ސޮބާހް ބަންދުގައި ބަހައްޓަން ނެރުނު އަމުރު ހައި ކޯޓުން ދަމަހައްޓައިފި

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ބަންދުގައި ބަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ސޮބާހު ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މިިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުން އުފައްދަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. އެ މައްސަލައިގައި ސޮބާހު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އަމުރުކޮށްފަ އެވެ.
އެ މައްސަލަ ސޮބާހުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސޮބާހު ބަންދުކުރަން ނެރުނު އަމުރަށް ބަދަލެއް ގެންނަންޖެހޭ އެއްވެސް ތަނެއް ނެތް ކަމަށެވެ. އަދި އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އެއްބަސްވެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ސޮބާހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވެސް އެ މައްސަލައިގައި ވަނީ ހައްޔަރުކޮށްފަ އެވެ. އިމްރާނާއި އަލީ ވަހީދުގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ