުވަން ފެށީ 2019ގައި ކަމަށްވާއިރު، އެމަޒޯންގެ މަޝްރޫއު ފެށުން ލަސްވެފައިވަނީ އެކި ގޮންޖެހުންތަކާ ހުރެއެވެ. ދެހާސް ތޭވީހުގައި އެމަޒޯންގެ ދެ ޕްރޮޓޯޓައިޕް ސެޓެލައިޓް ފޮނުވާލުމަށްފަހު މިދިޔަ އަހަރު އެ ދެ ސެޓެލައިޓް ބިމަށް ވައްޓައިލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ