މުޅި އަހަރު ރޯދަހިފުމުގެ ސަވާބު

މުސްލިމުންނަށް ހޯދަން އެންމެ ފަސޭހަ އެއްޗަކީ ސަވާބެވެ. މި އުންމަތަށް ޓަކައި އެ ކަން އޮންނަނީ އަދި މާ ބޮޑަށް ފަސޭހަ ކުރައްވައިފައެވެ. ދަރުމައާއި އަޖުރު އިތުރުކުރުމުގައި، މީގެ ކުރީގެ އުންމަތްތަކަށްވުރެ މި އުންމަތުގެ މީހުންނަށް މާތް ﷲ ވަނީ ލުއިކޮށްދެއްވައިފައެވެ. އެ ގޮތުން ބަލާއިރު މިޢުރާޖުގެ ރޭ ޝަރުޢު ކުރެއްވުނު 50 ނަމާދު މި އުންމަތުގެ މީހުންނާ ހަމައަށް ގެނެސްދެވުނީ 5 ނަމާދުން 50 ނަމާދުގެ ސަވާބު ލިބޭ ގޮތަށެވެ. ޒަކާތާއި ރޯދައާއި ޙައްޖު ވެސް ހަމަ އެފަދައެވެ. ހޭދަކުރުމުގައި ވަންހަނާކުރިވަރަކަށް އަޖުރު ގިނަވެއެވެ. ރޯދައިގެ އަޅުކަމަށް އަޖުރު ދެއްވުން ވަނީ ﷲ سبحانه وتعالى އަމިއްލަ ޒާތުފުޅަށް ނަންގަވައިފައެވެ. ރޯދައަށް ދެއްވާ އަޖުރު އެކަލާނގެ ފިޔަވާ އެއްވެސް އެހެން ފަރާތަކަށް ނޭނގޭނެއެވެ. މަބުރޫރު ޙައްޖެއް ވެއްޖެ މީހާ، އޭނާގެ މަންމަގެ ބަނޑުން އަލަށް އުފަންވީ ފަދައެވެ. ކިހާ މަތިވެރި ސަވާބާއި ދަރުމަތޯއެވެ. އެއް ހާސް ގުނައި ތުރުވާ އަޖުރުން ފުރިގެންވާ ޤަދަރުވެރި ރެއެއް އެ މަހުގައި ހިމެނުނު ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢުކީ ސަވާބާއި ދަރުމަ ފަށްފަށްކުރާނޭ އިތުރު ފުރުޞަތެއް ވެސް ފަހިކޮށްދެމުންނެވެ. އެއީ ޝައްވާލު މަހުގައި ހިފަން ސުންނަތްވެގެންވާ ހަ ރޯދައެވެ. ދިވެހިންގެ ތެރޭ ޒަމާނުއްސުރެ ހަރޯދައިގެ ނަމުން މަޝްހޫރުވެފައި އޮންނަ ސުންނަތްކަން ގަދަވެގެންވާ ރޯދައެވެ. ޝައްވާލުމަހުގެ ފުރަތަމަ ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި ވެސް ސުންނަތް ހަރޯދައިގެ ރޯދައެއް ހިފިދާނެއެވެ. ޝައްވާލުމަހުގެ ފުރަތަމަ ދުވަހަކީ ފިޠުރު އީދު ކަމަށް ވާތީ އެ ދުވަހު ރޯދަހިފުން މުޠުލަޤުކޮށް އޮންނަނީ ޙަރާމްވެފައެވެ. ޝައްވާލުމަހުގެ ހަ ރޯދައަކީ ސުންނަތްކަން ގަދަވެގެންވާ، ލޮބުވެތިކަން އެންމެ ބޮޑު ރޯދައެވެ. އެއީ ވާޖިބު ރޯދައެއް ނޫނެވެ. އެހެނަސް ދަރުމައާއި އަޖުރުގެ ގޮތުން މަތިވެރި ވެގެންވާ ސުންނަތް ރޯދަތަކެވެ. ރަމަޟާންމަހުގެ ރޯދައަށްފަހު ޝައްވާލުމަހުގެ ހަރޯދަ ހިފައިފި މީހާ މުޅި އަހަރު ދުވަހު ރޯދަހިފި ފަދަ މީހަކު ކަމުގައި ވާނެއެވެ. އަބޫ އައްޔޫބުގެފާނުގެ ކިބައިން އިމާމް މުސްލިމާއި، އަބޫ ދާވޫދާއި، ތިރިމިޒީއާއި، ނަސާއީއާއި، އިބުނު މާޖާ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވަނީ «مَنْ صَامَ رَمَضانَ ثُمَّ أَتَبَعَهُ سِتًّا مِنْ شَوَّالٍ كانَ كصِيَامِ الدَّهْرِ»އެވެ. މާނައީ: "ރަމަޟާންމަހުގެ ރޯދައަށް ފަހު، ޝައްވާލުމަހުން 6 ދުވަހު ރޯދަ ހިފައިފި މީހާ މުޅި އަހަރު ދުވަހު ރޯދަހިފި ފަދައެވެ." ލޮބުވެތި ކިޔުންތެރިންނޭވެ! މާތް ﷲގެ ޙިކުމަތްވަންތަކަން ނިކަން ދެކެބަލާށެވެ. ރަމަޟާންމަސް ނިމުމާ އެކު ރޯދަހިފުން މުޅިން އެކަށް ނިމުނީ ނޫންކަން ކޮންމެ މުސްލިމަކަށް ޔަޤީން ކަށަވަރުކޮށް ދެއްވުމަށް ޓަކައި، އެ މަހާ ވިދިގެން އޮންނަ މަހުގައި ހަފްތާއެއްހައި ދުވަހު ރޯދަ ހިފާގޮތަށް އެ އޮތީ ހަމަޖައްސަވައިފައެވެ. އަނެއްކާ ވެސް އަނެއް ރަމަޟާންމަސް އަންނަންދެން ރޯދައާ މެދު ޣާފިލުވެފައި މުސްލިމުން ތިބޭކަށް ނުޖެހޭނޭ ކަން މި ޙިކުމަތްތެރި ތަރުތީބުން ވަރަށް ސާފުކޮށް އެނގެއެވެ. އަދި ހަމަ އެފަދައިން އެ ރޯދަތައް ހިފުމަށް ބާރުއަޅުއްވައި ހިތްވަރުދެއްވުމަށް މާތް ﷲ އެ ވަނީ އެ ރޯދަޔަށް ސަމާލުވެއްޖެ ކޮންމެ މީހަކަށް މަތިވެރި ސަވާބެއް ކަނޑައަޅުއްވައިފައެވެ. އެއް އަހަރު ދުވަހު ރޯދަ ހިފައިފި މީހަކަށް ލިބޭނެހައި ގިނަ އަޖުރެވެ. އެއްވެސް ދުވަހެއް ދޫކޮށްނުލައި ފުރިހަމަ އެއް އަހަރު ރޯދަ ހިފޭނީ އަޅުގަނޑުމެންގެ ތެރެއިން ކާކަށްތޯއެވެ؟ ރަމަޟާންމަހުގެ ރޯދައަށް ފަހު ޝައްވާލުމަހުގައި ހަ ރޯދަ ހިފައިފި މީހާއަށް ފުރިހަމަ އެއް އަހަރުދުވަހުގެ ސަވާބު ކަށަވަރު ވާގޮތަކީ ކޮބައިތޯއެވެ؟ މި ޒަމާނުގައި ވަރަށް ގިނަ ކަންކަމަކީ ކުރިޔައިލާ ހިސާބު ޖަހައިގެން، އެއިން ނުކުމެ ދާނެ ނަތީޖާތައް ދެނެގަނެގެން މީސްތަކުން ކޮށްއުޅޭ ކަންކަމެވެ. މި ކަމުގައި ވެސް އޮތީ ހިސާބުޖަހައިގެން ބެލުމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ... ﴾ ‎(الأنعام: ١٦٠) މާނައި: "ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެ މީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ސަވާބު ހުށްޓެވެ." އެހެންކަމުން 1 މަސް 10ގުނަ ކޮށްލުމުން 10 މަސްކަމުގައި ވާނެއެވެ. ނުވަތަ 30 ދުވަސް 10އަކާއި ގުނަކުރުމުން ވާނީ 300 ދުވަހަށެވެ. އެއީ ރަމަޟާންމަހުގައި ހިފި ރޯދައިގެ ސަވާބެވެ. ދެން ޝައްވާލު މަހުގެ 6 ރޯދަ، ކޮންމެ ރޯދައެއްގެ ސަވާބު 10ގުނައަށް އިތުރުކޮށްދެއްވާ ނަމަ އެއީ 60އެވެ. ނުވަތަ 2 މަސްދުވަހެވެ. އެހެން ކަމުން ރޯދަމަހުގެ 300 އަޖުރާއި ހަރޯދައިގެ 60 އަޖުރު ވުމުން 360 ހަމަވީއެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރަމަޟާންމަހުގެ އަޖުރު 10 މަހާ އެއްވަރުވެފައި ހަ ރޯދައިގެ އަޖުރު 2 މަސްދުވަހުގެ އަޖުރާ އެއްވަރު ވުމުން 12 މަސްދުވަހުގެ އަޖުރު އެ މީހަކަށް ލިބުނީއެވެ. އެއީ ފުރިހަމަ އެއް އަހަރު ދުވަހު ރޯދަ ހިފުމުގެ އަޖުރު ނޫންތޯއެވެ؟ އަޅުގަނޑުމެންނަށް އޮތީ މުރާލިކަންމަތީ ދުނިޔޭގައި މަސައްކަތް ކުރުމެވެ. އަޖުރު ދެއްވުން ވަނީ ﷲއަށެވެ. އެ މީހަކު ކުޅަ މަސައްކަތާ އެއްވަރު، ނުވަތަ އެއްއަށްވުރެ މަތިވެރި އަޖުރެއް ދެއްވާނޭ ކަމަށް މާތް ﷲ ވަނީ ވަޢުދުވެވޮޑޮގެންފައެވެ. ﷲއީ ވަޢުދާ ޚިލާފުވެވޮޑިގަންނަވާ ފަރާތެއް ނޫނެވެ. އެ ޔަޤީންކަމާ އުންމީދުގައި އަޅުކަންކޮށްފި ކޮންމެ މުސްލިމަކު އާޚިރުގައި އެ ކަން ދެކޭނެއެވެ. އެފަދަ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ